...

Support Us

ޤައުމީ ކާރިސާ އިއުލާމުކުރުމުގެ ވަގުތު އަދިވެސް ނުޖެހޭތޯއެވެ!

ޤާނޫނީ ގޮތުންނާއި އިޖުތިމާޢީ ނަޒަރަކުން ބަލާއިރު، އަދި ޤައުމީ ގޮތުން ބެއްޔަސް މިއަދު ޤައުމުގައި މިވާ ހިތާމަވެރި ޙާލަތަކީ ޤައުމީ ކާރިސާއެކެވެ. އާދޭހެވެ! ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައި މިވާ ކޮވިޑްގެ ޙާލަތަކީ ޤައުމީ ކާރިސާއެކެވެ. މި ޙާލަތަކީ ޤައުމީ ކާރިސާއެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ނުކުރެވޭ ނަމަ، ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ކާރިސާއެއް ދުވަހަކު ވެސް އޮންނާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ޤާނޫނުގައި ކާރިސާގެ މާނަ ބަޔާންކޮށްފައިވާ ގޮތުން މިއަދު ޤައުމަށް ކުރިމަތިވެފައި މިވަނީ ކާރިސާއެއް ކަމާމެދަކު ޝައްކެއް ވެސް ނެތެވެ. އެހެންކަމުން އެކަން އެ ގޮތަށް ގަބޫލުކުރައްވައިގެން އެ ކަން އެ ގޮތަށް އިޢުލާމު (ޑިކްލެއަރ) ނުކުރައްވާނަމަ، އެކަން ކުރައްވާން ޖެހޭ ވަކި އިތުރު ހިތާމަވެރި ޙާލަތެއް އަންނާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވެއެވެ. މި ވާހަކަ 26 މެއި 2021 ގައި ހަމަ މި ނޫހުގައި އަޅުގަނޑު އެހެން އުސްލޫބަކުން ލިޔެފައި ވެސް ވާނެއެވެ. (ލިންކް)

އަޅުގަނޑުމެން ގަބޫލުކުރާން ބޭނުން ނުވިޔަސް ރާއްޖޭގެ ކޮވިޑްގެ ޙާލަތު މިހާރު މިއޮތީ ބޮއްސުންލައިފައެވެ. ކޮންޓުރޯލުން ނެއްޓިފައެވެ. މިހާރު އެކަމެއް ރަނގަޅަކަށް ނުބެލެހެއްޓެއެވެ. ކަމާބެހޭ އާލާތެއް ސާމާނެއް ވަސީލަތެއް ފުދޭވަރަކަށް ނެތެވެ. ޞިއްޙީ ޚިދުމަތްތެރީން އެހާ މަދެވެ. އެ ބޭފުޅުން މަސައްކަތްކުރައްވައިކުރައްވައި މިހާރު ވަރުބަލިފުޅުވެއްޖެއެވެ. ރައްޔިތުންގެ ޞިއްޙީ ޙާލަތު މި ހިސާބަށް ދިޔައިރު ނަފުސާނީ ގޮތުން ދިމާވާ މައްސަލަތައް މާ ބޮޑެވެ. އިޤްތިޞާދީ ޙާލަތު މާ ނާޒުކެވެ. އެތައް ބަޔަކު ޔަތީމުވެއްޖެއެވެ. އެތައް ބަޔަކު ހުވަފަތްވެއްޖެއެވެ. ގިނަ ރައްޔިތުންގެ އަތްމަތި ހުސްވެ ދަރަނިވެރިވެއްޖެއެވެ. ދުނިޔެ ކުޑަވެ ވަށައިގެން ބެދިއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހި ރައްޔިތުން ފިތިއްޖެއެވެ. ޢާއިލާތައް ބިކަވެއްޖެއެވެ. ހިޖުރަކުރާން މަޖުބޫރުކުރުވައިފިއެވެ. ނަތީޖާއެއްގެ ގޮތުން، ޚިޔާލަށް ވެސް ނުގެނެވޭހާ އިޖުތިމާޢީ އެތައް މައްސަލައެއް މިއަދު ވަނީ އުފަންވެފައެވެ. އެހެންވީމާ އިޖުތިމާޢީ ބޮޑު ކާރިސާއަކަށް މި ކަން ވެއްޖެކަން ކަށަވަރެވެ.

