Support Us

އެލްޖީއޭ ބޯޑުގައި ހިމެނޭ އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި ނިމާލަށް ކަށަވަރުވެއްޖެ

ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑުގައި ހިމެނޭ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި، މާލެއަތޮޅު ކައުންސިލްގެ ރައީސް ޕީ.ޕީ.އެމްގެ މުހައްމަދު ނިމާލަށް ކަށަވަރުވެއްޖެއެވެ.

ޕީ.ޕީ.އެމްގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީނުގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ ނިމާލަށް މި ގޮނޑި ކަށަވަރުވީ، އެލްޖީއޭގެ ބޯޑަށް ކުރިމަތިލުމަށް އޮތް އިއްޔެ މެންދުރު 2:00 ގެ ސުންގަޑީގައި އެ ގޮނޑިއަށް ކުރިމަތިލީ ނިމާލް އެކަނި ކަމަށް ވާތީއެވެ.

ސުންގަޑީގެ ފަހުން ހުށަހެޅި ތިން ކެންޑިޑޭޓެއްގެ އެޕްލިކޭޝަން ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފައެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވީ "ދެގަޑި ސުންމިނިޓްގެ ފަހުން ހުށަހެޅިފައިވާ އެޕްލިކޭޝަންތައް ވަނީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަންނަ ގޮތަށް ނިންމާފައި" ކަމަށެވެ.

ގަޑިޖެހުމުގެ ފަހުން ހުށަހެޅި ތިން އެޕްލިކޭޝަނަކީ ރަށު ކައުންސިލަރުންގެ މެމްބަރު ކަމަށް، މެންދުރުފަހު 2:01 ގައި ހުށަހެޅި ހއ. ތަކަންދޫ ކައުންސިލްގެ ރައީސް ހުސެއިން ނައީމާއި އަތޮޅު ކައުންސިލްގެ ރައީސުންގެ މެމްބަރު ކަމަށް، މެންދުރުފަހު 2:04 ގައި ހުށަހެޅި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރާއި ސިޓީ ކައުންސިލަރުންގެ މެމްބަރު ކަމަށް، 2:15 ގައި ހުށަހެޅި އައްޑޫ ސިޓީ ހުޅުދޫ ކައުންސިލްގެ މެމްބަރު ހުސެއިން ފައިޒުއްރަހުމާނެވެ.

ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން އެލްޖީއޭ އެކުލެވިގެން ވަނީ ޖުމްލަ ނުވަ މެމްބަރުންގެ މައްޗަށެވެ. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ވަޒީރަކާއި ޖެންޑާ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި ގަވަނެންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރެއް ހިމެނެންޖެހެއެވެ. އަދި ސިޓީ ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކާއި އަތޮޅު ކައުންސިލުގެ ރައީސުންގެ ތެރެއިން އެމީހުން އިންތިހާބު ކުރާ މެމްބަރަކާއި ރަށު ކައުންސިލަރުންގެ ތެރެއިން އެމީހުން އިންތިހާބުކުރާ މެމްބަރަކު ވެސް ހިމެނެންޖެހެއެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނެންޖެހޭނެ ކަމަށް ގާނޫނުގައި ދެން ބުނެފައި ވަނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ، އެ އޮފީހުގެ މުވައްޒަފަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ސީއީއޯއެކެވެ.

މި ގޮތުން އެ ބޯޑުގެ ރައީސަކަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އައްޔަން ކުރައްވައިފައެވެ. އަދި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ކަމަށް މިހާތަނަށް ވެސް އެ މަގާމުގައި ހުންނެވި ފާތިމަތު އަފްޝަން ލަތީފު ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަންކުރައްވައިފައެވެ. އެލްޖީއޭގެ ބޯޑުގައި މާލީ ކަންކަމާ ގުޅޭ ވުޒާރާ ތަމްސީލު ކުރައްވާ ބޭފުޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަރީފެވެ.

އެލްޖީއޭގެ ބޯޑަށް އިންތިޚާބުކުރާ ކައުންސިލްގެ ގޮނޑިތަކުގެ ތެރެއިން މިހާތަނަށް ގޮނޑި ކަށަވަރުވެފައި ވަނީ ނިމާލަށް އެކަންޏެވެ.

ގަޑި ޖެހުނު ފަހުން އެޕްލިކޭޝަން ހުށަހެޅުއްވުމުން ފޭލިވެފައިވާ، ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު، އެ މަގާމަށް ވާދަކުރެއްވީ، އެމް.ޑީ.ޕީގެ ހުރިހާ އަތޮޅު ކައުންސިލް ރައީސުންގެ ފުރިހަމަ ތާއީދާއެކު ކަމަށް އޭނާ އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެލްޖީއޭގެ ބޯޑުގައި ހިމެނޭ ސިޓީ ކައުންސިލް މެމްބަރަކާއި ރަށު ކައުންސިލުގެ މެމްބަރެއް ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ ޖޫން 12 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން 14:00 އަށް ކަމަށް އިލެކްޝަންސުން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް