Support Us

ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތައް އެއްގަލަކަށް އެރުން ވަރަށް މުހިއްމު: މިޞްރު

ޣައްޒާ ހަނގުރާމަ ނިމުމާ ވިދިގެން ފަލަސްޠީނުގެ ސިޔާސީ މަންޒަރު އަލުން ކުރަހަން ޖެހިފައިވާ ކަމަށް މިޞްރުން ދެކޭތީ އެ މަސައްކަތް ފެށްޓެވުމަށް ޓަކައި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ޢައްމާނަށާއި ރާމަﷲއަށް ކުރައްވާ ބުރުޖެއްސެވުމުގެ ދަތުރުފުޅެއް ފަށްޓަވައިފިއެވެ.

މިޞްރުގެ ޚާއްޞަ މަޞްދަރުތަކުން ޢަރަބި ޕޯސްޓަށް ލިބިފައިވާ މަޢުލޫމާތުތައް ބުނާގޮތުގައި މިޞްރުގެ ވަޒީރު ރާމަﷲގައި ބަޙުސް ކުރައްވާނީ ފަތަޙު ޙަރަކާތުގެ އެތެރެ ޞުލްޙަވެރި ކުރެއްވުމަށާއި ފަތަޙަ ޖަމާޢަތާއި ޙަމާސް ޖަމާޢަތާ ދެމެދުގައި އެއްބައެއްވަންތަކަން ޤާއިމު ކުރެއްވުމަށެވެ. ޤާހިރާއިން ބުނާގޮތުގައި ފަލަސްޠީނުގެ މަސްއަލަ ފެންމައްޗަށް ނެގޭނީ ފަލަސްޠީނުގެ ތަފާތު ޖަމާޢަތްތައް އެއްގަލަކަށް އަރައި އެއް ސިޔާސަތެއްގެ މަތީ ޙަރަކާތްތެރިވެގެންނެވެ.

މި މަޞްދަރު ބުނާގޮތުގައި މިޞްރުގެ ވަޒީރު މި ދަތުރުފުޅު ފެށްޓެވީ ވައިޓް ހައުސްއިން އެދިގެންނެވެ. މިއީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން މި ސަރަޙައްދަށް މާދަމާ ފަށްޓަވާ ޒިޔާރަތަށް ވެށި ތަނަވަސްކޮށްދިނުމަށް މިޞްރުން އެޅި ފިޔަވަޅެއް ކަމަށް ވެސް މި މަޞްދަރު ބުންޏެވެ. ބްލިންކެން މަސައްކަތް ކުރައްވާނީ ޣައްޒާގައި ދިގު މުއްދަތަކަށް ހަމަހިމޭންކަން ޤާއިމު ކުރުމަށް ބޭނުންވާ ސިޔާސީ އުދަރެހެއް ޤާއިމު ކުރެއްވޭތޯއެވެ.

މިޞްރުން މަސައްކަތް ކުރަނީ ފަލަސްޠީނުގެ ސިޔާސީ ބޮޑު މައުޞޫޢު މައްޗަށް އުފުއްލާލައިދޭނެ  ސޭލާއަކަށް ޣައްޒާ ހަނގުރާމަ ހެދޭތޯއެވެ.  ފަލަސްޠީނުގެ ޖަމާޢަތްތަކުގެ މެދުގައި އޮތް އަރާރުންތަކާއި އިސްރާއީލުގައި ހަމަޖެހުން ލިބިފައިވާ ސަރުކާރެއް ނެތުމުގެ ސަބަބުން މިޞްރުގެ މި މަސައްކަތާ ކުރިމަތިވެފައިވާ ގޮންޖެހުންތައް ވަރަށް ގިނައެވެ.

