Support Us

ރާއްޖެއިން ދެން ކޮވިޑް ނައްތައިލެވޭނީ ކިހިނެއް؟

މިއަދު ދިވެހިރާއްޖޭގެ ކަންކޮޅުތަކުން އިވެނީ ވޭނާއި ކެކުޅުމުގެ އަޑެވެ. ދެބައިކުޅައެއްބަޔާ ކައިކުރާ އަދަދެއްގެ ރަށްރަށް ވަނީ ތަޅުލެވިފައެވެ. އަރައިފެއިބުން މަނާކުރެވިފައެވެ. އެ ރަށްރަށުން ކޮވިޑަށް ފައްސިވާ މީހުންގެ ޢަދަދު ހިފެހެއްޓުމެއް ނެތި ދަނީ ދުވަހުން ދުވަހަށް މައްޗަށެވެ. އެންމެންގެ މޫނުމަތީން ފެންނަނީ މާޔޫސީއެވެ. މަހަށްފަރަށް ގޮސްގެން ކައިބޮއި އުޅުނު މީހުން ދޯނިތައް ފަޅުގައި އަޅައިފައި ގެޔަށް ވަދެ އެ ތިބީ ގޮތް ހުސްވެފައެވެ. އަތްފައިކޮށައިގެން ކައިބޮއި އުޅޭ މީހުން މަސައްކަތެއް ނެތި ދެއަތް އުރައިލައިގެންނެވެ. ގޭގައި ހުރި ކާޑުކޮޅު ހުސްވީމާ، ގޭގައި އޮތް މަދު ފައިސާ ފޮއްޗަކުން ހައެއްކަ ދުވަހު ކައިބޮއި އުޅެލެވުނަސް، އޭގެ ފަހުން ބަނޑުފުރާނަ މުއްތިކުރާނެ ގޮތަކާ މެދު ސުވާލު އުފެދި ހަތަރު އުދަރެސް ފެނުޖެހިފައެވެ. ރަށުގައި ތިބި، ދައުލަތުން މުސާރަ ލިބޭ މަދު މުވައްޒަފުންކޮޅަށް ވެސް ލައިގެން ކާނެ އެއްޗެއް ނުލިބި، އާވާރާވެފައެވެ. މިއީ މިއަދު ރާއްޖޭގެ ގިނަ ރަށްރަށުގެ ޙާލަތެވެ. ނަތީޖާއެއްގެ ގޮތުން ރަށްރަށުގެ ޞިއްޙީ ޙާލަތަށްވުރެ، އިޤްތިޞާދީ ޙާލަތާއި ނަފްސާނީ ޙާލަތާއި އިޖުތިމާޢީ ޙާލަތު ވަނީ މާ ގޯސް ޙާލަތަކަށް ވެއްޓިފައެވެ.

މި ޙާލަތުގައި "މަސްއޫލުވެރީން" ވިދާޅުވަނީ މި ޙާލަތަށް ރާއްޖެ ވެއްޓުނީ ރައްޔިތުންގެ ފުށުންކަމަށެވެ. ރައްޔިތުން ފަރުދީ ޒިންމާ އަދާނުކުރާތީ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އަޑުއިވުނީ އެއްވެސް ރަށެއްގެ ޙާލަތު ގޯސްވެގެން ރަށެއް ފަޅުވީ ވާހަކަ ނާއްސަވާ ކަމަށެވެ. އެހެންވީމާ، ރަށެއްގެ އެންމެން މަރުވެ ރަށް ފަޅުވީމާ ނޫނީ އެހެން ވިދާޅުވި ބޭފުޅަކަށް މައްސަލައަކަށް ނުވަނީތާއެވެ. ހިތާމަހުއްޓެވެ!

އަޅުގަނޑަށް އެނގިފައި އޮންނަ ގޮތުން، 'ޒިންމާ' އޭ މި ކިޔަނީ އަދާކުރާންޖެހޭ ވާޖިބަށެވެ. ނުވަތަ އުފުއްލާން ޖެހޭ މަސްއޫލިއްޔަތަށެވެ. ނުވަތަ އެއީ ކަމެއް ބޮލުގައި އެޅުމެވެ. އެހެންވީމާ ޒިންމާދާރުވުމަކީ ތިމާ އުފުލާންޖެހޭ ތިމާ ބޮލުގައި ނުވަތަ ކޮނޑުގައި އަޅައިގެން އުޅޭ މަސްއޫލިއްޔަތު އުފުލައި، ތިމާ އަދާކުރާންޖެހޭ ވާޖިބު އަދާކުރުންކަން އެބަ އެނގެއެވެ. ދިވެހީންނަކީ، ހަމަ ގައިމު ވެސް ގިނަ ދިވެހީންނަކީ، ބަސްއަހާ، ކިޔަމަންތެރި އިޚުލާޞްތެރި ބަޔެކެވެ. ފަރުދެއްގެ ހައިސިއްޔަތުން އުފުއްލާންޖެހޭ ކޮންމެ ޒިންމާއެއް އިޚުލާޞްތެރިކަމާއެކު އުފުލާ ތެދުވެރި ބަޔެކެވެ. ކޮވިޑާ ގުޅިގެން ވީ ފުރަބަންދާއި، ގެއްލުނު ވަޒީފާއާއި، ބަންދުވި އާމްދަނީގެ ދޮރުތަކާއެކު ވެސް ދިވެހީން މި ތިބީ ބަސް އަހައިގެންނެވެ. ޒިންމާ އުފުއްލައުފުއްލައެވެ.

ކޮވިޑް19 އާ ގުޅިގެން ރައްޔިތުން ނޫފުއްލައިގެން މި އުޅެނީ ކޮން ޒިންމާއެއް ކަމެއް އަޅުގަނޑަކަށް ނުވިސްނުނެވެ. މި ޙާލަތުގައި ރައްޔިތުން އުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. މި ދިޔަ ރަމަޟާން މަހު، މިސްކިތަށް ގޮސް އުޅެވުނަސް، އޭގެ ކުރީ ރަމަޟާން މަސް ދުއްވައިލީ އަޅުކަމެއް ކޮށްލާން ވެސް މިސްކިތް ލޮލަށް ނުފެނިއެވެ. އަސަރާއެކު ނަމަ ވެސް ރައްޔިތުން ތިބީ ގޭގައެވެ. އަނެއްކާ މިއަދު ވެސް މާލޭގައި އުޅޭ ރައްޔިތުންނަށް މިސްކިތް މަނާވިތާ އެތައް ދުވަހެއް ވެއްޖެއެވެ. މަގު މައްޗަކަށް ނުނުކުމެއެވެ. ކޮވިޑް އައުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ފޮތިމޫނުމަތި އަޅާން ބައެއް މީހުން އުޅެން ފެށުމުން، އެއީ ބޭނުންކަމެއް ނޫންކަމަށް "ކަމާބެހޭ ފަރާތްތަކުން" އެންގެވީމާ އެކަން ވެސް ރައްޔިތުން ގަބޫލުކުރިއެވެ. ފަހުން އެއީ ކުރާންޖެހޭ ކަމެކޭ އެންގެވީމާ އެ ނަސޭހަތް ވެސް އަހައިފިއެވެ. އަތް ދޮވެގެން ގޭގައި ތިބޭށޭ އެންގީމާ، ރައްޔިތުންގެ އަތްމަތި ހުސްވެ ބަނޑަށް ޖެހެންދެން އަތް ދޮވެލަދޮވެލައި މި ތިބެނީ ގޭގައެވެ. ވަކި ގަޑިއަކުން ވަކި ގަޑިއަކަށް ފިހާރަތައް ބަންދުކުރާށޭ އެންގީމާ އެކަން ވެސް ކުރެއެވެ. މަގުމައްޗަށް ނުނުކުންނާށޭ ބުނީމާ ވެސް މި ތިބެނީ ބަސްއަހައިގެންނެވެ. އަމިއްލަ އުފަން ރަށަށް ދާން ފުރުޞަތު ނުލިބުނީމާ ވެސް ފުރައިގެން ނު ގޮސް، ބަސްއަހައިގެން މި ތިބެނީ ފަހެ ޒިންމާ އުފުލައިގެން ނޫންބާވައެވެ.

އަޅުގަނޑުގެ ހިތުގައި އުފެދުނު ސުވާލެކެވެ. ދުރުދުރު ވަކިވަކި ކުދިކުދި އާބާދީތަކެއްގެ މައްޗަށް އުފެދިފައި އޮތް މި ރާއްޖެއަށް ކޮވިޑްއައީ ހަމަ ފަރުދީ ޒިންމާ އަދާނުކޮށްގެންބާވައެވެ. ރާއްޖެއަށް ވަދެނުކުމެވާ "ދޮރޯށިތައް" (ރާއްޖޭގެ އިންސަރަހައްދު) ބަންދުކުރާން އެކި އެކި މީސްމީހުންނާއި ޞިއްޙީ މާހިރުން އިރުޝާދު ދެއްވުމުން ރައްޔިތުން އެކަނި ފަރުދީ ޒިންމާ އަދާކޮށްގެން ފަރުޖެހުނުތޯއެވެ! ސީނު ކަރައާއި އެހެން ބައެއް ގައުމުތަކުގެ މީހުން ރާއްޖެއަށް އައު މަނާކުރެވުނު އިރު، ތިންވަނައަށް އެންމެ ބޮޑަށް ބަލި ފެތުރުނު ގައުމުގެ މީހުންނަށް ހަމަ ހިތަކަށް ރާއްޖެއަށް އައިސް ގޮސް ވެވޭ ގޮތަށް އޮތީ ކޮން ފަރުދަކު ޒިންމާ ނޫފުއްލައިގެންބާވައެވެ؟ ރާއްޖެއަށް ބޭރު ގައުމަކުން އެއްވެސް މީހަކު ނައިސް ހުއްޓެންދެން ރާއްޖޭގެ އިންސަރަހައްދު (ބޯޑަރު) ބަންދުކުރުން ލަސްކޮށްފައި އޮތީ ކޮން ފަރުދަކު ޒިންމާ ނޫފުލައިގެންބާވައެވެ؟ މި ގޮތަށް އިންސަރަހައްދު ބަންދުކޮށްފައި އޮއްވައި، ވަކި ބަޔެއްގެ "ދަރީން" ރާއްޖެ ގެނެސް "ފަތުރައިލެވުނީ" ކާކު، ކޮން "ފަރުދަކު" ޒިންމާ އަދާނުކޮށްގެންބާވައެވެ؟ ފުރަ ބަންދުގެ ދުވަސްވަރު ވެސް "ވަކި ބަޔަކު" ޕާޓީކޮށް މަސްދަތުރު ދިޔައިރު، އެކަމާ އަޅައިނުލެވި ބަސް ނުބުނެވުނީ ކޮން ފަރުދަކު ޒިންމާ ނޫފުއްލައިގެންބާވައެވެ؟ ކޮވިޑާ ގުޅިގެން ދައުލަތުގެ ބަޖެޓުން ބޮޑެތި ވައްކަންތަކެއް ހިނގި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވުމުން، އެކަމާ ފިޔަވަޅު ނޭޅި، ބައެއް ބޭފުޅުންނަށް ޢިނާޔަތާއެކު "ޗުއްޓީއެއް ލިބިވަޑައިގަތީ" ކޮން ފަރުދަކު ޒިންމާ ނޫފުއްލައިގެންބާވައެވެ؟ އިންޑިއާގައި އެންމެ ބޮޑަށް ކޮވިޑް ފެތުރެވުން ދަނިކޮށް އެ ގައުމުން މީހުން އައުން މަނާކުރުމުގެ ބަދަލުގައި އެ މީހުންގެ ކޮވިޑް ފެސިލިޓީއަކަށް މި ރާއްޖެ ހައްދަވައި ފަތުރުވެރީންގެ ގޮތުގައި ރާއްޖެ އައިސް އެތަންމިތަނަށް ފެތުރިގަތުމުގެ ފުރުޞަތު ފަހިކޮށްދެއްވީ ކޮން ރައްޔިތަކު ޒިންމާ ނޫފުއްލައިގެންތޯއެވެ!

މިއަދު ވެސް ކޮވިޑްގެ އެއްވެސް ވޭދަނައެއް ރިޕޯޓްކޮށްފައިނުވާ ހައެއްކަ އަށެއްކަ ގައުމު ދުނިޔޭގައި އޮތީ އެ ޤައުމުތަކުގައި ކަންކަން ބެލެހެއްޓުނުލެއް ރަނގަޅުވީމާ ކަމަށް ގަބޫލުކުރާންޖެހެއެވެ. ގަބޫލުކުރާން އަޅުގަނޑުމެން ބޭނުން ވިޔަސް މިއީ ހަގީގަތެވެ. އަދި މި ދެންނެވި ފަދަ ގިނަ ގައުމުތަކަކީ މި ރާއްޖެ ފަދަ ޖަޒީރާ ގައުމުތައް ކަމަށް ވާތީ، ރާއްޖެއިން ވެސް އެކަން އެ ގޮތަށް ކުރެވުނީހޭ ދެންނެވުމުގެ ފުރުޞަތު އެބަ އޮތެވެ. ހަމަ ގައިމުވެސް އެ ފުރުޞަތާއި އެ ޝަރަފު ރާއްޖެއަށް ނުލިބުނީ ރައްޔިތުން ޒިންމާ ނޫފުއްލައިގެންނެއް ނޫނެވެ.

ފައްސިވާ އަދަދުތައް ދަށެއް ނުކުރެވެއެވެ. ކޮވިޑްގެ ސަބަބުން ދުވާލަކަށް މަރުވާ މީހުންގެ އަދަދު މައްޗަށް ދަނީއެވެ! ގާތްތިމާގެ ދެކެފަރިތަ ރައްޓެހިން ކޮވިޑްގެ ސަބަބުން ދުނިޔެ ދޫކުރާ ހިތާމަވެރި ޚަބަރުން ލޮލުން ކަރުނަ ހިކޭ ތަނެއް ނާދެއެވެ. ކަރަންޓީނުވާ ރަށްރަށާއި "ބަލަހައްޓާ" ރަށްރަށުގެ ލިސްޓް ދިގުވަނީއެވެ. ފުރަބަންދު ނުކުރިޔަސް ފުރަބަންދުގެ ވަގުތު އިތުރުވަނީއެވެ. ކާފިއު ހަރުކަށިވަނީއެވެ.

އަޅުގަނޑުމެން ގަބޫލުކުރާން ބޭނުން ނުވިޔަސް ރާއްޖޭގެ ކޮވިޑްގެ ޙާލަތު މިހާރު މިއޮތީ ބޮއްސުންލައިފައެވެ. މިހާރު އެކަމެއް ނުބެލެހެއްޓެއެވެ. ކަމާބެހޭ އާލާތެއް ސާމާނެއް ވަސީލަތެއް ފުދޭވަރަކަށް ނެތެވެ. ޞިއްޙީ ޚިދުމަތްތެރީން އެހާ މަދެވެ. އެ ބޭފުޅުން މަސައްކަތްކުރައްވައިކުރައްވައި ވަރުބަލިފުޅުވެއްޖެއެވެ. ރައްޔިތުންގެ ޞިއްޙީ ޙާލަތު މި ހިސާބަށް ދިޔައިރު ނަފުސާނީ ގޮތުން ދިމާވާ މައްސަލަތައް މާ ބޮޑެވެ. އިޤްތިޞާދީ ޙާލަތު މާ ނާޒުކެވެ. އެތައް ބަޔަކު ޔަތީމުވެއްޖެއެވެ. އެތައް ބަޔަކު ހުވަފަތްވެއްޖެއެވެ. ގިނަ ރައްޔިތުންގެ އަތްމަތި ހުސްވެ ދަރަނިވެރިވެއްޖެއެވެ. ދުނިޔެ ކުޑަވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހި ރައްޔިތުން ފިތެނީއެވެ. ޢާއިލާތައް ބިކަވަނީއެވެ. ރޫޅެނީއެވެ. ހިޖުރަކުރާން މަޖުބޫރުވަނީއެވެ. ނަތީޖާއެއްގެ ގޮތުން، ޚިޔާލަށް ވެސް ނުގެނެވޭހާ އިޖުތިމާޢީ އެތައް މައްސަލައެއް ވަނީ އުފަންވެފައެވެ. އިޖުތިމާޢީ ބޮޑު ކާރިސާއަކަށް އަދިވެސް މިކަން ނުވޭތޯއެވެ!

ޤާނޫނު ނަންބަރު 2015/28 (ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު)ގެ 67 ވަނަ މާއްދާގެ (ހ)ގައި "ކާރިސާ މާނަކޮށްފައިވަނީ "މުޖުތަމަޢެއްގެ ނުވަތަ ޖަމާޢަތެއްގެ އަމިއްލަ ވަސީލަތްތައް ބޭނުންކޮށްގެން ތަޙައްމަލު ނުކުރެވޭ ގޮތަށް، އެ ބަޔެއްގެ އިންސާނީ، މާއްދީ އަދި އިޤުތިޞާދީ ވަސީލަތްތަކަށާއި އަދި ތިމާވެއްޓަށް ގެއްލުންވެ، ޢާންމު ދިރިއުޅުމަށް ހުރަސްއެޅޭ ފަދަ ބޮޑެތި ހާދިސާތަކަށެވެ. އެ މާނަ ތަފުސީލުކޮށްދެއްވަމުން ކާރިސާ މާނަކުރުމުގައި ބާލާންޖެހޭ ތިން ކަމެއް ވެސް ޤާނޫނުގައި ބަޔާންކުރައްވައިފައިވެއެވެ. އެއީ މުޖުތަމަޢު ނުރައްކަލަށް ހާމަކޮށް ހުޅުވިފައިވާ މިންވަރާއި، ނާޒުކުކަމާއި އަދި ތަޙައްމަލުކުރުމަށް ނުކުޅެދުންތެރިވެފައިވާ މިންވަރެވެ. ކާރިސާއަކުން ކުރާނެ އަސަރުތަކުގެ ތެރޭގައި ފުރާނަގެއްލުމާއި، ޒަޚަމްވުމާއި، ބަލިމަޑުކަމާއި، ޖިސްމާނީ، ނަފުސާނީ، އިޖުތިމާޢީ އަދި އެހެނިހެން ގެއްލުންތަކާއި މިލްކިއްޔާތަށާއި ޢާންމު ޚިދުމަތްތަކަށް އަދި އިޤުތިޞާދަށާއި ތިމާވެއްޓަށް ލިބޭ ގެއްލުން ހިމެނޭ ކަމަށް ވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަޅުގަނޑު ދެކޭ ގޮތުގައި "ކާރިސާއާ ބެހޭ ޤާނޫނު"ގައި ބަޔާންކޮށްފައިވާ ހުރިހާ މާނަތަކަކަށް ބަލާއިރު މިއަދު ދިވެހިރާއްޖޭގައި ކޮވިޑް ވެފައި މިވަނީ ބޮޑު ކާރިސާއަކަށް ކަމާމެދަކު ޝައްކެއް ނެތެވެ.