ކޮވިޑްގައި މަރުވި މީހަކު ވަޅުމުގެ މަސައްކަތް ހުޅުމާލޭ ސަހަރާގައި ކުރިއަށްދަނީ -އަދިވެސް ފޮޓޯ

ކާރިސާގެ މާނައާ ބެހޭ ގޮތުން ޤާނޫނުގައި އޮންނަނީ ކީކޭތޯއެވެ! ޤާނޫނު ނަންބަރު 2015/28 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު)ގެ 67 ވަނަ މާއްދާގެ (ހ)ގައި "ކާރިސާ" މާނަކޮށްފައިވަނީ އެއީ "މުޖުތަމަޢެއްގެ ނުވަތަ ޖަމާޢަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަޙައްމަލު ނުކުރެވޭ ގޮތަށް، އެ ބަޔެއްގެ އިންސާނީ، މާއްދީ އަދި އިޤުތިޞާދީ ވަސީލަތްތަކަށާއި އަދި ތިމާވެއްޓަށް ގެއްލުންވެ، ޢާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތައް" ކަމަށެވެ. އެ މާނަ ތަފުސީލުކޮށްދެއްވަމުން ކާރިސާ މާނަކުރުމުގައި ބާލާންޖެހޭ ތިން ކަމެއް ވެސް ޤާނޫނުގައި ބަޔާންކުރައްވައިފައިވެއެވެ.

އެއީ:

  1. މުޖުތަމަޢު ނުރައްކަލަށް ހާމަކޮށް ހުޅުވިފައިވާ މިންވަރު
  2. ޙާލަތުގެ ނާޒުކުކަން
  3. ޙާލަތު ތަޙައްމަލުކުރާން ނުކުޅެދުންތެރިވެފައިވާ މިންވަރު، މި 3 ކަމެވެ.

އިސްވެ ދިޔަ ކަންކަމަށް ބަލާއިރު ކާރިސާގެ މާނަ ވަރަށް ޞަރީޙައެވެ. އެ މާނަކުރުމުގައި ބަލާންޖެހޭ ކަމަށް ޤާނޫނުގައި އޮންނަ ތިން ކަމަށް ބަލާއިރު، މުޅި މުޖުތަމަޢު އޮތީ ނުރައްކަލަށް ހާމަކޮށް ހުޅުވިފައި ކަމަށް ސަރުކާރުން ވެސް ގަބޫލުކުރައްވާކަން ސަރުކާރުން އަޅުއްވާ ފިޔަވަޅުތަކާއި ޢާންމުކުރައްވާ ބަސްފުޅުތަކުން ސާބިތުވެއެވެ. އާންމުން ވެސް މިކަން ގަބޫލުކުރެއެވެ. އެހެންވީމާ ކޮވިޑަކީ ކާރިސާއެއްތޯ ބަލާނެ ފުރަތަމަ ޝަރުޠު ފުރިހަމައަށް އެބަ ހަމަވެއެވެ. ދެވަނައަށް އޮތީ ޙާލަތުގެ ނާޒުކުކަމެވެ. ނާޒުކު ކަމަކީ ކޮވިޑަށް ފައްސިވާ މީހުންގެ ހާލު ބޮޑުވުމާއި ތަފާތު އުމުރުފުރާގެ މީހުން ދުނިޔެ ދޫކުރަމުންދާ މިންވަރާއި މިކަން ކޮންޓުރޯލުން ނެއްޓިފައިވާ މިންވަރުން ސާފުވެއެވެ. ތިންވަނަ ޝަރުޠަކީ މައްސަލަ ތަޙައްމަލުކުރާން ނުކުޅެދުންތެރިވެފައިވާ މިންވަރެވެ. މިކަން ތަޙައްމަލުކުރާން ވެސް ޙައްލުކުރާން ވެސް ދިވެހި ރާއްޖެ ނުކުޅެދިފައިވާކަމީ ސާބިތު ކަމެކެވެ. އެހެންވީމާ މިއަދު ރާއްޖެ ތަޙައްމަލުކުރާ ކޮވިޑްގެ ޙާލަތަކީ ކާރިސާއެއް ކަމަށް ބަލާންޖެހޭ ތިން ޝަރުޠު ވެސް އެބަ ހަމަވެއެވެ.

ދެން އޮތީ ކާރިސާއަކުން ކުރާނެ އަސަރުތައް ކަމަށް ބަލާން ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠުތަކެކެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން ކާރިސާއަކުން ކުރާނެ އަސަރުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

  1. ފުރާނަތައް ގެއްލުން
  2. ޒަޚަމްވުން
  3. ބަލިމަޑުކަން
  4. ޖިސްމާނީ، ނަފުސާނީ، އިޖުތިމާޢީ އަދި އެހެނިހެން ގެއްލުންތައް
  5. މިލްކިއްޔާތަށް ލިބޭ ގެއްލުންތައް
  6. ޢާންމު ޚިދުމަތްތަކަށާއި އިޤުތިޞާދަށާއި ތިމާވެއްޓަށް ލިބޭ ގެއްލުންތައް

މި ދެންނެވި ހަ ޝަރުޠު ވެސް މިހާރު ފުރިހަމަވެއެވެ. އާދޭހެވެ! ފުރާނަތައް ގެއްލެމުން ދަނީ ބިރުވެރިކަން އުފެދޭހާ ބާރުމިނެއްގައެވެ. މި ކަމުގެ ސަބަބުން ރައްޔިތުންގެ ހިތްތަކާއި ނަފުސުތައް ވަނީ ޒަޚަމްވެފައެވެ. ބަލިމަޑުކަން ވަނީ ޢާންމުވެފައެވެ. ސީދާ ޖިސްމާނީ ގެއްލުމެއް ފާހަގަ ކުރެވިފައިނުވިޔަސް، ނަފުސާނީ، އިޖުތިމާޢީ އަދި އެހެނިހެން ގެއްލުންތައް ފާހަގަކުރެވިފައިވަނީ އިންތިހާ ދަރަޖައަށެވެ. އަދި ރައްޔިތުންގެ ގިނަ ބަޔެއްގެ މިލްކިއްޔާތަށް ލިބެމުންދާ ގެއްލުންތައް ވެސް އިންތިހާއެވެ. އާންމު ޚިދުމަތްތައް ފޯރުކޮށްދޭ އިދާރާތަކާއި ސަރުކާރުގެ އިދާރާތައް ވެސް ވަނީ ބަންދުކުރެވިފައެވެ. އެ ފަދަ ޚިދުމަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. މިސާލަކަށް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުން ފަދަ ޚިދުމަތްތައްދިނުން ވަނީ ހުއްޓައިލެވިފައެވެ. ޢާންމު އެތައް ޚިދުމަތަކަށް ވަނީ ހުރަސް އެޅި ހުއްޓިފައެވެ. މިކަމުގެ ސަބަބުން ޢާންމު ޚިދުމަތްތަކަށާއި ޤައުމުގެ އިޤުތިޞާދަށް ލިބޭ ގެއްލުންތައް އިންތިހާއެވެ. އެހެންވީމާ، ދިވެހި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު ނަންބަރު 2015/28 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު)ގައި ބަޔާންކޮށްފައިވާ ގޮތުން މިއަދު ރާއްޖެއަށް ކުރިމަތިވެފައި މިވަނީ ބޮޑު ކާރިސާއެއް ކަމާ މެދަކު ޝައްކު ކުރާނެ ޖާގައެއް ނެތެވެ. ކޮވިޑާ ގުޅިގެން ދިވެހިރާއްޖެ މިހާރު މި އޮތީ ޞިއްޙީ ބަލިމަޑުކަމެއްގެ އިތުރަށް ޤައުމީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. ވަކި ވަގުތެއްގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްލައިގެން ނުވަތަ ކާފިއު ހިންގައިގެން މި ކާރިސާ މައިތިރި ކުރެވޭނެ ކަމަކަށް ނުފެނެއެވެ.

އެހެންވީމާ އިސްވެ ދެންނެވުނު ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ނޭޝަނަސް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ލަފާގެ މަތީން ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް ކައުންސިލުން ރާއްޖޭގައި ޤައުމީ ކާރިސާގެ ޙާލަތު އިޢުލާމުކުރައްވައި އެ މާއްދާގެ (ނ) އާއި މުޅި ޤާނޫނުގައިވާ ގޮތުގެ މަތީން ކަންކަން ހިންގެވުމުގެ ވަގުތު އަތުވެއްޖެކަން ކަށަވަރެވެ. ދިވެހިރާއްޖޭގެ މި ހިތްދަތި ޙާލަތު ފިލުވައިލުމަށް ޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅުއްވާންވީ ވަގުތަކީ މިއީއެވެ. "މާޒީ"ގެ ނަޒަރުގައެވެ.

ޤައުމީ ކާރިސާ އިއުލާމުކުރެއްވުމަށް ފަހު ދެން އަޅުއްވާންވީ ފިޔަވަޅަކީ މާސްކުއަޅައިގެން ނޫނީ މަގުމައްޗަށް ނުކުތުން މަނާކުރުމަށާއި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުކުރާ ޤާނޫނެއް ފާސްކުރައްވާންވީއެވެ. ޤާނޫނެއް ފާސްކުރައްވާން އުނދަގޫފުޅުވާ ނަމަ، ކަމާ ބެހޭ އިދާރާތަކަށް ޤާނޫނުން ލިބިދޭ ބާރުގެ ދަށުން ގަވާއިދެއް އެކަށައަޅުއްވައި ވަރުގަދައަށް ތަންފީޒުކުރެއްވިދާނެއެވެ. މި ޤާނޫނުގެ ދަށުން ނުވަތަ މި ގަވާއިދުގެ ދަށުން މީހުން މާސްކުއަޅަނީ ދަތްދޮޅީގައި ނޫންކަމާއި ރަނގަޅަށް މާސްކުއަޅާކަން ކަށަވަރުކުރުމަށް ޓަކައި، މަގުތަކަށް ފުލުހުންނާއި ސިފައިން ވެސް ނެރުއްވާންވީއެވެ.

ދެންކުރައްވަންވީ ކަމަކީ ކޮބައިތޯއެވެ! ކޮންމެ ތާކުން ކޮންމެ ގޮތަކުން ހޯއްދަވައިގެން ނަމަވެސް، އަދި ބައްލަވައިގަނެގެން ވިޔަސް ސަލާންޖައްސަވައި އާދޭސްކުރައްވައިގެން ވިޔަސް، "ކޮވިޝީލްޑް"ގެ އެއް ޑޯޒް ޖަހައިފައިވާ މީހުންނަށް ދެވަނަ ޑޯޒު ޖެހޭ ވަރަށް ކޮވި ޝީލްޑް ހޯއްދަވައިގެން އެ ފަދަ މީހުންނަށް ދެވަނަ ޑޯޒް ފުރިހަމަކުރާންވީއެވެ. ދެންތޯއެވެ! ދެން ކުރައްވާންޖެހޭނެ ކަމަކީ މިހާރު ރާއްޖޭގައި ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ޖަހައިފައިނުވާ މީހުންނަށް ފުދޭ ވަރަށް ސިނޯފާމް ވެކްސިން ހޯއްދަވާންވީއެވެ. އާދޭސްކުރައްވައިގެން ސަލާންޖައްސަވައިގެން ނަމަވެހެވެ. ސިނޯފާމް ވެކްސިންގެ ވާހަކަ މި ދެންނެވީ ސިނޯފާމްވެކުސިނަކީ ކޮވިޑްގެ އާ ވައްތަރު (ވޭރިއެންޓް)ތަކަށް ވެސް އަސަރުވެރި (އިފެކްޓިވް) ވެކްސިނެއް ކަމަށް ދިރާސާތަކުން ސާބިތުވެފައިވާތީއެވެ.

ވެކްސިން ލިބުމަށް ފަހު، ކާފިއުއާއި ފުރަބަންދު، މުޅީން ދޫކޮށްލައްވައި މާސްކުއަޅައިގެން ޢާންމު ޙާލަތުގައި ރައްޔިތުން އުޅޭން ދޫކޮށްލައްވާންވީއެވެ. އޭރުން އިޤުތިޞާދީ އިޖުތިމާޢީ ޙާލަތަށް އެ ހިސާބުން ލުޔެއް ލިބޭން ފަށާނެއެވެ. ދެންތޯއެވެ! އެކި ބައިބަޔަށް މާލެ ބައްސަވައިލައްވައިގެން މަދުވެގެން ދިހަވަރަކަށް ވެކްސިން މަރުކަޒު ގާއިމުކުރައްވައި، ސިފައިންނާއި ޞިއްޙީ އެހީތެރީން މެދުވެރިކުރައްވައި، ސިޓީ ކައުންސިލްގެ އެހީތެރިކަން ވެސް ހޯއްދަވައިގެން ހަމަ އެންމެންނަށް ވެކްސިން ޖެހިއްޖެކަން ކަށަވަރުވަންދެން ވެކްސިން ޕްރޮގްރާމް ފޯރީގައި ކުރިއަށް ގެންދަވާންވީއެވެ.

ދެން އަޅުއްވާންވީ ފިޔަވަޅަކީ މާލެއިން ބޭރުވާ އަދި އެތެރެވާ ކޮންމެ މީހަކީ ވެސް އަދި ރާއްޖެއަށް އެތެރެވާ އަދި ބޭރުވާ ކޮންމެ މީހަކީ ދޭސީއަކަސް ބިދޭސީއަކަސް، ކޮވިޑްވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހެއްކަން ކަށަވަރު ކުރައްވާންވީއެވެ. އެ ނޫންމީހަކަށް ރާއްޖެއަށް އަދި މާލެއަށް ވެސް އެތެރެވެ ބޭރުވާނެ ހުރިހާ ފުރުޞަތުތަކެއް ބަންދުކޮށްލައްވާންވީއެވެ. ދެން ރާއްޖޭގެ ތިންހަތަރު ސަރަހައްދަކަށް ނުވަތަ ހަތަރުފަސް ސަރަހައްދަކަށް މޮބައިލް ޓީމުތަކެއް ފޮނުއްވައިގެން މުޅިރާއްޖޭގެ އެންމެން އެކީ އެކައްޗަކަށް ވެކްސިން ޖަހައިފިކަން ކަށަވަރު ކުރެވެންދެން ވެކްސިން ޕްރޮގްރާމް ފޯރީގައި ބާރަށް ކުރިއަށް ގެންދަވާންވީއެވެ.

އާދޭހެވެ! ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ދިފާޢެއް ތަރައްގީވެ އެ ބައްޔާއި ބަލީގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ކަންތައްތައް ހަށިގަނޑުގައި އިތުރަށް ބޮޑުވުމުގެ ހިރާސް ކުޑަވާ ކަމަށާއި ބަލީގެ ވައިރަސް ހަށިގަނޑަށް ވަނަސް، އެ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރާން މި ދިފާޢު އެހީވެދޭ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ދސޖ) އިން ހާމަކޮށްފައިވެއެވެ. މީހަކު ވެކްސިން ޖަހައިފި ނަމަ އެކަމުގެ ސަބަބުން އޭނާގެ ވަށައިގެންވާ މީހުންގެ ދިފާޢަކަށް ވެސް އެކަން ވާކަމަށާއި އެއީ ވެކްސިން ޖަހައިފައިވާ މީހާ ބަލި ޖެހުނަސް ނޭދެވޭ އަސަރު ފޯރުމުން އޭނާ ޙިމާޔަތްވެފައިވާތީ ކަމަށް ވެސް ދސޖއިން ހާމަކޮށްފައިވެއެވެ. ވެކްސިން ޖަހައިފި ނަމަ، މީހެއްގެ ގަޔަށް އެ ބަލި އެރި ނަމަވެސް އެ ބަލީގެ ސަބަބުން ހާލު ބޮޑުވެ ސީރިއަސް ޙާލަތަކަށް ދިޔުމުން އޭނާ ޙިމާޔަތްކޮށްދޭނެ ކަމަށް ވެސް ދސޖއިން ހާމަކޮށްފައިވެއެވެ.

ކޮވިޑް ވެކްސިންގެ ސަބަބުން ބަލީގެ ސީރިއަސް ޙާލަތަކަށް ދިޔުމާއި ފުރާނައަށް ނުރައްކާވުމުން މީހާ ރައްކާތެރިކޮށްދިނަސް ބަލި ޖެހެނީ އަސްލު ކޮން ޙާލަތެއްގައިކަމާއި އެ ބަލި އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ވާޞިލުވަނީ އަސްލު ކޮން ހާލަތެއްގައިކަން، އަދި އެހާ ތަފުޞީލުކޮށް، ދެނެގަނެވިފައި ނުވިއަސް، ގަބޫލުކުރެވިފައިވާ ގޮތުގައި ބަލި ވާޞިލުވަނީ އަނގައާއި ލޮލާއި ނޭފަތުގެ ވާސިޠާއިންނެވެ. އެހެންކަމުން އަބަދުވެސް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެގެން ނޫނީ މިއިން ގުނަވަނެއްގައި އަތް ނުލާން، އަދި ތަނެއްގައި އަތް ލެވިއްޖެ ނަމަ، ޖަރާސީމުމަރާ އެއްޗަކުން އަތުގެ ޖަރާސީމުމަރާން (ސެނިޓައިޒް ކުރާން) މިހާރު ވެސް އެޗްޕީއޭއިން ދެއްވާ އިރުޝާދުތައް އެ ގޮތުގައި ދެމެހެއްޓެވުން ވެސް ވަރަށް މުހިންމެވެ. އަދި ތިމާއާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މާސްކުއަޅައިގެންނޫނީ އެއްވެސް މީހަކާ އެއްތާނުވުމަށް އަބަދުވެސް ހަނދާންކޮށްދެއްވާން ޖެހޭނެއެވެ.

އަޅުގަނޑު މި ދެންނެވި ގޮތަށް ޢަމަލުކުރައްވައިފި ނަމަ، މާތް ﷲގެ ވާގިފުޅާއެކު މި ކާރިސާއިން އަރައިގަތުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ދާދި އަވަހަށް ލިބިދާނެއެވެ. މި ގޮތަށް ޢަމަލުކުރައްވައިގެން ނޫނީ މި ކާރިސާއިން އަޅުގަނޑުމެންނަށް މާ އަވަހަކަށް އަރައިގަނެވިދާނެ ކަމަކަށް ނުފެނެއެވެ.

އަޅުގަނޑު ކުރީ ދުވަހަކު ވެސް ދެންނެވި ފަދައިން އަޅުގަނޑުގެ ހައިސިއްޔަތު ކުޑައެވެ. ދިވެހި ޤައުމަށް ހެޔޮ އެދޭ މައް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތު ނޫން ހައިސިއްޔަތެއް އަޅުގަނޑަކަށް ނެތެވެ. ނަމަވެސް "ބުނާ މީހަކަށް ނުބަލާށެވެ! ބުނާ އެއްޗަކަށް ބަލާށެވެ!" ބުނާ އުޞޫލުން އަޅުގަނޑު މި ދެންނެވި ވާހަކަތަކާމެދު ކަމާބެހޭ ބޭފުޅުން ޚިޔާލުފުޅުކުރައްވާނެ ކަމަށް އުންމީދުކުރަމެވެ. ދިވެހިރާއްޖޭގައި ޤައުމީ ކާރިސާގެ ޙާލަތު އިޢުލާމުކުރައްވައި ކާރިސާއިން ސަލާމަތްވުމުގެ މަސައްކަތްތައް ޤާނޫނުގައި ވާ ގޮތުގެ މަތީން ޤައުމީ ފެންވަރުގައި ލަސްނުކުރައްވައި ފައްޓަވާންވީއެވެ. ޤާނޫނު ނަންބަރު 2015/28 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު)އަކީ ވެސް ތަންފީޒުކުރެވޭ ޤާނޫނަކަށް ހައްދަވާން އެބަ ޖެހެއެވެ.

 

ލަފުޒެއްގެ މާނަ:

އިއުލާމު= Declaration
އިއުލާމުކުރުން= Declare

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.