Support Us

ވޮޝިންގްޓަނާ ކުރިމަތިލުމުގައި މޮސްކޯއާއި ބޭޖިންގްގެ ގުޅުން ކުރިއަށް

ބޭޖިންގް-މޮސްކޯ ގުޅުންތައް ވަރުގަދަކުރުމަށް ޓަކައި އެ ދެ ޤައުމުން ފިޔަވަޅުތައް އެޅުން ހުއްޓާނުލައި ކުރިއަށް ގެންދާކަން ފާހަގަކުރެވެއެވެ.  އިނގިރޭސިވިލާތުގެ ފައިނަންޝަލް ޓައިމްސް ބުނާގޮތުގައި ޗައިނާގެ ވަރަށް އިސް ސިޔާސީއަކު ތިން ދުވަހުގެ ދަތުރުފުޅެއްގައި މިއަދު މޮސްކޯއަށް ވަޑައިގަންނަވާނެއެވެ.

މޮސްކޯއަށް ވަޑައިގަންނަވާ ޗައިނާގެ މި އިސް ބޭފުޅަކީ ޗައިނާގެ ކޮމްޔުނިސްޓް ޕާޓީގެ މަރްކަޒީ ކޮމެޓީގެ ޚާރިޖީ ކަންތައްތަކާ ބެހޭ ބައިގެ ރައީސް ޔަންގ ގީޓް ޝީ އެވެ. އޭނާގެ މި ދަތުރުފުޅުގެ މަޤްޞަދަކީ ޗައިނާއާ ރަޝިޔާއާ ދެމެދުގައި ފެށިފައިވާ އިސްތިރާތީޖީ އަދި ސަލާމަތީ މަޝްވަރާތައް ކުރިއަށް ގެންދެވުމެވެ. މޮސްކޯ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އޭނާ ދެން ވަޑައިގަންނަވާނީ ކްރޮވޭޝިޔާއަށާއި ސްލޮވޭނިޔާއަށެވެ.

މި ދަތުރުފުޅު ކުރައްވާނެކަން ކުރިން ވަނީ އިޢުލާންކޮށްފައެވެ. މި ދެ ޤައުމު ދެކޭގޮތުގައި ޢާލަމީ ސިޔާސީ މަސްރަޙުގައި އެމެރިކާގެ ނުފޫޒު ކުޑަވަމުންދާ ދުވަސްވަރެއްގައި "ހުސްކަން" ފުރުމަށް ޓަކައި މޮސްކޯއާ ބޭޖިންގ އަތުގުޅައިލުން ވަރަށް މުހިއްމެވެ. މީގެ އިތުރަށް ކޯވިޑް ޖާޢިޙާގެ ސަބަބުން މުޅި ދުނިޔޭގެ ޙާލަތު ވަނީ ގަޑުބަޑުވެފައެވެ.

ނިޔުކްލިއަރ ހަކަތައިގެ މަޝްރޫޢު

މި ދަތުރުފުޅު އައިސްފައި މި ވަނީ ނިޔުކްލިއަރ ހަކަތައާ ބެހޭ މަޝްރޫޢެއް އިފްތިތާޙު ކުރުމުގެ އިޙްތިފާލެއްގައި ރައީސް ޕޫޓިނާއި ރައީސް ޝީ ޖިންގ ދާދިވަރުކޮށް ވީޑިއޯ ސިންތާއެއްގެ ތެރެއިން ބައްދަލުކުރެއްވިތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ. މިއީ 2018ގައި ޗައިނާއާއި ރަޝިއާ އެއްބަސްވެފައިވާ އެއްބަސްވުމެއްގެ ދަށުން ފެށުނު މަޝްރޫޢެކެވެ. މި އެއްބަސްވުމުގެ ދަށުން ޗައިނާގައި ނިޔުކްލިއަރ ހަތަރު ރިއެކްޓަރު ބިނާކުރުމަށް ރަޝިއާއިން އެހީވެދޭނެއެވެ.

މި މަޝްރޫޢު އިފްތިތާޙު ކުރައްވަމުން މި މަހުގެ 19ވަނަ ދުވަހު ރައީސް ޕޫޓިން ހާމަކުރެއްވި ގޮތުގައި އެ ދެ ޤައުމުގެ ގުޅުންތައް މިހާރުވަނީ "ތާރީޚު ނުދެކޭ ފަދަ ރަނގަޅު ފެންވަރަކަށް ކުރިއަށް ގޮސްފަ" އެވެ. މި ދިޔަ މާރިޗު މަހު ރޫސީ ޚާރިޖީ ވަޒީރު ލެވަރޯފް ވެސް ހަމަ މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވެއެވެ.

ޗައިނާގެ ހަތްވަނަ ރައީސް ޝީ މި ގުޅުމާ ބެހޭގޮތުން ވިދާޅުވިއެވެ. "ބޭޖިންގާ މޮސްކޯއިން ވަނީ ކޮރޯނާއާ ކުރިމަތިލުމަށް ޓަކައި ގުޅުން ވަރަށް ވަރުގަދަކޮށް ހަރުދަނާކޮށްފައެވެ." އޭނާ ސިފަކުރެއްވި ގޮތުގައި "އައު ޒަމާނަކަށް ޓަކައި އިސްތިރާތީޖީ ޝާމިލު ވިލަރެސްކުރުމަކުން އަހުރެމެން މި ތިބީ ބަނދެވިގެންނެވެ."

ހަރުދަނާ އެއްބާރުލުމެއް

މީގެ ދެ ދަހަރު ކުރިން ޗައިނާއާއި ރަޝިއާއާ ދެމެދުގައި ޤާއިމު ކުރެވުނު އިސްތިރާތީޖީ "ޝާމިލު ޙިއްސާދާރުކަމުގެ" ތެރެއިން ލައިފާ އެ ދެ ޤައުމު ދަނީ ޢަސްކަރީ އަދި ސިޔާސީ މައިދާންތަކުގައި ވަރަށް ބޮޑަށް އެއްބާރުލަމުންނެވެ. މި ގިއުގަނޑުގެ ތެރޭގައި އިންތިޒާމީ ގޮތަކަށް އެ ދެ ޤައުމުން ދަނީ ޢަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ. މީގެ އިތުރަށް އިތުރު ކޮރެއާއާއި ސޫރިޔާ ފަދަ މަސްއަލަތަކުގައި އެ ދެ ޤައުމުން ދަނީ އދގައި ވިލަރެސްކޮށް ސިޔާސަތު އެއްގޮތް ކުރަމުންނެވެ.

ރޫސީވިލާތުން ކްރިމިއާ އެ ޤައުމުގެ ބިމަކަށް ހެދުމުން އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ މޮސްކޯއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅައިފައެވެ. މީގެއިތުރަށް ޕޫޓިންގެ ވާދަވެރި ސިޔާސީއެއް ކަމުގައިވާ ނަވަންލީ އަވަހާރަކޮށްލުމަށް ކުރެވުނު މަސައްކަތުގައި ރައީސް ޕޫޓިންގެ އަތްޕުޅެއްވާ ކަމަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ވަނީ ތުހްމަތުކޮށް ރަޝިއާއާ ދެކޮޅަށް ސިޔާސީ އަދި އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެންމެ ރަނގަޅު ރަޙްމަތްތެރިއާ

ރަޝިޔާއާ ދެކޮޅަށް އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން އަޅާފައިވާ އިޤްތިޞާދީ ފިޔަވަޅުތަކުން އަރައިގަތުމަށް ޓަކައި ޗައިނާއާއެކު ގުޅުންތައް ބަދަހިވުމަކީ މޮސްކޯއަށް ވަރަށް މުހިއްމު ކަމެއްކަމަށް މޮސްކޯ ދެކެއެވެ. މި ގުޅުން ބަދަހިކުރުމުގެ ދާއިރާގެ ތެރޭގައި އެ ދެ ޤައުމުގެ ރައީސުން ވަނީ ޒިޔާރަތްތައް ބަދަލު ކުރައްވައިފައެވެ. ޗައިނާގެ ރައީސް ޝީ ސިފަކުރައްވާފައިވާ ގޮތުގައި ޕޫޓިނަކީ "އެންމެ ރަނގަޅު ރަޙްމަތްތެރިއާ" އެވެ. ކޮވިޑްގެ ސަބަބުން ދުނިޔެއަށް އައިސްފައިވާ ލޮޅުންތަކާއި ގަޑުބަޑުތަކާ ކުރިމަތިލުމަށް ޓަކައި ޗައިނާއާއި ރަޝިއާގެ ގުޅުން ބަދަހިކުރަން ޖެހިފައިވާ ކަމަށް މި ދިޔަ އަހަރު ޝީ އޭނާގެ އެކުވެރި ޕޫޓިނަށް ދެންނެވިއެވެ. އޭނާ ވިދާޅުވި ގޮތުގައި 2001ވަނަ އަހަރުގެ 16 ޖުލައިގައި އެ ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު ރަޙްމަތްތެރިކަމާއި އެއްބާރުލުމާއި ރަނގަޅު އަވަށްޓެރިކަމުގެ މުޢާހަދާގެ ސަބަބުން ބައިނަލްއަޤްވާމީ އައު ގުޅުމެއް ޤާއިމު ކުރެވިއްޖެއެވެ.

ކޮވިޑްގެ ޖާއިޙާގެ ސަބަބުން ޚާރިޖީ ސިޔާސަތުގެ މަސްރަޙުގައި މި ދެ ޤައުމަށް ވަނީ ތަފާތު ފުރްޞަތުތަކެއް ތަނަވަސްވެފައެވެ. ފަޤީރު ޤައުމުތަކަށާއި ކުރިއެރުމަށް މަސައްކަތް ކުރާ ޤައުމުތަކަށް ރަޝިއާއާއި ޗައިނާއިން ވަނީ ވެކްސިން ފޯރުކޮށްދީފައެވެ. މި ދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ޗައިނާގައި ވަނީ ކޮވިޑްގެ ޙާލަތްތައް ވަރަށް ބޮޑަށް މަދުވެފައެވެ. އަދި އެ ޤައުމުގެ އިޤްތިޞާދު ވަނީ އެހެން ބޮޑެތި އިޤްތިޞާދުތަކަށްވުރެ ބާރަށް ކުރިއަރަން ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *