މާދަމާޔަށް ފަސްކުރާކަށް ހެޔޮކަމެއް ހެޔޮވެސް ނުވާނެ
މާދަމާ ފެންނާނެކަން ވެސް ހަމަ ޔަގީން ކަށަވަރު ނުވާނެ
މާދަމާއެއް ހުސްނުވާނޭ މަރުނުވާހައި ހިނދަކުގައި
މާދަމާ ހުސްވާއިރަށް "ރޫހެއް" ތިމާ ނަފުސަކު ނުވާނެ
ދުނިޔެއަށް އައުމާއެކީ ދެން އެންމެ ކައިރީގައިވަނީ
ދުނިޔެ ދޫކޮށް މަރުވުމޭ އެހެނަސް ވަގުތު އެނގިއެއް ނުވާނެ
ޚާއްޞަކޮށް އަދި ވަގުތު ކަނޑައެޅިފައި އެވާހައި ހެޔޮކަމެއް
ޚާއްޞަކޮށް އަދި އިސްކުރާށޭ، ފަސްކުރުން ހެޔޮވެސް ނުވާނެ
އެންމެބިރުވެރި މަޙްޝަރަށް ގެންދަން ނެތިއްޔާ ހެޔޮކަމެއް،
ދެން އުޅެންވާ ޙާލަތެއް އިންސާނަކަށް އިޙްސާސް ނުވާނެ
ވަގުތުއައިސް ޖެހުމުގެކުރިން ކުޅަ ހެޔޮކަމެއް ކުރެވެންއޮތީ
"ވަގުތަކީ ސިއްރެއް" މިކަމުގައި އަޅަމެނަށް ބާރެއް ނުވާނެ
މަރުވެދާނޭ އޭ! ދަރީންނޭ ދަތުރު ނުހަދައި އުޅެނިކޮށް،
ދަރުމަ ވާނޭ! ހެޔޮ ޢަމަލު ނޫނީ ކުރަން ހަމަ ހެޔޮ ނުވާނެ