Support Us

އައްޑޫސިޓީގެ ލޮބުވެތި ދަރީންނޭ!

ކޮންމެ ސަރުކާރެއް އަޔަސް އައްޑޫ ސިޓީގެ މި ޙާލަތަށް
ކޮން ކަމެއް، ކޮން ކުރިމަގެއް ތޯއޭ އޮތީ އައްޑޫ ސިޓީއަށް

މާލެއާ މާ ދުރު ހިސާބެއް ގައި އެކަނި އޮތުމީ ކުށެއްތޯ؟
ޙާލަތެއް އެއްވެސް ރަނގަޅު ހޯދައި ނުދޭ އައްޑޫ ސިޓީއަށް

އާމްދަނީއެއް އަދި ވަޒީފާ ފުރުސަތެއްވެސް ނެތްކަމުން
ޢާއިލާ ތައް ރޫޅި ބައި ބައި ވުން އޮތީ އައްޑޫ ސިޓީ އަށް

ދިވެހި ސަރުކާރުގެ ފަރާތުން ކުރިމަގެއް ހޯދައިނުދީ،
އިތުރު އިސްތިޢުމާރު ފަތުރާ ތަން ފެނޭ އައްޑޫ ސިޓީއަށް

ދުނިޔެއިން އަދުފެންނަ އިސްތިޢްމާރުނަށް ދަޢުވަތު ދެމުން
މުޅި ބިމުން ބޮޑު ޖާގަދިނަކަސް ނެތް މޮޅެއް އައްޑޫ ސިޓީއަށް

ބަޑިތަކާއި ބޮމާއި ރައްކާކޮށް ބަހައްޓާ ބިންގަރާހާ
ބަޑި ޓްރޭނިން ސެންޓަރާއި، ނުރައްކަލޭ އައްޑޫ ސިޓީއަށް

އިގްތިޞާދީ އިޖްތިމާޢީ އަނދަވަޅެއްގެ ތެރޭ ވެގެން
އިތުރު އެއްވެސް ކުރިމަގެއް ދެންހަމަ ނެތޭ އައްޑޫ ސިޓީއަށް

ކޮންމެ ފަހަރަކު އިންތިޚާބެއް ކައިރިވާއިރު މޮޔަވެގެން،
ކޮންމެ ސަރުކާރެއް، އަރައި ދަޅަ ދައްކަނީ އައްޑޫ ސިޓީއަށް

އާމްދަނީއެއް ހޯދިދާނެ މަގެއް ނުދައްކާ އައްޑު އަތޮޅަށް
"ގައިންގަޔަށް މިއަރާ ނުބައި ވައިރަސް" ގެނައި، އައްޑޫ ސިޓީއަށް

އިގްތިޞާދީ، އިޖްތިމާޢީ، މުޅި ނިޒާމު ހަލާކު ކޮށް،
އިމްތިޔާޒެއް، ނޯންނަ ދައުރެއް ހަމަ ނެތޭ، އައްޑޫ ސިޓީއަށް

އަތޮޅުގައި ތިބި މަހުޖަނުންނާ، ޝޭޚުނާ، އުސްތާޒުނާ،
އަތޮޅު ދޫކޮށް ދިޔަ ސަބަބު، ކުރިމަގު ނެތީ، އައްޑޫ ސިޓީއަށް

ވަކި ބަޔަކު ފައިދާ އަކަށް، ޖީބަށް ލެވޭބައި ބޮޑުކުރަން،
މަތި އޮމާންކޮށް ދެއްކިޔަސް ބިރުވެރިކަމޭ އައްޑޫ ސިޓީއަށް

އަދު ފަލަސްޠީނާއި، މަލިކަށް، ޖެހުނު ފަދަ އަޅުވެތި ކަމެއް،
އަދު އެޙާލަތު އަންނަ "ޓައިމު އެލާމުވޭ" އައްޑޫ ސިޓީއަށް

މިއަދު މިކުޅޭ ފިލްމު ގޮސް ނިމިގެން "ދަ އެންޑު" އަރާއިރަށް،
އިތުރު "ފިލްމް ސްޓާރުނެއް" އަންނާނެ އަދި އައްޑޫ ސިޓީއަށް

ލާހިކެއް ނޫން! ތިޔަ ނުފޫޒުން ދެން ސަލާމަތް ވާކަށެއް،
ބާރު ނުހިނގާ ޙާލުވެސް ޖައްސާނެ އަދި އައްޑޫ ސިޓީއަށް

ވިސްނަވާށޭ! ދަރުމަވާނޭ! އައްޑު އަތޮޅުގެ އޭ! ދަރީންނޭ،
ގިސްލުމާ، ލޭ ކަރުނަ ނޫން އެއްޗެއް ނެތޭ، އައްޑޫ ސިޓީއަށް

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
3212
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *