ބަރަކާތާ މެދަކު މަތިވެތި ޝުކުރު ނޫނީ ނެތޭ
ބޯހިޔާވަހި ކަމުގެ ތަނަވަހުގައި އިތުރު ދައްޗެއް ނެތޭ
ހިތުގެ ހަދިޔާ މިލްކުވާ މިތުރާގެ އުނި ޝަރުތެއް ނެތޭ
ފިތުނައެއް އުފުލަން ޖެހޭ ދުނިޔޭގެ މަސްރަހުގައި ނެތޭ
ހުސް މަގާމެއް މިހިތުގައި މިތުރަށް ޓަކައި ނޫނީ ނެތޭ
ދުޝްމިނީ ހަތިޔާރަކަށް ވިސްނަން ޖެހޭނެ ބިރެއް ނެތޭ
ނުފުދިގެން އެދުމެއް ޒަރޫރީ ގިސްލެވޭނެ ތަދެއް ނެތޭ
އުފުލުމަށް ކުޅަދާނަ ނޫން އެއްވެސް ބަރެއް ކޮނޑުގައި ނެތޭ
ބީހިލަން މޭގައި ހަޔާތުގެ ރަމްޒުވާ ސިއްރެއް ނެތޭ
ހީނލަމުން މޫނަށް ބަލައިލާނޭ ލޮލެއް އުނގުގައި ނެތޭ
ހާދަހާ ފުން ވޭނެކޭ އުފަލެއް ހިތަށް ލިބުމެއް ނެތޭ
މާދަމާ އަށް އަލިކުރަން އުޑުގައި ވިދާނެ އިރެއް ނެތޭ