އާދޭހެވެ! ކޮވިޑާ ގުޅިގެން ދިވެހިރާއްޖޭގައި މިހާރު މި އޮތީ ޞިއްޙީ ބަލިމަޑުކަމެއްގެ އިތުރަށް ޤައުމީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ. ވަކި ވަގުތެއްގައި ބޭރަށް ނުކުމެ އުޅުން މަނާކޮށްލައިގެން ނުވަތަ ކާފިއު ހިންގައިގެން ކާރިސާއެއް މައިތިރި ކުރެވޭނެ ކަމަކަށް ނުފެނެއެވެ.

ތެދުފުޅެކެވެ! އަޅުގަނޑަކީ ޞިއްޙީ މާހިރެއް ނޫނެވެ. އެހެންނަމަވެސް ރާއްޖޭގެ ޙާލަތާ ގުޅޭ ގޮތުން ރައްޔިތެއްގެ ހައިސިއްޔަތުން ވިސްނައި ހެދެއެވެ. ދުނިޔޭގެ ގައުމުތަކުގައި މީހުން ކަންކޮށް އުޅޭ ގޮތް ހޯދައި ބަލައި އެކަންކަމާ ޚިޔާލުކުރަމުއެވެ. ދުނިޔޭގައި މި ފަދަ ކަންކަން ބަލަހައްޓައި (މެނޭޖްކޮށް) ހަދާ ގޮތް ދިރާސާކޮށް އުޅެމުއެވެ. މިއަދު ދުނިޔޭގައި ކޮވިޑް ނާންނަ ހަތް ގައުމު އެ ގޮތުގައި ދަމަހައްޓާން ކުރީ ކޮންކޮން ކަމެއްކަން ވެސް އެނގެއެވެ. އެހެންކަމުން ރާއްޖެއިން ދެން ކޮވިޑް ކޮންޓްރޯލްކޮށް ނައްތައިލެވޭނެ ކަމަށް އަޅުގަނޑަށް ފެންނަ ފިޔަވަޅުތައް އަޅުގަނޑު ހިއްސާކޮށްލާނަމެވެ.

އެންމެ ފުރަތަމަ، ދިވެހިރާއްޖެއަށް ކުރިމަތިވެފައި މިވަނީ ޤައުމީ ކާރިސާއެއް ކަމަށް ގަބޫލުކޮށް އެކަން އެ ގޮތަށް އިޢުލާމު(ޑިކްލެއަރ)ކުރައްވާންވީއެވެ. ދެން ކާރިސާ ބެލެހެއްޓުމާ ބެހޭ ޤައުމީ އިދާރާއާ އެ ކަން ބަލަހައްޓާން ޙަވާލުކުރައްވާންވީއެވެ. ކާރިސާ ބެލެހެއްޓުމާ ބެހޭ ޤައުމީ އިދާރާއަކީ ސިފައިންގެ ބެލުމުގެ ދަށުން ނުވަތަ ދިފާޢީ ވުޒާރާގެ ދަށުން ހިންގާ ތަނަކަށް ވާތީ، މި ފަދަ ކާރިސާތައް ބަލަހައްޓާން (މެނޭޖްކުރާން) ސިފައިންނާ ޙަވާލުކުރައްވާ ގޮތަށް މިކަން ބަލަހައްޓާން ވެސް ސިފައިންނާ ޙަވާލުކުރައްވާންވީއެވެ.

ދެން އަޅުއްވާން ޖެހޭނެކަމަށް އަޅުގަނޑަށް ފެންނަނީ ވަރަށް އާދަޔާ ޚިލާފު ފިޔަވަޅެކެވެ. ހިނިފުޅު ނުވަޑުވައްޗެވެ! މިއީ ހަމަ ސީރިއަސްކޮށް ދަންނަވާ ވާހަކައެކެވެ. އިޚުލާޞްތެރިކަމާއެކު ޤައުމީ ނަޒަރަކުން ފާޅުކުރާ ޚިޔާލެކެވެ. ދެން އަޅުއްވާންވީ ފިޔަވަޅަކީ މާސްކުއަޅައިގެން ނޫނީ މަގުމައްޗަށް ނުކުތުން މަނާކުރުމަށާއި ކޮވިޑް ވެކްސިން ޖެހުން މަޖުބޫރުކުރާ ޤާނޫނެއް ފާސްކުރައްވާންވީއެވެ. މި ޤާނޫނުގެ ދަށުން މީހުން މާސްކުއަޅަނީ ދަތްދޮޅީގައި ނޫންކަމާއި ރަނގަޅަށް މާސްކުއަޅާކަން ކަށަވަރުކުރުމަށް ޓަކައި، މަގުތަކަށް ފުލުހުންނާއި ސިފައިން ވެސް ނެރުއްވާންވީއެވެ. އެއަށް ފަހު ކޮވިޑަށް ޓެސްޓުކުރެއްވުން ހުއްޓަވައިލައްވާންވީއެވެ. ސަމާސާއެއް ނޫނެވެ. ރާއްޖޭގެ އެންމެންނަކީ މިހާރު ކޮވިޑް ޖެހިފައިވާ މީހުންކަމަށް ބައްލަވާށެވެ! އޭރުން ދެން އިތުރަށް ޓެސްޓްކުރާނެ ބޭނުމެއް ނޯންނާނެއެވެ.

ދެންކުރައްވަންވީ ކަމަކީ ލިބުނު ގޮތަކުން ހޯއްދަވައިގެން، ބައްލަވައިގަނެގެން ވިޔަސް ސަލާންޖައްސަވައި އާދޭސްކުރައްވައިގެން ވިޔަސް، ކޮވިޝީލްޑްގެ އެއް ޑޯޒް ޖަހައިފައިވާ މީހުންނަށް ދެވަނަ ޑޯޒު ޖެހޭ ވަރަށް ކޮވި ޝީލްޑް ހޯއްދަވައިގެން ދެވަނަ ޑޯޒް ފުރިހަމަކުރާންވީއެވެ. ދެންތޯއެވެ! މިހާރު ރާއްޖޭގައި ކޮވިޑް ވެކްސިންގެ އެންމެ ޑޯޒެއް ވެސް ޖަހައިފައިނުވާ މީހުންނަށް ފުދޭ ވަރަށް ސިނޯފާމް ވެކްސިން ހޯއްދަވާންވީއެވެ. އާދޭސްކޮށްގެން ސަލާންޖަހައިގެން ނަމަވެހެވެ. ސިނޯފާމް ވެކްސިންގެ ވާހަކަ މި ދެންނެވީ ސިނޯފާމްވެކުސިނަކީ ކޮވިޑްގެ އާ ވައްތަރު (ވޭރިއެންޓް)ތަކަށް ވެސް އަސަރުވެރި (އިފެކްޓިވް) ވެކްސިނެއް ކަމަށް ދިރާސާތަކުން ސާބިތުވެފައިވާތީއެވެ.

ވެކްސިން ލިބުމަށް ފަހު، ކާފިއުއާއި ފުރަބަންދު އެއްކޮށް ދޫކޮށްލައްވައި މާސްކުއަޅައިގެން ޢާންމު ޙާލަތުގައި ރައްޔިތުން އުޅޭން ދޫކޮށްލައްވާންވީއެވެ. ދެންތޯއެވެ!  އެކި ބައިބަޔަށް މާލެ ބައްސަވައިލައްވައިގެން ދިހަވަރަކަށް ވެކްސިން މަރުކަޒު ގާއިމުކުރައްވައި، ސިފައިންނާއި ޞިއްޙީ އެހީތެރީން މެދުވެރިކުރައްވައި، ހަމަ އެންމެންނަށް ވެކްސިން ޖެހިއްޖެކަން ކަށަވަރުވަންދެން ވެކްސިން ޕްރޮގްރާމް ފޯރީގައި ކުރިއަށް ގެންދަވާންވީއެވެ.

ދެން އަޅުއްވާންވީ ފިޔަވަޅަކީ މާލެއިން ބޭރުވާ އަދި އެތެރެވާ ކޮންމެ މީހަކީ ވެސް ކޮވިޑްގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއްކަން ސާބިތުކޮށްދީފައި ނޫނީ މާލެއަށް އެތެރެވެ ބޭރުވުމުގެ ފުރުޞަތު ބަންދުކުރައްވާންވީއެވެ. ދެން ރާއްޖޭގެ ތިން ސަރަހައްދަކަށް ނުވަތަ ހަތަރު ސަރަހައްދަކަށް މޮބައިލް ޓީމުތަކެއް ފޮނުއްވައިގެން މުޅިރާއްޖޭގެ އެންމެން އެކީ އެކައްޗަކަށް ވެކްސިން ޖަހައިފިކަން ކަށަވަރު ކުރެވެންދެން ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދަވާންވީއެވެ.

ވެކްސިންގެ ސަބަބުން ހަށިގަނޑުގައި ދިފާޢެއް ތަރައްގީވެ އެ ބައްޔާއި ބަލީގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ކަންތައްތައް ހަށިގަނޑުގައި އިތުރަށް ބޮޑުވުމުގެ ހިރާސް ކުޑަވާ ކަމަށާއި ބަލީގެ ވައިރަސް ހަށިގަނޑަށް ވަނަސް، އެ ވައިރަހާ ދެކޮޅަށް ހަނގުރާމަކުރާން މި ދިފާޢު އެހީވެދޭ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ދސޖ) އިން ހާމަކޮށްފައިވެއެވެ. މީހަކު ސަބަބުން އޭނާގެ ވަށައިގެންވާ މީހުންގެ ދިފާޢަކަށް ވެސް އެކަން ވާކަމަށާއި އެއީ ވެކްސިން ޖަހައިފައިވާ މީހާ ބަލި ޖެހިގެން ނޭދެވޭ އަސަރު ފޯރުމުން ޙިމާޔަތްވެފައިވާތީ ކަމަށް ވެސް ދސޖއިން ހާމަކޮށްފައިވެއެވެ. އަދި ވެކްސިން ޖަހައިފި ނަމަ، މީހެއްގެ ގަޔަށް އެ ބަލި އެރި ނަމަވެސް އެ ބަލީގެ ސަބަބުން ހާލު ބޮޑުވެ ސީރިއަސް ޙާލަތަކަށް ދިޔުމުން އޭނާ ޙިމާޔަތްކޮށްދޭނެ ކަމަށް ވެސް ދސޖއިން ހާމަކޮށްފައިވެއެވެ.

ކޮވިޑް ވެކްސިންގެ ސަބަބުން ބަލީގެ ސީރިއަސް ޙާލަތަކަށް ދިޔުމާއި ފުރާނައަށް ނުރައްކާވުމުން މީހާ ރައްކާތެރިކޮށްދިނަސް ބަލި ޖެހެނީ އަސްލު ކޮން ޙާލަތެއްގައިކަމާއި އެ ބަލި އެކަކުގެ ގައިން އަނެކެއްގެ ގަޔަށް ވާޞިލުވަނީ އަސްލު ކޮން ހާލަތެއްގައިކަން އަދި އެހާ ތަފުޞީލުކޮށް ދެނެގަނެވިފައި ނުވިއަސް ގަބޫލުކުރެވިފައިވާ ގޮތުގައި ބަލި ވާޞިލުވަނީ އަނގައާއި ލޮލާއި ނޭފަތުގެ ވާސިޠާއިންނެވެ. އެހެންކަމުން އަބަދުވެސް ސައިބޯނި ލައިގެން ރަނގަޅަށް އަތްދޮވެގެން ނޫނީ މިއިން ގުނަވަނެއްގައި އަތް ނުލާން މިހާރުވެސް އެޗްޕީއޭއިން ދެއްވާ އިރުޝާދުތައް އެ ގޮތުގައި ދެމެހެއްޓެވުން ވެސް މުހިންމެވެ. އަދި ތިމާއާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި މާސްކުއަޅައިގެންނޫނީ އެއްވެސް މީހަކާ އެއްތާނުވުމަށް އަބަދުވެސް ހަނދާންކޮށްދެއްވާން ޖެހޭނެއެވެ.

އަޅުގަނޑު މި ދެންނެވި ގޮތަށް ޢަމަލުކޮށްގެން ނޫނީ މި ކާރިސާއިން އަވަހަށް ސަލާމަތްވެވޭނެ ގޮތެއް އޮންނާނެ ކަމަކަށް ނުފެނެއެވެ. މި ކަން ދިގުލައިގެން ދާނަމަ، މިއީ ޤައުމަށް ދުވަހަކު ވެސް ފޫނުބެއްދޭ ވަރުގެ އިޖުތިމާޢީ އިޤުތިޞާދީ ބޮޑު މުޞީބާތަކަށް ވުމުގެ ފުރުޞަތު އެބަ އޮތެވެ.

ތެދުފުޅެކެވެ. އަޅުގަނޑުގެ ހައިސިއްޔަތު ކުޑައެވެ. ދިވެހި ޤައުމަށް ހެޔޮ އެދޭ މައް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތު ނޫން ހައިސިއްޔަތެއް އަޅުގަނޑަކަށް ނެތެވެ. ނަމަވެސް "ބުނާ މީހަކަށް ނުބަލާށެވެ! ބުނާ އެއްޗަކަށް ބަލާށެވެ!" ބުނާ އުޞޫލުން އަޅުގަނޑު މި ދެންނެވި ވާހަކަތަކާމެދު ކަމާބެހޭ ބޭފުޅުން ޚިޔާލުފުޅުކުރައްވާނެ ކަމަށް އުންމީދުކުރަމެވެ. ތަޢައްޞުން ދުރުވެވަޑައިގެން ހުސް ހިތްޕުޅަކާއެކުގައެވެ. އަޅުގަނޑު މި ދެންނެވި ފިޔަވަޅުތައް އެ ގޮތަށް އެޅިގެން ނޫނީ ކޮވިޑްގެ މި ޢާލަމީ ވަބާ ރާއްޖެއިން ނައްތައިލެވޭނެ ހަމަ އެއްވެސް ގޮތެއް އޮންނާނެ ކަމަކަށް ނުވިސްނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
51

6 Responses

  1. އެންމެފުރަތަަަމަވެސް ގޮވަމުންދިޔަ ފަރުދީ ޒިންމާ އަދާކުރަން އެކަމަކުވެސް އެއްބައިމީހުން އެކަން ގަބޫލުނުކޮށް ތަންތަނަށް އެއްވާންފެށީ އަދި ބަންދުގައިހުރި މީހަކު ދޫކޮށްލަން ގޮވަނީ.

