އެމެރިކާގެ ރައީސް ބައިޑްންގެ އެޖެންޑާގައި ފަލަސްޠީނު- އިސްރާއީލު މަސްއަލައަށް އަދި މެދު އިރުމަތީގެ ސަރަޙައްދީ މަސްއަލަތަކަށް އިސްކަމެއް ދެއްވައިފައެއް ނުވެއެވެ. އެހެނަސް ޣައްޒާގައި އިސްރާއީލުން ފަލަސްޠީނުގެ މުޤާވަމާ ޖަމާޢަތްތަކާ ދެކޮޅަށް ކުރި 11 ދުވަހުގެ ހަނގުރާމައިގައި މުޤާވަމާ ބާރުތަކަށް ލިބުނު ނަޞްރުގެ ސަބަބުން މި އެޖެންޑާ އެ ފުށް މިފުށަށް ޖަހާލައިފިއެވެ.
ޙަޤީޤަތަށް ބަލާއިރު 11 ދުވަހުގެ ހަނގުރާމަ ފެށްޓެވީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއެވެ. އެއީ ޤުދްސުގެ އައްޝައިޚު ޖައްރާޙު އަވަށުގައި ދިރިއުޅޭ ފަލަސްޠީނު މީހުން އެ އަވަށުން ބޭރަށް ލުމަށް ރާއްވަވާ އެ ރޭވުން ތަންފީޒު ކުރައްވަން ފެށްޓެވުމާއި، ގަދަކަމުން ވަޒަންވެރކުރުވާފައި ތިބި ޔަހޫދީންނަށް އަޤްޞާ މިސްކިތަށް އަރައި އެ ޙަރަންފުޅުގެ ޙުރްމަތް ކެނޑުމަށާއި މި ޙަރަންފުޅުގައި ރަމަޟާން މަހު އަޅުކަން ކުރަމުން ދިޔަ މުސްލިމުންނަށް ޖެއްސުންކޮށް އިހާނެތިކޮށް ހިތުމުގައި ކުރިއަށް ދިޔުމަށް ނަތަންޔާހޫ ފެހި އަލި ދެއްވުމުންނެވެ. މި ކަންތައްތަކާހެދި ފަލަސްޠީނުގެ މުޤާވަމާ ބާރުތަކަށް ޚާއްޞަކޮށް ޙަމާސަށް މި މަސްއަލައިގެ ތެރެއަށް ވަންނަން މަޖްބޫރުވިއެވެ. އިސްރާއީލުގެ ލާއިންސާނީ މި ޢަމަލުތަކާމެދު ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކުން އެއްވެސް އެއްޗެއް ނުބުނެ ހަނުއޮތުމާ ވިދިގެން ޙަމާސުން އިސްރާއިލަށް އިންޒާރެއް ދިނެވެ. މި އިންޒާރުގެ މުހްލަތު ހަމަވުމާއެކު ޙަމާސުން އިސްރާއީލުގެ ފުނަށް ރޮކެޓުން ޙަމަލާތައް ދޭން ފެށިއެވެ. އިސްރާއީލުން ދަނޑިވަޅު ބަލާފައި ޣައްޒާއަށް ވައިގެ މަގުންނާއި ކަނޑުގެ މަގުން ޙަމަލާތައް އޮއއްސަން ފެށީ އެއްވެސް އަޚްލާޤީ މިންގަނޑަކަށް، އެއްވެސް ޤާނޫނަކަށް އަދި އެއްވެސް ޢުރްފަކަށް ބެލުމެއް ނެތިއެވެ.
ފަލަސްޠީނުގެ މުޤާވަމާގެ ޖަމާޢަތްތަކުގެ ހަރުދަނާކަމާއި ހިތްވަރުގަދަކަމާއި އިސްރާއީލުގެ ފުނަށް ޙަމަލާދިނުމަށް ލިބިފައިވާ ބާރުގެ ސަބަބުން ހުރިހާ ފަރާތްތަކަކަށްވެސް މި އަރާރުން ޙައްލުކުރުމަށް މަސައްކަތް ފަށަން މަޖްބޫރުވިއެވެ.
ކަމާ ބެހޭ ފަރާތްތަކުގެ ސިޔާސަތަށް އައި ބަދަލުތަކަކީ ކޮބައިތޯއެވެ؟ މި ހަނގުރާމައިގައި އެންމެ ފައިދާ ލިބުނު ފަރާތަކީ ކޮބައިތޯއެވެ؟ އެމެރިކާގެ ޚާރިޖީ ސިޔާސަތު އެޖެންޑާ ބަދަލު ކުރުމަށް މަޖްބޫރު ކުރުވީ ކާކު ހެއްޔެވެ؟

ބައިޑްންގެ ސިޔާސަތު
އެމެރިކާގެ ސިޔާސަތަށް އައި ބަދަލު ހާމަކޮށްދޭ އެއް ކަމަކީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން އަންގާރަ ދުވަހު މެދު އިރުމައްޗަށް ދަތުރުފުޅެއް ފެށްޓެވުމެވެ. އޭނާ މި ދަތުރުފުޅު ފެށްޓެވީ އިސްރާއީލުންނެވެ. މިއީ އޭނާ މެދުއިރުމައްޗަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އޭނާ އިސްރާއީލުގައި އެތާނގެ ޚަރިޖީ ވަޒީރު ގެބީ އެޝްކަނާޒީއާއި އިސްރާއީލުގެ ރައީސާ ބައްދަލު ކުރައްވާނެއެވެ. އެއަށްފަހު އޭނާ ވަޑައިގަންނަވާނީ ފަލަސްޠީނު ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލު ކުރެއްވުމަށް ޓަކައި ރާމަﷲ އަށެވެ. ހުޅަނގު އައްސޭރީގައި ރައީސް މަޙްމޫދު ޢައްބާސާ ބައްދަލު ކުރެއްވުމަށްފަހު ދެން ވަޑައިގަންނަވާނީ މިޞްރަށެވެ. މިޞްރުގައި ރައީސް ސީސީއާއި ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާ ބައްދަލު ކުރައްވާނެއެވެ. އޭނާގެ މި ބުރު ނިންމަވާ ލައްވާނީ އުރްދުނާ ހަމައިންނެވެ.
އެމެރިކާގެ ޚަރިޖިއްޔާގެ ރަސްމީ ތަރްޖަމާނު ނެޑް ޕްރައިސް ހާމަކުރެއްވި ގޮތުގައި ޚާރިޖީ ވަޒީރު ބްލިންކެން ރާމަﷲގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސާއި ބޮޑުވަޒީރު މުޙައްމަދު އިޝްތިޔާއާއި ފަލަސްޠީނު ސަރުކާރުގެ އިސް މަސްއޫލުވެރިންނާ ރޭ ބައްދަލު ކުރެއްވިއެވެ.
ނެޑް ވިދާޅުވި ގޮތުގައި މިއަދު ބްލިންކެން ޤާހިރާއަށް ވަޑައިގަންނަވާނެއެވެ. ޤާހިރާގައި ރައީސް ޢަބްދުލް ފައްތާޙުއް ސީސީއާއި ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާ ބައްދަލު ކުރެއްވުމަށް ފަހު މިރޭ އޭނާ އުރްދުނަށް ވަޑައިގަންނަވާނެއެވެ. އުރްދުންގައި އޭނާ ރަސްގެފާނު ޢަބްދުﷲއާއި ބޮޑުވަޒީރުގެ ނާއިބު އަދި ޚާރިޖީ ވަޒީރު އައިމަނުއް ޞަފަދީއާ ބައްދަލު ކުރައްވާނެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރުގެ ދަތުރފުޅުގެ މަޤްޞަދުތަކަކީ– އިޢުލާންކޮށްފައިވާ ގޮތުގައި– ޣައްޒާގައި އިޢުލާނު ކުރެވިފައިވާ ހަނގުރާމަ ހުއްޓުން ވަރުގަދަކޮށް ސާބިތު ކުރުމަށް ޓަކައި ކުރަންވީ މަސައްކަތްތަކާއި، ކުރިއަށް މަސްތަކުގައި މި ހަނގުރާމަ އަލުން ފެށުނަ ނުދިނުމަށް ހިތްވަރު ދެއްވުމެވެ. ހަނގުރާމަ ހުއްޓާފައި ބޭއްވުމަށް ކުރެވެމުންދާ އަސާސީ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވައިލއްވުމާއި އެކަމަށް ބޭނުންވާ އެހީ ފޯރުކޮށްދެއްވުމެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން މި ފަހަރު މެދުއިރުމައްޗަށް މި ވަޑައިގަތީ އޭނާ އެކަމަށް ބޭނުންފުޅުވާތީއެއް ނޫނެވެ. އެއީ އެމެރިކާއިން ޢަރަބި– އިސްރާއީލު އަރާރުމުގެ ފައިލަށް ރައީސް ބައިޑްން އިސްކަންދެއްވާފައިވާތީއެއް ނޫނެވެ. އެހެނަސް އޭނާއަށް މެދުއިރުމައްޗަށް ވަޑައިގަންނަވަން މަޖްބޫރުވެވަޑައިގަތީއެވެ. އެބަހީ ޣައްޒާ ހަނގުރާމަ ހިނގައި އިސްރާއީލު ފަޟީޙަތް ނުވިނަމަ މި ދަތުރުފުޅު އޭނާ ނުކުރައްވާނެއެވެ. އިސްރާއީލުގެ ޖަރޫސަލަމް ޕޯސްޓް ދުވަހު ނޫހުގެ މިއަދު ގެ އެޑިޓޯރިއަލް ބުނާގޮތުގައި ރައީސް ބައިޑްންގެ ސަރުކާރުން އިސްކަން ދީފައިވާ މެދު އިރުމަތީގެ ހަމައެކަނި ފައިލަކީ އީރާނުގެ ނިޔުކްލިއަރ ފައިލެވެ. ރައީސް ޓްރަމްޕް ވަނީ މި ފައިލުން ބޭރަށް ނުކުމެ ވަޑައިގެންފައެވެ. ޓްރަމްޕްގެ ސިޔާސަތަކަށް ވެފައިވަނީ "ސައްތައިގެ ޑީލް" ގެ ދަށުން ޢަރަބި ޤައުމުތަކާ އިސްރާއީލާ ދެމެދުގައިވާ ގުޅުންތައް ޠަބީޢީ ކުރުމެވެ. މި "ޑީލް" އާ ރައީސް ޢައްބާސް ދެކޮޅު ހެއްދެވުމާ ވިދިގެން ރައީސް ޓްރަމްޕް ވަނީ ފަލަސްޠީނުގެ ރައީސާ ބޮއިކަޓް ކުރައްވައިފައެވެ. ނަމަވެސް ޣައްޒާ ހަނގުރާމަ ހިނގުމާ ވިދިގެން ބައިޑްނަށް ވަނީ އޭނާގެ ސިޔާސަތު އެ ފުށް މި ފުށަށް ޖައްސަވަން ޖެހިވަޑައިގެންފައެވެ. މި ހަނގުރާމައިގައި އިސްރާއީލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން ބައިޑްނަށް ވަނީ ސިހުން ލިބިވަޑައިގެންފައެވެ. މިކަމާ ވިދިގެން ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެތެރޭގައި ވެސް ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ. ފަލަސްޠީނުގެ އަޑު ވަނީ އައްސަވަން ޖެހިވަޑައިގެންފައެވެ.

އެންމެ ބޮޑަށް ފައިދާ ކުރީ މިޞްރަށް
ޣައްޒާގެ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ޚާރިޖީ ސިޔާސަތަށް ބިން ހެލުމެއް އައިރު މެދުއިރުމައްޗަށް ވެސް ވަނީ އެފަދަ ނުވަތަ އެއަށްވުރެ ބޮޑު ޒިލްޒާލެއް އައިސްފައެވެ. މި ޒިލްޒާލުގެ ސަބަބުން މެދުއިރުމަތީގެ ޢާއްމު ރައްޔިތުންނާއި ސިޔާސީ ކަންބޮޑުވުންތަކުގެ އެ ފުށް ވަނީ މި ފުށަށް ޖެހިފައެވެ.
މި ހަނގުރާމައިގެ ސަބަބުން މިޞްރުގެ ސިޔާސީ މަސްރަޙު ވަނީ ޙައިރާން ކުރުވަނިވި ގޮތަކަށް ބަދަލުވެފައެވެ. މިޞްރު- އެމެރިކާ ގުޅުމަށް ބެއްޔަސް ނުވަތަ މިޞްރުގެ ސަރަޙައްދީ ދައުރަށް ބެއްޔަސް މި މަސްރަޙު ވަނީ މުޅިން ބަދަލުވެފައެވެ.އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ބައިޑްން ވިދާޅުވެފައިވާ ގޮތުގައި ރައީސް "ސީސީ އަކީ ޓްރަމްޕްގެ އަރިސް ޑިކްޓޭޓަރު" އެކެވެ. އެހެންވެ އޭނާ ސީސީއަށް "ހުސް ޗެކެއް ނުދޭނަން" ކަމަށް ވިދާޅުވިއެވެ.
ބައިޑްން ވެރިކަމަށް ވަޑައިގަތުމަށްފަހު މިޞްރުގެ ރައީސް ސީސީއަކާ ނުގުޅުއްވައެވެ. އަދި އެމެރިކާ ސަރުކާރުގެ އެއްވެސް ވަޒީރަކު މިޞްރުގެ ވަޒީރަކާ ވެސް ނުގުޅުއްވައެވެ. ރައީސް ބައިޑްން އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއާއި ސުޢޫދީ ރަސްގެފާނު ސަލްމާނާ ގުޅއްވި ނަމަވެސް އޭނާމިޞްރުގެ ރައީސަކާ ނުގުޅުއްވައެވެ.