ފަތަޙަގެ އެތެރެ ޞުލްޙަވެރި ކުރުން

މިޞްރާއި އުރްދުން ޤަބޫލު ކުރާގޮތުގައި ފަލަސްޠީނުގެ ވެރިކަމުގެ އިދާރާ އޮތީ ވަރަށް ބަލިކަށި ވަރަށް އުނދަގޫ ޙާލަތެއްގައެވެ. އެހެންކަމުން އެއް ސަރުކާރެއްގެ ދަށުގައި ފަލަސްޠީނީން އެއްގަލަކަށް އެރުވުމަށް ޓަކައި ފަތަޙުގެ އެއްބައިވަންތަކަމަކީ ޟަރޫރީ ކަމެކެވެ. ފަލަސްޠީނު–އިސްރާއީލު ވާހަކަދެއްކުންތައް ފެށުމަށް ބޭނުންވާ ވެށްޓެއް އުފެއްދޭނީ އޭރުންނެވެ.

ޢަރަބި ޕޯސްޓްގެ މަޞްދަރުތައް ހާމަކޮށްފައިވާ ގޮތުގައި މިޞްރުން ފަލަސްޠީނުގެ ސަރުކާރާއެކު ބަޙުސްކޮށްފައި ވަނީ މި ސަރުކާރުގެ ބާރު ވަރުގަދަ ކުރުމާ ބެހޭގޮތުންނާއި ފަތަޙަ ޖަމާޢަތަށް ވަޠަނީ ރޫފަ ޖައްސައި މަސް އެރުވުމާ ބެހޭގޮތުންނެވެ. އެހެންކަމުން ފަތަޙަގެ ރަސްމީ ޖަމާޢަތާއި، މުޙައްމަދު ދިޙްލާނުގެ ޙަރަކާތާއި، ނާޞިރުލް ޤުދްވާއާއި އިސްރާއީލުން ހައްޔަރުކޮށްފައި ހުންނެވި މަރްވާނުލް ބަރްޣޫޘީގެ އެއްބާރުލުން ޞުލްޙަވެރިކޮށް އެއް ޖަމާޢަތަކަށް ހަދަން ވަނީ ޖެހިފައެވެ.

ރައީސް މަޙްމޫދު ޢައްބާސުގެ އަރިސް ބޭފުޅަކު ޢަރަބި ޕޯސްޓަށް ހާމަކުރެއްވި ގޮތުގައި "މިޞްރުގެ ވަޒީރު ޤާހިރާއިން ގެންނެވި މެސެޖްގައި ފަލަސްޠީނުގެ އެތެރެ މަރާމާތުކުރުން ޟަރޫރަތަކަށް ވެފައިވާކަން އައިސްފައި ވެއެވެ. އޭނާ މުޙައްމަދު ދަޙްލާން ނަންފުޅެއް ނުގެންނަވައެވެ. އޭނާ އެނަންފުޅު ނުގެންނެވީ އެ މައުޟޫޢުގެ ޙައްސާސުކަމުންނެވެ. މީގެއިތުރަށް މި މައުޟޫޢާ ބެހޭގޮތުން ތަފްޞީލުކޮށް ވާހަކަ ދެއްކުމަކީ މިޞްރުގެ ޚާރިޖިއްޔާގެ ކަމެއްނޫނެވެ. އެހެނަސް އެއީ މިޞްރުގެ ޖާސޫސީ އިދާރާގެ ކަމެކެވެ. މިޞްރުގެ ޚާރިޖިއްޔާއިން މަސައްކަތް ކުރަނީ ސިޔާސީ މައިދާން އަލުން ހުޅުވާލެވޭތޯއެވެ. މިޞްރުގެ ޖާސޫސީ އިދާރާގެ މަސައްކަތަކީ ޣައްޒާގެ ހަނގުރާމަ ހުއްޓިފައި އޮތްއޮތުން ދާއިމީ ހަމަހިމޭންކަމަކަށް ހެދުމެވެ.

