ކަރުނަޔަށް ދެލޮލުގެ ތެރޭގައި ހަމަހިމޭން ވާން ނުލިބެޔޭ
އަބަދުވެސް ދެލޮލުގެ ތެރޭ އޮބި ނޯވެ ބޭރަށް އޮހޮރެޔޭ
ރޭގަނޑުގެ ދަންވަރު ދެލޯމެރިލާ ވަގުތުވެސް ޙާލަކީ
ނޭނގެޔޭ ހަމަ ލޮލު ތެރޭން ފައިބާ ވަރުންނެއް ނުނިދެޔޭ
ރަޙުމުހުރި އަތަކުން ދެލޮލުގައި އަބަދުހެން ފިރުމައިދެޔޭ
އަހުރެނަށް އެކަމަކު، ދެލޮލުގައި މަޑުވެލާކަށް ނުލިބެޔޭ
ފިނިކަމެއް ދެލޮލަށް ދެވޭތޯވެސް ކުރާހާ ޚިދުމަތުން،
ފިނިކަމެއް ލިބުނަސް ދެލޮލުގައި ކަރުނަ ހަރުލާ ނުހުރެޔޭ
ފުރުސަތެއްނެތް ޙާލުގައި މުޅި ޢުމްރު މިދަނީ މިގޮތުގާ
ރުހުމުގާ ދެލޮލުގެ ތެރޭގައި ކަރުނަ ކިޔަމަން ނުމެވެޔޭ
މާބޮޑަށް ހަރުކަށި ވުމުން ހިފެހެއްޓިލާހެން ހީވެޔޭ
މާބޮޑަށް ނިކަމެތިވިނަމަ އޮހެމުން ލޮލުން، ތެމި ފޯވެޔޭ
ސަބަބު ހޯދަން އަހުރެނަށް ކުރެވުނު ދިރާސާއިން ދައްކަނީ،
"ރަހުމުހުރި ދެލޮލެއްގެ ތެރެޔަކު ކަރުނަ ހިފިއެއް ނުހުރެޔޭ"
