އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ޢުދްވާނީ ޙަމަލާތައް މިއަދު ފަތިހު ހުއްޓާލީ، މިޞްރާއި ޤަޠަރާއި ބައިނަލްއަޤްވާމީ ފިއްތުންތައް އިތުރުވެގެން ގޮސް، އެމެރިކާއަށް ނުހިފެހެއްޓޭ ހިސާބަށް ދިޔުމުން ފަލަސްޠީނުގެ މުޤާވަމާގެ ތަފާލުތަކުން ފިލަންވެގެންނެވެ. އެމީހުންގެ ލަޑުދަނޑިތައް ޙާޞިލުކުރުމަށް ނުކުޅެދުންތެރިވުމުންނެވެ.
ޙަމާސްގެ ތަރްޖަމާނު ޢަބްދުއްލަޠީފުލް ޤާނޫޢު، އަނާޟޫލު ނޫސް އޭޖެންސީއާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. "މުޤާވަމާގެ ތަފާލުތަކުގެ ކުރިމަތީގައި ކެތްނުކުރެވިގެން ދުޝްމަނުން ފިލީއެވެ. އެމީހުންނަށް އެމީހުން ޙާޞިލު ކުރަން އެދުނު މަޤްޞަދުތައް ވަނީ ޙާޞިލުކުރުމަށް ނުކުޅެދިފައެވެ. "އޭނާ ވިދާޅުވިއެވެ. "މުޤާވަމާގެ ބާރުތައް އަބަދުވެސް އޮންނާނީ އަހުރެމެންގެ ރައްޔިތުންނާއި މުޤައްދަސާތުތައް ޙިމާޔަތް ކުރާ އައްޑަނައެއްގެ ގޮތުގައެވެ. "އޭނާ އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "މުޤާވަމާ އޮންނާނީ އަބަދުވެސް ތައްޔާރުވެ ހުޝިޔާރުކަން މަތީގައެވެ. އަހުރެމެންގެ ރައްޔިތުންނަށް ދެވޭ ކޮންމެ ޙަމަލާއަކަށް ވަގުތުން ރައްދު ދޭނަމެވެ."

ޤައްސާމުގެ އިންޒާރުއަނެއްކޮޅުން ބަލާއިރު ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔަކަމުގައިވާ އަލްޤައްސާމު ޙަރަކާތުން ރޭ އިސްރާއީލަށް އިންޒާރެއް ވަނީ ދީފައެވެ. މި އިންޒާރު އެ ބްރިގޭޑުން ދިނީ ހަނގުރާމަ ހުއްޓައިލުމުގެ ވަގުތު ޖެހުމުގެ ދެތިން ގަޑިއިރު ކުރިން މި ބްރިގޭޑްގެ ތަރްޖަމާނު އަބޫ ޢުބައިދާ ދެއްވި ޓީވީ ބަޔާނެއްގައެވެ.
އަބޫ ޢުބައިދާ ވިދާޅުވިއެވެ. "އަހުރެމެން ހަނގުރާމަ ހުއްޓުމަށް މި ޤަބޫލުވީ ޢަރަބި މެދުވެރީންނަށް އިޖާބަ ދިނުމަށް ޓަކައެވެ." އޭނާ އިސްރާއީލަށް އިންޒާރު ދެއްވަމުން ވިދާޅުވިއެވެ. "ޤައްސާމުން މިހާރުވަނީ ފަލަސްޠީނުގެ ކޮންމެ ހިސާބަކަށް ޙަމަލާ ދެވޭވަރުގެ ބާރުގަދަ ރޮކެޓެއް އުފައްދައިފައެވެ. މި ރޮކެޓަށް ފަލަސްޠީނުގެ އުތުރުގެ ޙައިފާއަށާއި ދެކުނުގެ ރާމޫން ވައިގެ ބަނދަރާ ހަމައަށް ދެވޭނެއެވެ. " އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އަހުރެމެން އަނިޔާވެރި ދުޝްމަނުގެ ޙަރަކާތްތަކަށް ފާރަލައި ބަލާން ތިބޭނަމެވެ. އަހުރެމެން ޙަމަލާތައް ހުއްޓައިލީ މިޞްރާއި ޤަޠަރުގެ އެދުމުގެ މަތިންނެވެ."
މުޤާވާމާ މާ މޮޅުކަން ހާމަވެއްޖެ
ހަނގުރާމަ ހުއްޓުމަށް އެއްބަސްވިއެއްބަސްވުމާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ އިސް މަސްއޫލުވެރިއެއް ކަމުގައިވާ ސާމީ އަބޫ ޒުހްރީ ވިދާޅުވިގޮތުގައި "މި ހަނގުރާމައިން ދުނިޔެއަށް ފެނުނު މަންޒަރަކީ މުޤާވަމާ އިސްރާއިލުގެ މައްޗަށް ނަޞްރު ހޯދި ތަނެވެ. އަހުރެމެންގެ ހުނަރުތަކާއި އިސްތިރާތީޖީ މާ މޮޅުކަމެވެ. އެންމެފަހުން ދުޝްމަނުންނަށް ކުޑަ ކަކޫ ޖަހަން މަޖްބޫރުވީއެވެ. އަހުރެމެންގެ ރައްޔިތުންނަށާއި ޤުދުސަށް ދެމުން ދިޔަ ޙަމަލާތައް ހުއްޓައިލަން މަޖްބޫރުވީއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި ވަނީ އަހުރެމެންގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ޢަހްދު ކަށަވަރުވެފައެވެ. އަހުރެމެން ދުޝްމަނުންނަށް ބުނާނީ: އަދި ތިޔަބައިމީހުން އެނބުރި އަތުވެއްޖެނަމަ، އަހުރެމެން ވެސް ހަމަ އެގޮތަށް އެނބުރި އަންނާނަމެވެ."
ޙަމާސް ޖަމާޢަތުގެ ރައީސް ހަނިއްޔާގެ އޮފީހުގެ މުޝީރު ޠާހިރުއް ނޫނޫ ވިދާޅުވިއެވެ. "މިޞްރުގެ އަޚުންނަށް ހަނގުރާމަ ހުއްޓާނެ ކަމުގެ ކަށަވަރުކަން އަހުރެމެން ވާނީ ދީފައެވެ. އަހުރެމެން މި އެއްބަސްވުމަށް ކަށަވެތި ވާނަމެވެ. އެހެނަސް އެއީ ދުޝްމަނުން ވެސް އެކަމަށް ކަށަވެތިވާނަމައެވެ."
ހަނގުރާމަ ހުއްޓީ ވަކި ޝަރްޠެއް ނެތި
އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދިޔަ ހަނގުރާމަ ހުއްޓައިލުމަށް މިޞްރުން ހުށައެޅި ހުށައެޅުން އިސްރާއީލުން ޤަބޫލު ކުރީ އެއްވެސް ޝަރްޠަކާ ނުލައެވެ.
އިސްރާއީލުގެ ކުޑަ ކެބިނެޓުން ނެރުނު ބަޔާން ބުނާގޮތުގައި ކުޑަ ކެބިނެޓުން ހަނގުރާމަ ހުއްޓައިލުމަށް އިޖްމާޢުވީ ސަލާމަތީ ހުރިހާ ބާރުތަކަކުން އެކަމަށް ވަޞިއްޔަތް ކުރުމުންނެވެ. އިސްރާއީލުން ބުނާގޮތުގައި ޣައްޒާގެ ފަލަސްޠީނުގެ ޖަމާޢަތްތަކާއެކު ހަނގުރާމަ ހުއްޓުމަށް އެއްބަސްވީ ވަކި ޝަރްޠެއްނެތިއެވެ. "އެއީ ޤުދްސާއި ވެސް އަދި އައްޝައިޚު ޖައްރާޙު އަވަށާ ވެސް ގުޅުން އޮތް ކަމެއްނޫނެވެ." އިސްރާއީލުގެ "ކާން" ޓީވީ ބުނިގޮތުގައި ހަނގުރާމަ ހުއްޓުމަށް ދެ ފަރާތުން ވެސް އެއްބަސްވީ މިޞްރު މެދުވެރިވެގެންނެވެ. އެކަމަށް އެއްވެސް ޝަރްޠެއް ނެތެވެ. މި ޓީވީ ބުންޏެވެ. "މި އެއްބަސްވުމާ ޤުދުސް ސަހަރުގެ ޙަދިސާތަކާ ނުވަތަ އައްޝައިޚު ޖައްރާޙު އަވަށުގެ ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ނެތެވެ."
އިސްރާއީލުގެ ދިފާޢީ ވަޒީރު ބެނީ ގެންޓްސް ވެސް ވަނީ މިކަން ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވިއެވެ. "އަހުރެމެން އަރުތަތަކެއް ޙާޞިލުކޮށްފީމެވެ. އަހުރެމެން މި ތިބީ ކޮންމެ ސީނާރިއޯއަކަށް ތައްޔާރުވެގެންނެވެ. ހަމަހިމޭންކަމާ ބައްދަލު ކުރާނީ ހަމަހިމޭންކަމުންނެވެ. އެއްވެސް ޝަރްޠެއް ނެތެވެ."