އެހެނަސް ޣައްޒާ ހަނގުރާމައިގެ ސަބަބުން ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ. މި ހަނގުރާމައިގެ ސަބަބުން ބައިޑްން ރައީސް ސީސީއާ ދެ ފަހަރު ގުޅުއްވިއެވެ. ފުރަތަމަ ފަހަރު ގުޅުއްވީ ހަނގުރާމައާ ބެހޭގޮތުންނެވެ. ޣައްޒާ ހަނގުރާމަ ހުއްޓުވުމަށް ޓަކައި މިޞްރުން އަދާކުރި ދައުރަށް ބައިޑްން ޝުކްރު އަދާކުރެއްވިއެވެ.
ދެވަނަ ފަހަރު ގުޅުއްވީ 24 މޭގައެވެ. މި ފަހަރު ގުޅުއްވީ މިޞްރު އެކަމަކާމެދު ވަރަށް ކަންބޮޑުވެފައިވާ "ނަހްޟާ ޑޭމް" އާ ބެހޭގޮތުންނެވެ. މި މަސްއަލަ ޙައްލު ކުރުމަށް ޓަކައި މަސައްކަތްތައް "ވަރުގަދަ ކުރައްވާނެ" ކަމަށް ރައީސް ބައިޑްން ރައީސް ސީސީއަށް ދެންނެވިއެވެ. އެޑިސްއަބާބާގެ އިދިކީލި ސިޔާސަތާ ހެދި މި މަސްއަލަ ޙައްކުރެވޭތޯ ބޭއްވެމުންދިޔަ ވާހަކަދެއްކުންތައް ހުއްޓިފައި އޮންނަތާ މަސްތަކެއް ވަނީ ވެފައެފެ. މިޞްރާއި ސޫދާނާއެކު އިތިއޯޕިޔާއިން ވާހަކަދެއްކުންތައް ކުރިއަށް ނުގެންގޮސް އެ ޑޭމް ދެވަނަ ފަހަރަށް ފުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. މިޞްރުގެ ރިޔާސަތުން ބުނިގޮތުގައި އެމެރިކާގެ ރައީސާއެކު ރައީސް ސީސީ ބަޙުސް ކުރައްވާފައިވަނީ ސަރަޙައްދީ މަސްއަލަތަކުގައި އެއްބާރުލުން އިތުރު ކުރުމާ ބެހޭގޮތުންނެވެ. މިޞްރަށް ފެނުގެ އަމާންކަން ޖާމިނުކޮށްދިނުމަށް ޓަކައި އެމެރިކާއިން ޙަރަކާތްތެރިވާނެ ކަމަށް ބައިޑްން ވިދާޅުވިއެވެ.
ޣައްޒާ ހަނގުރާމައިގެ ސަބަބުން މިޞްރަށް ލިބުނު މުހިއްމު ފައިދާތަކުގެތެރޭގައި އީލާތު– ޢަސްޤަލާން ތެޔޮ ހޮޅިއަށް މުޤާވަމާއަށް ދިން ޙަމަލާތަކުގެ ސަބަބުން އެ ހޮޅިތައް ހަލާކުވެގެން ދިޔުން ވެއެވެ. މިއީ އިމާރާތުން ތެލާއި ގޭސް އިސްރާއީލަށާއި ޔޫރަޕަށް ގެންދިޔުމަށް ޓަކައި ރާވާފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ސަބަބުން ސުވޭސް ކެނެލަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. މި ހޮޅިތައް ހަލާކު ކޮށްލެވުނުކޮށްލެވުމަކީ މިޞްރަށް ލިބުނު "ހަދިޔާ" އެކެވެ. އެއީ މިޞްރުން އުއްމީދު ކުރި ކަމެއްނޫނެވެ.
ކުރުކޮށް ދަންނަވާނަމަ ދެންނެވޭނީ ޣައްޒާ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތުގެ އެޖެންޑާގެ އެންމެ މައްޗަށް ފަލަސްޠީނުގެ މަސްއަލަ އަރައިފިކަމަށެވެ. މެދުއިރުމަތީގައި މިޞްރުގެ ދައުރަށް އަލުން ދިރުން ލިބިއްޖެކަމަށެވެ. އިސްރާއީލާއެކު ގުޅުންތައް ޠަބީޢީ ކުރުމުގެ މަޝްރޫޢުގެ ސަބަބުން މި ދެ ކަމަށް ވަނީ ހީނަރުކަން އައިސްފައެވެ.



advertisment