ނަން ވެސް މަށަށް ކޮވިޑޭ ކިޔައިގެން ދުނިޔެއިން ނަން ދީފިޔޭ
ނަންދީ އެހެން ކީއިރު ތެދޭ ދިވެހީންނަކަށް ނޭނގޭނެޔޭ
ސީނުކަރައިން އުފެދިގެން މީސްތަކުތެރޭ އުޅުނިން އެތާ
ވީނުވީއެއް ނޭނގި ދެން އިޓަލީ ކުދީން ގެން ގޮސްފިޔޭ
ދެން އުރަށް ލައިގެން ބަޔަކު އުފުލީ މަށޭ ދިވެހީންތެރަށް
އެންމެ ފުރަތަމަ ހީކުރީން އުފަލެއް މަށަށް ލިބިދާނެޔޭ
ދަނޑިވަޅާ ތަންވަޅު ބަލައިގެން ބައިކުދީން ޔޫކޭ ތެރޭން
އަޑިގުޑަންކަން ނެތް ބިމަށް އެ ފަހުން ޖަމާކޮށްވެސްލިޔޭ
މިސްކިތާ މަ ވަރަށް ދުރުން އުޅުނަސް ތަނަށް ހަމަ ޝައްކުކޮށް
އިސްކަމެއް ދީގެން ތަނަށް، ފުރަތަމަ އެތަން ލައްޕައިލިޔޭ
އަހަރެންފުށުން އަދި ބައިކުދީން ކިބައިން ނަޖާވާ މާސްކުވެސް
ފަހަރުގައި އެޅިޔަސް އެ މީހުން ދަތްދޮޅީގައި ބާއްވާޔޭ
މާ ޚާއްޞަކޮށް ދޫކުރި އިޖާޒަތު ހިއްޕަވައިގެން ރަށްރަށަށް
ދާ މީހުނާ އެކުގައި މަށާ އަދި ގާތް ކުދީންނަށް ދެވިދެޔޭ
އަހަރެންގެ ފައުޖާ އިދިކޮޅަށް ނޭޅުނު ކަމާދާ ފިޔަވަޅެއް
ފަހަރުގައި ޖެހި ވެކްސިނަށް ދޭނޭ ދެވަނައެއް ނެތްމެޔޭ
ނެތްކަމުން ގާބިލުކަމެއް، އަދި ތަޖުރިބާއެއް ކުޑަވިޔަސް
ހެތްކަކަށް މި ކަމުގެ ހަނާވާ އަދަދުތައް ބެލިދާނެޔޭ
އަހަރެން މިތާނގައި އުޅުނަކަސް ފޮނުވައިލުމަށް އަހަރެން ތަނުން
ސަހަރޯވެރީން މާ ބޮޑުކަމެއް ކޮށްލާ ތަނެއް ނުފެނޭމެޔޭ
މަރުވަމުންދާ އަދަދުތައް ފެނިފައި މަވެސް ދެރައެބަވެޔޭ
ކަރުނަތައް އޮހޮރާ ލޮލުން ދުށުމަށް މަވެސް ނުކުޅައްދަޔޭ
ލޮކްޑައުންނޭ ނުކިޔަކަސް ފުރަބަންދަކަށް މުޅިރަށް ދިޔަސް
ލޮކްސަބާ އޮތް ކަރައަށޭ އެ ވަނީ ބަރޯސާ ވިސްނެޔޭ
މި ގޮތަށް މިތާ މާ ގިނަ ދުވަހު މި ލެކަށް އުޅޭނަމަ އަހަރެމެން
ދެ ގޮތެއް ނުވާ ބޮޑު ކާރިސާއެއްކަމު މަމެން ހިމެނޭނެޔޭ