މިޞްރުގެ ވަފްދު ފަލަސްޠީނުގެ ރައީސާ ބައްދަލު ކުރައްވަނީ

މިޞްރުގެ ޚާރިޖީ ވަޒީރު ރާމަﷲ ގައި ކުރައްވަނީ ކޮން ކަމެއް

ކުރިންވެސް ފާހަގަކުރި ފަދައިން މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ރާމަﷲގައި މަސައްކަތް ކުރައްވަމުން ގެންދަވަނީ ފަތަޙަ ޖަމާޢަތް އެއްބައިވަންތަ ކުރެއްވުމަށެވެ. މީގެ އިތުރަށް ރައީސް މަޙްމޫދު ޢައްބާސާ މިޞްރުގެ ރައީސް ޢަބްދުލްފައްތާޙު ސީސީއާ ދެމެދުގައި ބައްދަލުވުމެއް ބޭއްވުމާ ބެހޭގޮތުން ވެސް މަށް އޭނާ މަޝްވަރާތައް ކުރެއްވިއެވެ.

ރައީސް ޢައްބާސާ އަރިސް ބޭފުޅަކު އަރަބި ޕޯސްޓަށް ހާމަކުރެއްވި ގޮތުގައި މިޞްރުގެ ވަޒީރު މަޙްމޫދު ޢައްބާސާއެކު ބަހުސް ކުރެއްވި މުހިއްމު ތިން މައުޟޫޢަކީ އެމެރިކާގެ އައު ސިޔާސަތާއި، ފަލަސްޠީނުގެ ދާޚިލީ ޙާލަތާއި ޣައްޒާ އާރާސްތު ކުރުމުގެ ފައިލެވެ. މި މަޝްރޫޢަށް ފައިސާދޭ ޤައުމުތައް ބުނާގޮތުގައި ފައިސާތަކެއް ދީފައި ތަން ބިނާކުރާއިރަށް އެ ތަންތަން ހަލާކު ކުރެވޭނަމަ އެއީ ބޭކާރު ކަމެކެވެ. މިހެންވެ މި މަސައްކަތް ކުރެވޭނެ ސިޔާސީ އުދަރެހެއް އޮންނަން ޖެހޭނެކަމަށް މި ޤައުމުތަކުން ބުނެއެވެ.  އިސްރާއީލުގެ ފިއްތުންތަކާހެދި މި ޤައުމުތަކުން ބުނާގޮތުގައި ޣައްޒާ އަލުން ބިނާކުރުމަށް ދެވޭ ފައިސާ ދެވޭނީ ރާމަﷲގައި އޮންނަ ފަލަސްޠީނުގެ ސަރުކާރަށެވެ. އެހެންކަމުން ޙަމާސް ބައިވެރިވާ ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް ފަލަސްޠީނުގައި ޤާއިމުކުރުމަކީ ވަރަށް އަވަހަށް ކުރަން ޖެހިފައިވާ ކަމެކެވެ.

އެމެރިކާގެ ރޭވުން

ފަލަސްޠީނު- އިސްރާއީލު ފައިލަށް ބަލާއިރު އެމެރިކާއިން އަދި އިސްތިރާތީޖީ ރޭވުމެއް އެކުލަވައިލާފައެއް ނުވެއެވެ. އެހެނަސް ފަލަސްޠީނުގެ ބިމުގައި އެންމެ ފަހުން ހިނގި ޢުދްވާނާ ވިދިގެން އެމެރިކާއިން ވަނީ އައު ވިސްނުމެއް ގެންގުޅެން ފަށައިފައެވެ. އެމެރިކާގެ މި އައު ވިސްނުން ގޮވައިލަނީ ސިޔާސީ  އައު މަގެއް ކޮށުމަށެވެ. އެހެން ނޫނީ މި ގަނޑުބަޑުތައް އެހެން އެތައް ޤައުމުތަކަކަށް ފެތުރިގެން ހިނގައިދާނެއެވެ. އެރަބިކް ޕޯސްޓް ބުނާގޮތުގައި ވޮޝިންގްޓަނުން މި މަސައްކަތް  ޙަވާލުކޮށްފައި ވަނީ ޤާހިރާއަށެވެ. މި މަސައްކަތް ބަދެފައިވާ ގޮށްތައް މޮހަން އެންމެ ރަނގަޅަށް އެނގޭނީ މިޞްރަށް ކަމުގައިވާތީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *