Support Us

ރާބުއިމަށް ދެވިހިފި ޒުވާނެއް- ފަހުން ދުނިޔޭގެ އެންމެ މޮޅު އެއް އިލްމުވެރިޔާއަށް

އެއީ އިރާޤުގެ ބަޞަރާގައި އުޅުނު ޒުވާނެކެވެ. އެ ސަހަރުގައި އޭނާ މަޝްހޫރުވެފައިވަނީ ރާބުއިމަށް ދެވި ހިފާފައިވާ ޒުވާނެއްގެ ގޮތުގައެވެ. އަބަދާއި އަބަދުމެ ހުންނަނީ މަސްތުގެ ޙާލުގައެވެ. އެއްވެސް ތަޢުލީމެއް އަދަބެއް ސަދަބެއް ނެތި އެރަށުގައި އުޅުނު އެންމެ ވިޔާނުދާ ކުދިވެރިންނާ އެކު އުޅެމުންދިޔަ ޒުވާނެކެވެ. ވިޔާނުދާ ކުދިވެރިންގެ ތެރެއިންވެސް އެންމެ އަރާހުރި ޒުވާނާއަކީ އޭނާއެވެ. ނަމަކީ އަބުދުﷲ ބުން މަސްލަމާ އަލް ގާނަބީއެވެ. އަބްދުﷲ އަކީ އެއްވެސް ލަދެއް ހަޔާތެއް ނެތި މަގުމަތީގައި ހާމަޔަށް ބަނގުރާފުޅި ހިފައިގެން ބޮއި އުޅުނު ޒުވާނެކެވެ. އެހާވެސް ލަދުވެތިކަން ކުޑައެވެ.

ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި އަބުދުﷲ އޭނާގެ އެކުވެރިންނާއެކު ރާބޮއި އަމަލުވެގެން ނުކުތެވެ. މިގޮތުގައި އަބުދުﷲ އާއި އޭނާގެ އެކުވެރިން ތިއްބާ މީސްތަކުން މާ ހަލުވިކަމާ އެކު އެއްދިމާލަކަށް ޖަމާވަމުން ދިޔަތަން އަބުދުﷲ އަށް ފެނުނެވެ. ރަނގަޅަށް ނަޒަރު ހިންގާލި އިރު އެދިމާލަކަށް ދިޔުމަށް އެކަކަށްވުރެ އަނެކަކު ކުރިއަރައިދާން އުޅޭތަން ފެނުމުން މި ވެގެން އުޅޭ ގޮތެއް އޮޅުންފިލުވާލުމުގެ ޝައުޤުވެރިކަމާއި އެކު އަބުދުﷲ ވެސް އިންތަނުން ތެދުވިއެވެ. އަދި އެއްއަތުން ބަނގުރާފުޅި ހިފައިގެން އެދިމާލަށް ހިނގައިގަތެވެ. އެހިނދު އޭނާ އަށް ފެނުނީ ހިމާރެއްގެ މަތީގައި އިން ވަރަށް މާތް ބޭކަލެއްގެ ވަށައިގެން މީސްތަކުން ޖަމާވެފައިވަނިކޮށެވެ.

އެހެންކަމުން ކައިރިޔަށް ޖެހިލާފައި އެއްވެފައި ތިބި މީހުން ކައިރިން އަހާލިއެވެ. "މިބޭކަލަކީ ކާކު ހެއްޔެވެ؟" ޖަވާބުގައި މީސްތަކުން ބުންޏެވެ. "މަޝްހޫރު އިމާމެވެ." އަބުދުﷲ ސުވާލުކުރިއެވެ. "ކޮން ނަމެއް ކިޔާ އިމާމެއް ހެއްޔެވެ؟" ޖަވާބުގައި މީސްތަކުން ބުންޏެވެ. "شُعْبَة بِن الحَجَّاْج އެވެ." އަބުދުﷲ އަނެއްކާވެސް ސުވާލުކުރިއެވެ. "ކީތްކުރާ އިމާމެއް ހެއްޔެވެ. އޭނާ ކުރަނީ ކޮންކަމެއް ހެއްޔެވެ؟" ޖަވާބުގައި މީސްތަކުން ބުންޏެވެ. "ދީނީ ދަންނަބޭކަލެކެވެ. ހަދީޘް ޢިލްމުވެރިއެކެވެ." އަބުދުﷲ އަނެއްކާވެސް ކުރީ ސުވާލެކެވެ. "ހަދީޘް އިލްމުވެރިންނަކީ ކީތްކުރާ ބައެއް ހެއްޔެވެ؟' ޖަވާބުގައި މީސްތަކުން ބުންޏެވެ. "އެއީ މީސްތަކުންނަށް އިސްލާމްދީން އުނގަންނައިދެއްވާ، މާތްނަބިއްޔާގެ ސުންނަތާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އުނގަންނައި ދެއްވާ ބޭކަލުންނެވެ."

މީސްތަކުންގެ މިޖަވާބާ އެކު އަބުދުﷲ އެއްވެފައިވާ މީސްތަކުން ފޭކޮށްޕައި ގަޅުވަމުން އިމާމް ޝުއުބަތު ބުން ހައްޖާޖުގެ އަރިހަށް ވަގުތުން ދިޔައެވެ. އަދި އެކަލޭގެފާނާ މުޚާތަބުކޮށް ބުންޏެވެ. "ކަލޭގެފާނަކީ މުޙައްދިޘަކު ކަމުގައި ވާނަމަ އަހަންނަށް އެންމެ ހަދީޘެއް ކިޔައިދީބަލާށެވެ." އެހިނދު އިމާމް ޝުއުބަތު އަބުދުﷲ އާ ދިމާލަށް ބައްލަވާލެއްވިއެވެ. އަދި އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން ދެނެވަޑައިގަތެވެ. އަދި އޭނާ އަތުގައި ބަނގުރާފުޅި އޮތްތަން ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. ހަދީސް އިލްމު އުނގެނެން ބޭނުންވާ މީހާ ހުންނަންވާނީ މީސްތަކުން ދައްކާ ވާހަކަ ފަހުމްވާ ފަދަ ހާލަތެއްގައެވެ. ތިބާ ތިޔަހުރީ އެފަދަ ހާލަތެއްގައި ނޫނެވެ. އިމާމް މި ޖަވާބާމެދު އަބުދުﷲ ހިތްހަމަނުޖެހުނެވެ. އަދި ރައްދުގައި ބުންޏެވެ. "އަހަންނަށް ހަދީޘްއެއް ކިޔައިދޭށެވެ. ނޫން ނަމަ އަހަރެން ތިބާގައިގައި ތަޅައިގަންނާނަމެވެ."

ކޮންމެއަކަސް އަބުދުﷲ ގޮތްދޫނުކޮށް އުޅެންފެށުމުން އިމާމް ޝުއުބަތު ކުޑަކޮށް ވިސްނާލެއްވުމަށްފަހު އަބުދުﷲ އަށް ހަދީސްއެއް ވިދާޅުވެދެއްވިއެވެ. އެގޮތުން ވިދާޅުވިއެވެ. "މާތްﷲ ރުއްސުންލެއްވި އަބޫ މަސްޢޫދު ރިވާ ކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ﷺ ހަދީޘްފުޅު ކުރައްވާފައިވެއެވެ. "އިހުގެ ނަބީބޭކަލުންގެ ބަސްފުޅެއްގައި ވެއެވެ. ތިބާގެ ކިބައިގައި ލަދުވެތިކަން ނުވާނަމަ (ލަދުވެރިކަމެއް ނެތި ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކަށް އަރައިގަންނަ ނަމަ) ދެން ތިމާ ބޭނުން ކަމެއް ކުރާށެވެ."

ފަހެ މި ހަދީސް އަޑު އިވުމާ އެކު އަބުދުﷲ ހުއްޓުން އަރައި އަތުން ބަނގުރާފުޅި ދޫވެގެން ވެއްޓުނެވެ. އަދި ބޭ އިޚްތިޔާރުގައި ބުނެވުނެވެ. "ނަބިއްޔާ ﷺ ހަމަ ތިފަދައިން ހަދީސްފުޅުކުރެއްވި ހެއްޔެވެ؟" އަދި ލަދުވެތިކަމާ އެކު އަމިއްލަ ނަފްސާ މުޚާތަބުކޮށް ބުންޏެވެ. "އަހަންނަކީ ހާދަހާ ލަދުކުޑަ މީހެކެވެ."

ކޮންމެއަކަސް މިގޮތުގައި ހުއްޓުން އަރާފައި އިރުގަނޑަކު ހުރުމަށްފަހު އަބުދުﷲ އޭނާގެ ގެއާ ދިމާއަށް ދުއްވައިގަތެވެ. އޭރު އިމާމް ވިދާޅުވި ހަދީޘް އޭނާގެ ހިތުގައި ބިންވަޅުނެގިފައި ހުއްޓެވެ. ގެއަށް ވަދެވުމާއެކު ފޮރުވައިފައި ހުރި ހުރިހާ ރާފުޅިތައް ނަގައި އެތަކެތި ބިމަށް އޮއްސާލިއެވެ. އަދި ފުޅިތައް އުކާލުމަށްފަހު އޭނާގެ ކޮޓަރިޔަށް ވަދެ ތަޅުލިއެވެ. އަދި އޭނާގެ މަންމަ ގާތު ބުންޏެވެ. "އަހަރެން ހޯދުމަށް މިގެޔަށް އަހަރެންގެ އެއްވެސް އެކުވެރިއަކު އައިސްފިނަމަ ބުނާށެވެ. އަހަރެން ދެން އެމީހުންނާ ބައްދަލުކުރާކަށް ބޭނުމެއް ނޫނެވެ." މިހެން ބުނުމަށްފަހު ހަމަހިމޭނުން އެތައް އިރުގަނޑަކު އަބުދުﷲ އިނެވެ. އަދި ވިސްނަންފެށިއެވެ. "އަހަރެންނަށް މި ދިރިއުޅެވުނީ ކޮންފަދަ ގޮތަކަށްބާއެވެ؟ އަހަރެންގެ ވަގުތުތައް އެއްވެސް އަގެއްނެތް ގޮތުގައި ހޭދަކުރެވިއްޖެއެވެ. މިއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. އަހަރެން ބޭނުންވަނީ އިމާމް ޝުޢުބާ ބުން އަލް ހައްޖާޖު ފަދަ ހަދީޘް އިލްމުވެރިއަކަށްވާށެވެ. އަދި އެއިލްމު މީސްތަކުންނާ ހަމައަށް ފޯރުކޮށްދޭ މީހަކަށް ވާށެވެ." އެއަށްފަހު އެހާ ދުވަހު ﷲ އަށް އުރެދުމުގައި ހޭދަކުރެވުނީތީ ހިތާމަކޮށް ރޮއި ތަޢުބާވިއެވެ.

އަބުދުﷲ އެގޮތުގައި ދުވަސްކޮޅަކު ގެއިން ބޭރަށް ނުނިކުމެ ހޭދަކުރިއެވެ. އެއަށްފަހު އިލްމު އުނގެނުމުގެ މަތިވެރިއަޒުމާ އެކު އަބުދުﷲ އޭނާގެ މަންމަގާތުގައި ބުންޏެވެ. "އަހަރެން މިއުޅެނީ އިލްމު އުނގެނުމަށްޓަކައި މިރަށް ދޫކޮށްފައި ދާށެވެ." އަދި މީސްތަކުންގެ ތެރެއަށް ނުކުމެ ސުވާލުކުރަން ފެށިއެވެ. މިހާރު ދުނިޔޭގައި ހުރި އެއްމެ މޮޅު އިލްމުވެރިއަކީ ކާކުހެއްޔެވެ؟ އެހިނދު މީސްތަކުން ޖަވާބުގައި ބުންޏެވެ. "އެއީ އިމާމް މާލިކު ބުން އަނަސް އެވެ."

ދެންފަހެ އަބުދުﷲ ލަހެއްފަހެއް ނުކޮށް އިމާމު މާލިކުގެފާނުގެ އަރިހަށް މަދީނާ އަށް ދިޔައެވެ. އަދި އިމާމް މާލިކުގެފާނުގެ އަރިހުން އިލްމު އުނގެނި އެކަލޭގެފާނުގެ އަރިހުން ދަރިވަރުވި އެންމެ މޮޅުއެއް ދަރިވަރު ކަމުގައި ވިއެވެ. އެގޮތުން މާލިކުގެފާނުގެ އަރިހުން ހާސިލްކުރެވެން އޮތް އެންމެ މަތީ ދަރަޖައަށް އިލްމު ހާސިލް ކުރުމަށްފަހު މަދީނާގެ މީސްތަކުންނާ ސުވާލުކުރިއެވެ. "މިހާރު ދެން ދުނިޔޭގައި ހުރި އެންމެ ބޮޑު އިލްމުވެރިޔަކީ ކާކު ހެއްޔެވެ؟" އެހިނދު ޖަވާބުގައި މީސްތަކުން ބުންޏެވެ. "އިމާމް ޝުއުބާ ބުން އަލް ހައްޖާޖެވެ." އެހެންކަމުން އަނެއްކާވެސް އަބުދުﷲ ސުވާލު ކުރިއެވެ. "އިރާގުގެ ބަޞަރާގެ އިލްމުވެރިޔާ ޝުއުބާ ބުން އަލް ހައްޖާޖު ހެއްޔެވެ؟" ޖަވާބުގައި މީސްތަކުން އާނއެކޭ ބުނުމުން އަބުދުﷲ ޝުއުބާގެ އަރިހަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. ނަމަވެސް އަބުދުﷲ ބަޞަރާއާއި ހަމަޔަށް ފޯރި އިރު ޝުއުބާ ދުނިޔެ ދޫކުރައްވައިފިއެވެ. އެހެން ނަމަވެސް އަބުދުﷲ އިލްމު ހާޞިލް ކުރުން ހުއްޓައެއް ނުލައެވެ. އެގޮތުން ކުރި ބުރަމަސައްކަތާ އެކު މުސްލިމުންގެ އެއް އިމާމު ކަމުގައި އަބުދުﷲ ވިއެވެ.

ނޯޓް: އަބުދުﷲ ބުން މަސްލަމާ އަލް ގާނަބީ ހިންމަތާއި މިންނަތާ އެކު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ ސަބަބުން އެކަލޭގެފާނު ވެވަޑައިގަތީ އެދުވަސްވަރު ދުނިޔޭގައި ހުންނެވި އެންމެ މޮޅު އެއް އިލްމުވެރިޔާއަށެވެ. އެގޮތުން އެކަލޭގެފާނު އަރިހުން ދަރިވަރުވި ބޭކަލުންގެ ތެރޭގައި މިއަދު އިސްލާމީ އުންމަތް އެބޭކަލުންނަށްޓަކައި ފަޚުރުވެރިވާ އަލް އިމާމް ބުޚާރީއާއި އަލް އިމާމް މުސްލިމް ހިމެނިވަޑައިގަންނަވައެވެ. އެކަލޭގެފާނުގެ ދެދަރިވަރުން ކަމުގައިވާ ބުޚާރީއާއި މުސްލިމް ލިޔުއްވާފައިވާ ދެފޮތަކީ ކީރިތި ޤުރުޢާނަށްފަހު މިދުނިޔެމަތީގައިވާ އެންމެ ސައްޚަކަން ބޮޑު ދެފޮތެވެ.

އިބުރަތް: މިވާހަކައިން އަޅުގަނޑުމެންނަށް ވަރަށް ގިނަގުނަ އިބުރަތްތަކެއް ލިއްބައިދެއެވެ. އެގޮތުން ލިއްބައިދޭ އެއް އިބުރަތަކީ ކިތަންމެ ވިޔާނުދާ މީހަކަށްވެސް މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އިރާދަކުރައްވައިފި ނަމަ ތެދުމަގު ދައްކަވާފާނެކަމެވެ. އަދި އިސްލާހުވާން ބޭނުން ނަމަ އެންމެ ފުރަތަމަ ކަމަކަށް ވިޔާނުދާ އެކުވެރިންނާ ދުރުވާން ޖެހޭނެ ކަމެވެ. މީގެ އިތުރުން ލިއްބައިދޭ އެއް އިބުރަތަކީ މީހަކު ދޭ ކުޑަކުޑަ ހެޔޮ ނަސޭހަތަކުންވެސް ނުވަތަ ޤުރުއާނުގެ އެންމެ އާޔަތެއް ނުވަތަ މާތް ނަބިއްޔާގެ އެންމެ ހަދީސް ބަސްފުޅެއް އަޑުއަހާފައިވެސް މީހެއްގެ ހިތަށް އަސަރުކޮށް އޭނާ އިސްލާހުވެދާނެ ކަމެވެ. އެގޮތުން މާތްނަބިއްޔާގެ ޒަމާނުގައިވެސް ޤުރުޢާނުގެ ކުޑަކުޑަ މިންވަރެއް އަޑުއިވިފައި އެތައް ބަޔަކު އިސްލާމްދީން ޤަބޫލު ކުރިއެވެ. ބޮޑެތި ވަގުންނާއި އެތަކެއް މުޖުރިމުންނާއި ފޭރޭ މީހުންވެސް އެބައިމީހުންގެ ދިރިއުޅުން ބަދަލުކުރިއެވެ. ބައެއް މީހުން ބޮޑެތި އިމާމުންނާއި އިލްމުވެރިންނަށް ވިއެވެ. މީގެ އިތުރުންވެސް ލިއްބައިދޭ އެއް އިބުރަތަކީ އެމީހަކާއި އެންމެ ގުޅޭނެ އެންމެ އެކަށޭނެ ގޮތަކަށް އެމީހަކަށް ނަސޭހަތްތެރި ވުމުގެ މުހިންމުކަމެވެ. އަދި ލަދުވެތިކަމަކީ އިންސާނެއްގެ ގައިގައި ހުންނަން ޖެހޭ ކިހާ މުހިންމު ސިފައެއް ކަމެވެ.

މަސްދަރު: އިމާމް އިބުނި ޤުދާމާ އަލް މަޤުދިސީ ލިޔުއްވާފައިވާ ކިތާބުއް ތައްވާބީން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *