ހިޔާ މަޝްރޫޢުގެ ފްލެޓް ކަށަވަރުވެފައިވާ މީހުންނަށް ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށް ނަގަމުންދިޔަ ގުރުއަތުލުން، އަލުން ފެށޭނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން ބުނެފިއެވެ.
އެޗް.ޑީ.ސީން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޔާމީނު އަބްދުލްގައްޔޫމުގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫޢުގެ ދަށުން ތަރައްޤީކޮށްފައިވާ 6,720 ފްލެޓްގެ ތެރެއިން، ގުރުއަތުލައިގެން 5،603 މީހަކަށް ލިބޭނީ ކޮން ފްލެޓެއްކަން މިހާރު ޔަގީންވެފައިވާ ކަމަށެވެ. ގުރުއަތުނުލެވި ބާކީ ހުރީ 1،117 ފްލެޓެވެ.
"މި ގުރުއަތުލުމުގެ ކަންތައްތައް ކުރިއަށް ގެންދެވެނީ އަމަލީގޮތުން ގިނަބައެއްގެ ބައިވެރިވުން މިކަމުގައި ހިމެނޭ ގޮތަށް ކަމުގައިވާތީ، މިވަގުތު ރާއްޖޭގައި ކޮވިޑް 19 ހާލަތު އޮތް ގޮތުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ މިފަދަ ކަމެއް މި ދަނޑިވަޅުގައި ކުރިއަށް ގެންދިޔުމަކީ ދަތިކަމެއްކަމުން، މިވަގުތަށް ގުރުއަތުލުން ވަނީ މެދުކަނޑާލަން ޖެހިފައެވެ. އަދި ހަމަ މިހާލަތު ރަނގަޅުވުމުން އެޗް.ޕީ.އޭގެ އިތުރު ލަފަޔާއެކު ގުރުއަތުލުން އަލުން ކުރިއަށް ގެންދެވޭނެ ކަމުގައި ދަންނަވަމެވެ." އެޗް.ޑީ.ސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ގުރުއަތުލުމާ ގުޅޭގޮތުން ބައެއް ޝަކުވާ ލިބިފައިވާ ކަމަށާއި ލިބިފައިވާ ޝަކުވާތަކަށް ރިޢާޔަތްކޮށް ބެލިބެލުމުން، ބައެއް ކަންތައްތައް ފާހަގަކުރެވިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ގުރުއަތުލުމާ ގުޅޭގޮތުން ލިބުނު ޝަކުވާއާ ގުޅިގެން ފާހަގަކުރެވުނު ކަންކަން:
- 28 އޭޕްރީލް 2021 ވަނަ ދުވަހު ހެނދުނު ދަންފަޅީގެ 09:09 އިން 10:08 ދެމެދު ކުރިއަށްދިޔަ ގުރުނެގުމުގައި ދިމާވި
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ފަންގިފިލާއެއްގައި 16 ފުލެޓު ހިމެނޭ ޓަވަރުތަކުގެ ފުލޯ ލޭއައުޓްގެ އޮރިއެންޓޭޝަންގައި ތަފާތެއް ހުރިކަމަށް ވަނީ ފާހަގަކުރެވިފައެވެ. މިގޮތަށް ފުލޯ ލޭއައުޓްގެ އޮރިއެންޓޭޝަން ބަދަލުވެފައިވާ ކަމަށް ބެލެވެނީ، ސިސްޓަމަށް ކުރެހުންތައް މެނުއަލްކޮށް ފީޑުކުރުމުގައި ދިމާވި މައްސަލައެއްގެ ސަބަބުންނެވެ. މި މައްސަލަ ދިމާވެފައިވާ ވަގުތުގައި ޖުމްލަ 151 ފަރާތެއްގެ ފުލެޓު ގުރުނެގިފައިވާއިރު، ފަންގިފިލާއެއްގައި 16 ފުލެޓު ހިމެނޭ ޓަވަރުތަކުން ފުލެޓު ލިބިފައިވާ 91 ފަރާތުގެ ފުލެޓު ހުންނަތަން ޓީވީ އިން ދައްކުވައިދެވިފައި ވަނީ، އޮރިއެންޓޭޝަން ބަދަލުވެފައިވާ ފުލޯ ލޭއައުޓާ އެއްގޮތަށެވެ. ނަމަވެސް، މި ފަރާތްތަކަށް ލިބިފައިވާ ފުލެޓު ހުރިތަން އަންގައިދޭ ފުލޯ ލޭއައުޓްގެ ރަނގަޅުގޮތަކީ މިކޯޕަރޭޝަނުން 17 މެއި 2021 ވަނަ ދުވަހު އާންމުކޮށްފައިވާ ފުލޯ ލޭއައުޓްއެވެ. މި ދެންނެވުނު ފުލޯ ލޭއައުޓްއަކީ ގުރުއަތުލުމުގެ އެހެން ހުރިހާ ދަންފަޅިތަކުގައިވެސް ބޭނުންކޮށްފައިވާ ފުލޯ ލޭއައުޓްއެވެ. އަދި މިފަރާތްތަކަށް ގުރުއަތުން ލިބިފައިވާ ފުލެޓު ނަންބަރަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. - މި ކޯޕަރޭޝަނުގެ ވެބްސައިޓްގައި ޝާއިޢުކޮށްފައިވާ ކުރެހުންތަކުގައި ވާނީ، 16 ފުލެޓު ހިމެނޭ ޓަވަރުތަކުގައި 3 ޓައިޕެއްގެ ފުލެޓު ހިމެނޭ ކަމަށާއި 20 ފުލެޓު ހިމެނޭ ޓަވަރުތަކުގައި 2 ޓައިޕެއްގެ ފުލެޓު ހިމެނޭ ކަމަށެވެ. މިގޮތަށް މައިގަނޑު ޓައިޕްތަކެއް ކަނޑައަޅާފައިވަނީ ފުލެޓުގެ ޖުމްލަ ބޮޑުމިނަށް ބެލުމަށްފަހުއެވެ. ނަމަވެސް، ފުލެޓުތަކަށް ވަންނަ ދޮރު ހަރުކޮށްފައިވާ ދިމާ އެކި ފުލެޓުގައި ތަފާތުވުމުން، މިފަދަ ޔުނިޓްތައް ވަކި ޓައިޕުތަކެއް ގޮތުގައި ކަނޑައެޅުމަށްފަހު، މި ޓައިޕުތައް ވަކިކުރެވިފައިވާ ގޮތުގެ ތަފްޞީލީ ކުރެހުންތައް މި ޢިޢުލާނާއެކު ޝާއިޢުކުރެވިފައި ވާނެއެވެ. ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން މިއީ ނިސްބަތުން ބޮޑު މަޝްރޫޢުއެއް ކަމުން، މި ކޯޕަރޭޝަނުން މަސައްކަތްކޮށްފައި ވަނީ މިކަމާ ގުޅިގެން ކުރަންހުރި ކަންތައްތައް ވީހާވެސް ފުރިހަމަ ގޮތެއްގައި ވީއެންމެ އަވަހަކަށް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ. އެހެންކަމުން، އިސްވެ ދެންނެވުނު ފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް މި ކޯޕަރޭޝަނުން ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން އަރުވަމެވެ.
މީގެ އިތުރުން، ޤައުމަށް މި ދިމާވެފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތަށް ރިޢާޔަތްކޮށް، ހިޔާ މަޝްރޫޢުގެ ފުލެޓުތަށް ވަކިވަކިން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ދެއްކުމަކީ މިވަގުތަށް ދަތިކަމެއް ކަމުގައިވުމުން، ފުލެޓުތަކުގެ ވީހާވެސް ތަފްޞީލީ މަޢުލޫމާތު ހިއްސާކުރުމަށްޓަކައި މި ޓަވަރުތަކުގައި ހިމެނޭ ހުރިހާ ޓައިޕެއްގެ ކުރެހުން މިންތައް އިނގޭނެހެން އެޗް.ޑީ.ސީގެ ވެބްސައިޓުގައި ޝާއިރުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމުގައި ވެސް އެ ބަޔާނުގައި ވެއެވެ.
މި ފުލެޓުތަކަށް ފައިސާ ދައްކާ ޚަލާސްކުރުމަށް ހަމަޖެހިފައިވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500ރ ދައްކާގޮތަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000ރ. ނަގާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، ފުލެޓު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ތިން މަސްދުވަހުގެ މުއްދަތަކީ އެއްވެސް ފައިސާއެއް ދައްކަންނުޖެހޭ މުއްދަތެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މި ފުލެޓުތަކަށް ޑައުންޕޭމަންޓުގެ ގޮތުގައި އެއްވެސް ފައިސާއެއް ނެގުމަށް ހަމަޖެހިފައެއްނުވެއެވެ. ނަމަވެސް، އެއްވެސް ފަރާތަކުން ޑައުންޕޭމަންޓުގެ ގޮތުގައި ފައިސާ ދައްކަން ބޭނުންވާނަމަ އެ ފަރާތްތަކަށް އެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި، ޑައުންޕޭމަންޓުގެ ގޮތުގައި ދައްކާ ފައިސާ ފުލެޓުގެ ޖުމްލަ އަގުން އުނިކޮށް، މަހުކުލި މިއަގާ އެއްގޮތަށް ކުޑަކުރެވޭނެ ކަމަށާއި ފުލެޓަށް ފައިސާ ދައްކަން ކަނޑައެޅިފައިވާ މުއްދަތު ކުޑަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތުވެސް ދެވޭނެކަމުގައި އެޗް.ޑީ.ސީން ބުނެއެވެ.



advertisment