މާޒީގެ ތެރެއިން ޚިދްމަތެއް ވާނަމަ އިޢާދަ ކުރާނަމޭ
މާޒީތެރަށް ގޮސް ގެއްލިގެން ދާކަށް ދުލެއް ނުކުރާނަމޭ
މާޒީގެ ޚިދުމަތް ލިޔެވިފައި ތާރީޚުގައި ހުރި ގަނޑުތަކެއް
މާގިނަދުވަހު ހުރެ ކަތުރުފަނި ކާކަށް ދުލެއް ނުކުރާނަމޭ
އަބަދާ އަބަދު ތަކުރާރުކޮ އަހުރެންކުރާ ފަންނީ ކަމެއް،
އަހުރެންގެ ހޭ ހުރިހައި ހިނދަކު ތަކުރާރުވެސް މަ ކުރާނަމޭ
އަހުރެންގެ ވަގުތާ ސިކުނޑިއާ އަހުރެންގެ އުފަލާ ކުރިމަގާ،
"ކަތުރާނު ދުން ބުރުވައި" އަސަރު ފޮހެލާކަށެއް ނޭދޭނަމޭ
ރޭގަނޑުގެ ނިދި ދޫކޮށްލަމުން ދަންވަރު ހިމޭންކަން ހޯދަމުން
ރޭގަނޑު އުފުލިފައި ބުރަ ތަކެއް "ސަންދޯކުގައި" ނާޅާނަމޭ
ކޮންމެސް ބަޔަކު އަހުރެންގެ ޒިކުރާ އައު ކުރާނެކަމަށް ބަލައި،
އޮންނަން ރަޖާ ލައި، އެނދުމަތީ އެގޮތެއް މަށެއް ނުރުހޭނަމޭ
ޝުހުރަތު ނުވެވިގެން ކޮންމެމީހަކު މަރުދެމުން ދާދުނިޔެއިން
ޝުހުރަތު އެހެން މީހަކު މަގޭ، ކޮށް ދޭނެތޯ ނުބަލާނަމޭ
ދުނިޔޭގެ ހުރިހައި ކަންކަމުން އެ އިރާ މިހާރު، ތަފާތުތައް،
ދުނިޔެއިން އެކަން ވިސްނައި އެއިން ޢިބްރަތް ތަކެއް ހޯދާނަމޭ