ޢުދްވާނުގެ އާދަމީ ގެއްލުންތައް
އިސްރާއީލާ ޣައްޒާގެ މުޤާވަމާ ޖަމާޢަތްތަކާ ދެމެދުގައި ވޭތުވެދިޔަ 11 ދުވަހުގެތެރޭގައި ހިނގި ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުން 232 މީހުން ޝަހީދުވިއެވެ. އޭގެތެރޭގައި 65 ކުޑަކުދީންނާއި 39 އަންހެނުންނާއި 17 މުސްކުޅިންވެއެވެ. މީގެއިތުރަށް އިސްރާއީލުގެ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން 1،900 މީހުން ޒަޚަމުވިއެވެ. ހުޅަނގު އައްސޭރިއަށް ބަލާއިރު އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން 28 މީހަކު ޝަހީދުވެ 7 ހާސް މީހަކު ޒަޚަމުވިއެވެ.

އިސްރާއީލުގެ ބަރްލަމާނީން ނަތަންޔާހޫއަށް ފާޑު ކިޔުން
އިސްރާއީލުގެ ބޮޑުވަޒީރު ކުޑަކަކޫޖައްސަވައި ހަނގުރާމަ ހުއްޓުމަށް ޤަބޫލުފުޅު ވުމުން އިސްރާއީލުގެ ބަރްލަމާނުގެ (ކަނީސަތުގެ) ބައެއް މެންބަރުން ބޮޑުވަޒީރު ނަތަންޔާހޫއާ ދެކޮޅަށް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޙަމަލާތައް ދެއްވައިފައެވެ. އިސްރާއީލުގެ ބަރްލަމާނުގެ މެންބަރުން ނަތަންޔާހޫ ކުށްވެރކުރައްވާ ނެރުއްވި ބަޔާނުގައި އެއީ އިންތިހާއަށް ލަދުގަންނަން ޖެހޭ ކަމެއްކަމަށް ވިދާޅުވެފައި ވެއެވެ.
އިސްރާއީލުގެ ދުވަހުނޫސް ބަދީޢޫތު އަޙްރަނޫތު ބުނާގޮތުގައި ކަނީސަތުގެ މެންބަރެއްކަމުގައިވާ އީލީތު ޝާކީދު ވިދާޅުވިގޮތުގައި "ޝަރްޠަކާނުލައި ހަނގުރާމަ ހުއްޓަން އެއްބަސްވުމަކީ އިންތިހާއަށް ލަދުގަންނަން ޖެހޭ ކަމެކެވެ." ޝާކީދަކީ ހައްދުފަހަނަޅާފައިވާ ކަނާތު ފިޔައިގެ ޕާޓީއެއްކަމުގައިވާ "އައު ކަނާތް" ޕާޓިގެ މެންބަރެކެވެ. އޭނާ ވިދާޅުވިއެވެ. "ނަޞްރު ލިބޭނީ ދަރިން އަނބުރާ ލިބުމުންނެވެ." އޭނާ އެ ވިދާޅުވާ ދަރީންނަކީ ޣައްޒާއިން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުންނެވެ.
ޙަމާސުން ވަނީ އެމީހުން ހައްޔަރުކޮށްފައިވާ އިސްރާއީލުގެ އަސީރުންނާ ބެހޭގޮތުން މަޢުލޫމާތު ދިނުމާ ދެކޮޅު ހަދައިފައެވެ.
އިސްރާއީލުގެ ބަރްލަމާނީ މެންބަރެއްކަމުގައިވާ ޖަދްޢޫން ސާޢިރު ވިދާޅުވިއެވެ. "މި އެއްބަސްވުމަކީ އިސްރާއީލުގެ ދައުލަތަށް ލިބުނު އިހާނެތި ކަމެކެވެ." އޭނާއަކީ އިސްރާއީލުގެ "އައު އުންމީދު" ޕާޓީގެ މެންބަރެކެވެ.
"އައު ޞިހްޔޫނީ" ޕާޓީގެ މެންބަރެއް ކަމުގައިވާ އީތުމާރު ބިން ޣަފީރު މި އެއްބަސްވުމާ ދެކޮޅު ހައްދަވަމުން ވިދާޅުވިއެވެ. "ހަނގުރާމަ ހުއްޓައިލުމަށް މި އެއްބަސްވި ނިކަމެތި އެއްބަސްވުމަކީ ޙަމާސްގެ ނިރުބަވެރކަމަށް ދެވުނު އަމާންދިނުމެކެވެ."



advertisment