  2. ވަރަށް ރަނގަޅު ޢިލްމީމަޢުލޫމާތެއް. ސަރުކާރުން މިކަމާމެދު ވިސްނަވާނެ ކަމަށް އުންމީދުކުރަމެވެ.

  3. ހަގީގަތުގައި ވެރިކަމަށް އެ ބޭފުޅުން ވަޑައިގަތީ އަމިއްލަފުޅަކަށް ނޫން. ރައްޔިތުން ވޯޓު ދެއްވައިދެން. އެހެންވީމާ، އެއީ ސަރުކާރުގެ ހަމަ އެއްވެސް އިދާރާއެއް ހިނގުމުގެ އެއްވެސް ތަޖުރިބާއެއް އަދި އެކަމުގެ ޢިލްމެއް ލިބިވަޑައިގެން ނެތް ބޭފުޅަކު ވެރިކަމަށް ގެނައުމުގައި ޒިންމާވާންޖެހޭނީ އިބްރާހީމް މުޙަންމަދު ޞާލިޙެއް ނޫން. ރައްޔިތުން. އެ ފަދަ ވެރިޔަކު، ހެލްތު މިނިސްޓަރަކަށް ވެސް އިސްކުރައްވާންވާނީ ހަމަ އެ ފަދަ ތަޖުރިބާއެއް ނެތް ބޭފުޅަކަށް ވާންޖެހޭނެ. އެހެންވީމާ ހެލްތު މިނިސްޓަރުގެ މައްސަލައެއް ވެސް ނެތް. ޒިންމާ އަދާކުރާންޖެހޭނީ ރައްޔިތުން. ފަރުދީ ޒިންމާ އަދާކުރައްވާ! ހެލްތު މިނިސްޓްރީގެ މަސައްކަތް ބޮއްސުންލިޔަސް ސަރުކާރު ފެއިލެއް ނުވޭ. ސަރުކާރުން ދައްކަވާ ވާހަކަފުޅެއްގެ ދެކޮޅު ދުވަހަކު ދިމާނުވިޔަސް ސަރުކާރު ފެއިލެއް ނުވޭ. އެ ބޭފުޅުން ބަރާބަރަށް މުސާރަފުޅު ނަންގަވާ. ޓައީއަޅުއްވާ! މި އަޒީޒުމެން މި ގޮވަނީ ކޮސް. މި ވާހަކަތައް އަޑުއަހާނެ ބަޔަކު ނުތިބޭނެ. އެމްޑީޕީ ބާރަށް ކުރިއަށް! މޯޑީގެ ސިޔާސަތާއިގެން ކުރިއަށް!

  4. ސަރުކާރުގަ އަޅުގަނޑު މަސައްކަތްކުރާ އޮފީހުގެ ބޮސް އަކީ އެއްވެސް ފާހެއް ނެތް ނުވަތަ މިކިޔާ ސަނަދުގަނޑެއްމެސް ނެތް މީހެއް އަޅުގަނޑަކީ އޭނާގެ ދަށުން މަސައްކަތް ކުރާ ޕީ އެޗް ޑީ އޮތޮ މީހެއް އަޅުގަނޑަށް ލިބިފައިވާ ޢިލްމް ގެ އަލީގައި ލަފައެއްދިނަސް އެކަމެއް ބަލައެއް ނުގަނެވޭނެ ނޫންތޯ އެއިރުން އޭނާ ދެރަވީނޫންތޯ އޭނާދެކޭގޮތުގައި އޭނާއަށްވުރެ ކަންކަންދަ ދެވަނަމީހަކު ނުހުރެއޭ.އެހެންވީމާ ތިކަހަލަ ޢިލްމީ ވާހަކައް ބަލައިގަންނާނީ ފަހެ ކާކުތޯ އޭރުން ތިމާ ދެރަވީނޫންތޯ.

  5. ފިއުލް ސަޕްލައި މޯލްޑީވްސް ބައްލަވާ. ޢެއްވެސް އިލްމެއްނެތް އެކްޓިވިސްޓަކަށް އެއްމެ އިސްމަޤާމު ދީފަ.9

  6. ރާއްޖެއަކީ މިއަދު އަވައްޓެރި ޤައުމަކުން މުއްސަދި ޤައުމުތަކަށްދާން ކަރަންޓީނުވާ ކަރަންޓީން ފެސަލިޓީގެ ގޮތުގައި ބޭނުން ކުރާތަނެއް،ކަރަންޓީންވާ މީހުން އުޅެނީ ބޭރު ތެރޭގައި !

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *