ތާކު އިނދެ ގިސްލާ ރޮވޭ އެބަ މާކުރީގެ ހަނދާނަކުން
ކީއްކުރާނީ ނުފިލައޭ ލީ ލަކުނުތައް އަދި މިހިތަކުން
ހަމަހިމޭން މެންދަމުގެ އެކަހެރި، ވަގުތު ފަޅުފިލުވައިދެނީ
ހަމައެކަނި މިހިތަށްޓަކައި ހިތު ވިންދު އިއްވާ ތާލަކުން
ސިއްސުވާލީ ބަލި ހިތެއް ހަމަ، "ލޯމެރުނު" ތަންވަޅު ބަލާ
ސިއްރުސިއްރުން މޭގެ ކަނުގައި، ގުނަވި ގަދަފަދަ ރިހުމަކުން
ފިރުކެމުން ލޭ ނާރުތަކުގައި، ދައުރުވާ ހިތި އަސަރުތައް
ފޮރުވުމަށް ހިތް ނުކުޅެދިއްޖޭ، ވިންދު ކުޅަ މަޖުބޫރަކުން
އިޝްޤު ދިން ދިލަ ހޫނުގައި ފިހި، ކެތްކުރަން ދަސްވީފަހުން
ޖިސްމުގައި "ހުޅު ރޯކުރީ" އަދު، މާނަ ފުން ޖަޒުބާތަކުން
ހީރަހެއްގައި ހަރުވެފައިވާ "ބަނަ"، ދެތިން ޞަފުޙާއަކާ
ކޫރުމެއް ފިޔަވައި ނެތޭ ދިން، "ލައްޒަތެއް" މާޒީއަކުން
