އުންމަތާއޭ ފޮހެލަދޭށޭ އޮހޮރެމުންދާ ކަރުނަތައް
ބިންމަތީގައި ނޫންހެ ދެމެނީ ފެން ފަދައިން ލޭ ކޯރުތައް
އިޒުނަ ނެތް ބައިގަނޑު ޔަހޫދީ ވެރިވެގަންނަން މާތް ބިމަށް
އުޒުރު ދައްކާ އޮޅުލަނީ އަދު ކަތިލަމުންނޭ ހައްޤުތައް
ނޭނގެޔޭ ވަދެ ވީތަނެއް އޮންނަންވި އަމްނާ ސުލްހަޔާ
ނޭނގެޔޭ އަދަދެއް އެހާވެސް އިތުރުވެއްޖޭ ޤަތުލުތައް
ވަކިއަޅާ އަނިޔާގެ އަތްތައް އަލް ޤުދުސް އަތުލަން އައީ
ރޮކެޓު ބަޑިއާ ޙީލަތުން ތައްޔާރުކޮށްގެން ހަމަލަތައް
ވޭނުގައި ފިހި ރޯފިލާއިރު ފެތުރިދާ ރުއިމުގެ އަޑަށް
ހޭނުލާހޭ އަދުގެ ދުނިޔޭން ބަސްބުނާ ގަދަ ބާރުތައް
ނާރުތައް ބުރިބުރި ކުރާއިރު ކީއްވެބާ އެ ތިބީ ބަލަން
ބާރުހުރި ދަޢުލަތްތަކާއޭ ފަހެ މަދީހޭ ހިއްސުތައް؟