އިންޑިއާއިން ފެންނަ ކޮވިޑްގެ އާ ވައްތަރުތަކަށް ވެސް ޗައިނާއިން އުފައްދައިފައިވާ ވެކްސިން އަސަރުވެރި ކަމަށް އެ ގައުމުގެ ކަމާބެހޭ ތަޖުރިބާކާރަކު ހާމަކުރައްވައިފިއެވެ.
ސީނުކަރައިގެ "ޗައިނީސް ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން"ގެ ފަންނީ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ޝައޯ ޔިމިންގ ހާމަކުރައްވައިފައިވަނީ މިހާތަނަށް ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި އިންޑިއާއިން ފެނިފައިވާ ކޮވިޑް19ގެ އާ ވައްތަރުތަކަށް ވެސް ޗައިނާގެ ވެކްސިން އަސަރުވެރި (އިފެކްޓިވް) ކަމަށެވެ.
މި ދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން ޝައޯ ވިދާޅުވެފައިވަނީ އިންޑިއާއިން މިހާރު ފެނިފައިވާ، އަވަހަށް ގައިންގަޔަށް އަރާ، ކޮވިޑްގެ އާވައްތަރާ ބެހޭ ގޮތުން އެއްކުރެވިފައިވާ ހުރިހައި ޑޭޓާއެއް މިހާރު ގެންދަވަނީ ތަޙުލީލުކުރައްވައި ދިރާސާކުރައްވަމުންނެވެ.
"ދިރާސާއިން މިހާތަނަށް ހާމަވެފައިވާ ގޮތުގައި އިންޑިއާއިން ފެނިފައިވާ ކޮވިޑްގެ ބާރުގަދަ އާވައްތަރާ ދެކޮޅަށް ވެސް، މިހާރު ހުރި ވެކްސީން ވެސް މަސައްކަތްކުރެއެވެ. އަދި އެ ވެކްސިން އަސަރުވެރިއެވެ." ޝައޯ ވިދާޅުވިއެވެ.
ނޮވެލް ކޮރޯނާ ވައިރަހުން ޖެހޭ ކޮވިޑް19އާ އިދިކޮޅަށް މިހާރު ދުނިޔޭގައި އުފައްދައިފައިވާ ވެކްސިންގެ އަސަރުވެރިކަން، ކޮވިޑްގެ ތެރެއިން އަލަށް އުފެދިގެން އަންނަ، އޭގެ ޠަބީޢާތާއި ވައްތަރުތައް އަވަސްއަހަހަށް ބަދަލުވަމުން އަންނަ، އާ ވައްތަރުތަކަށް ނުފޯރާ ކަމަށް ވެއެވެ. އެހެންނަމަވެސް މި ފަދަ އާވައްތަރުތަކަށް ވެސް އިޖާބަދިނުމުގެ ޤާބިލުކަން ސީނުކަރައަށް ލިބިގެންވާކަމަށް ޝައޯ ވިދާޅުވިއެވެ.
އެހެނީ ސީނުކަރައިގައި ވެކްސިން އުފެއްދުމުގެ އިޖުރާތުތަކާއި މަރުޙަލާތައް ތަޞައްރުފު ފުދިފައިވާތީ ކޮވިޑްގެ އާ ވައްތަރުތަކަށް އާ ވެކްސިނެއް އުފައްދާކަށް މާ ބޮޑު ބަދަލެއް ގެންނާކަށް ނުޖެހެއެވެ. އެ ޤާބިލުކަން ސީނުކަރައަށް ވަނީ ލިބިފައެވެ.
ސީނުކަރައިން މިހާތަނަށް ކޮވިޑް-19 އަށް 5 ވެކްސިނެއް ތަރައްގީކޮށްފައި ވެއެވެ. އެއީ، ސިނޮވެކްގެ ވެކްސިނާއި ޗައިނާ ނޭޝަނަލް ބަޔޯޓެކް ގްރޫޕް (ސިނޯފާރމް) ގެ 2 ވެކްސިނާއި ކެންސީނޯ ބަޔޮލޮޖިކްސްގެ ވެކްސިނާއި ޗައިނީޒް އެކަޑަމީ އޮފް ސައިންސަސްގެ ވެކްސިނެވެ.
ސިނޯފާމާއި ސިނޮވެކާއި ކެންސީނޯއަކީ، ޑަބްލިޔޫއެޗްއޯގެ ކޮވެކްސް ޕްރޮގްރާމްގައި ބައިވެރިވާ ކުންފުނިތަކެއް ވެސް މެއެވެ.



advertisment