Support Us

ފަންސުރާއި ފުހޭ ރަބަރު

ޅެމުގެ ޚިޔާލާތު: ޑރ. އަބްދުލް ޤަފޫރް އަބްދުއްރަހީމުގެ ތަރުޖަމާއެއްގެ ބަލާލުމަށް ފަހު

 

"ފަންސުރާއޭ ފަންސުރާއޭ އަދަކުގައި ކިހިނެއްހޭތިބާ؟
ދަންނަ ރަހުމަތްތެރި މިތުރު ހެޔޮ ހާލުގައި ވޭހޭ ތިބާ؟"

މޫނު ރަތްކޮށް އައި ރުޅިން ފަންސުރު ބުނެއްޕޭ ހަރު އަޑުން
"ތޫނު ޚައްޖަރުތައް ފަދައިންވާ ތީމަގޭ ދުޝްމިނު ވަބާ!"

ދެރަވެފައި ހައިރާންވެފައި ބުންޏޭ ރަބަރު ވިސްނާލަމުން
"ބުރު އަރާ ފަދައިން ތިބާއަށް ގެއްލުމެއް ފަހެ ދެވުނުބާ؟"

"އާނ އެކޭ އަހުރެން ލިޔާ ހަމަ ކޮންމެ އެއްޗެއް ޝައުގުގައި
ވާނެހެން ތަކުލީފަކަށް ހުރެ ފޮހެލަނީ ނޫން ހޭ ތިބާ؟"

"ބަލަ އަޅާ ފުހެނީ ކުށެއް ނޫންހޭ ކަލާ ތިތުނޑުން ލިޔާ
ނަލަ ޢިބާރާތްތައް ފުހެން އަދު ހަމަ މިތާ ފޫގެޅުނު ބާ؟"

"ކޮން ކަމެއް؟ ކޮން ބޭނުމެއް؟ ކޮން މަޤުސަދެއް މެއޮތީ ފޮހެން؟
އޮންނަ ހައިސިއްޔަތް މިތާ ބުނެ ދޭން އުޅޭށޭ ފަހެ ތިބާ؟"

"ފުހުމަކީ އަހުރެންގެ ފިޠުރީ ވާޖިބޭ ބަލަ ވިސްނަވާ!
ފުހުމަކުން އަދުގައި ތިބާއަށް ވާނެ ގެއްލުމަކީ ކޮބާ؟"

ނުރުހުމާ އެކުގައި ވަކާލާތް، ފެއްޓިޔޭ ފަންސުރު އަލުން
"ހުރުމަތެއް ނެތް ގޮތްމަތީގައި ހަމަ ހުރީ ހެއްޔޭ ތިބާ؟"

"ލިޔުމަކީ ފުހުމަށް ވުރެއް މާ މާތް މުޤައްދަސް ހުނަރެކޭ!
ކިޔުމަކަށް ފުރުސަތު ދެނީ ޚުދު އަހުރެނޭ ވިސްނޭނެބާ؟"

އަދު ރަބަރު ހުރެ ރައްދުގައި ބުންޏޭ ފުނަށް ވިސްނާލަމުން
"ވަނދު ކުށެއް ފުހެލުން އެއީ ކުށަކަށް މިތާ ހަމަ ވާނެބާ؟"

"ހެޔޮ ބަހެއް ލިޔުމާއި ކުށްބަސް ފުހެލުމާ ދެމެދުގެ ފަރަޤު
ހެޔޮ އިތުރުވާނޭ ގޮތެއް ހަމަ ނުހުރެ ހަނު ބުނެދީ ތިބާ!"

​ހަމަހިމޭން ވެމެ ދެރަވެފައި ވިސްނާލަމުން ފަންސުރު ބުނީ
"ނަމަވިޔަސް ހިކި ރޫޅި ދާތަން އެބަ ފެނޭ އަމުދުން ތިބާ!"

"ޚިދުމަތީ ގުރުބާން އެއީ ހަމަ ފަޚުރެކޭ އަހުރެން ދެކޭ
ޚުދު އަޚާ ވެސް ކުރުވަމުން ތިޔަ ހުރެދަނީ ވިސްނާ ތިބާ!"

"އުނިވަމުންދާ ކުރު ޙަޔާތުގެ ކޮންމެ ދުވަހެއް ދޭހުގައި
ދުނިޔެއަށް ހެވަތެއް ލިބޭ ފަދަ ޚިދުމަތެއް ކޮށްދީ ތިބާ!"

"ޢިބުރަތާ ހިކުމަތުގެ ކަނދުގައި، ފަލި ޖަހާށޭ ކޯރުގައި
ކިބުރު ރުޅިއާ ދޫމެކޮށް "އައްސޭރި" ހޯދާށޭ ކަނބާ!"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *