އިސްރާއީލާއި ހަމަހާ ދެމެދުގައި ކުރިއަށް ދިޔަ ހަމަނުޖެހުންތަކުގައި ބަދަލުކުރެވުނު ޙަމަލާތައް 11 ދުވަހަށް ފަހު މިއަދު ހެނދުނު ހުއްޓައިލައިފި އެވެ.
މިސްރުން މެދުވެރިއެއްގެ ބައި އަދާކޮށްގެން އިސްރާއީލްގަޑިން ބުރާސްފަރި ދުވަހު2:00ން ފެށިގެން ރޭގަނޑު 7:00އަށް އެމެރިކާގައި ކުރިއަށް ގެންދިޔަ ވާހަކަތަކުގެ ނަތީޖާއާ މެދު ދެ ފަރާތުން ވެސް ތިބީ ނޭވާ ހިފަހައްޓައިލައިގެންނެވެ. އެ އެއްބަސްވުން ތަންފީޒުކުރެވޭނެތޯއެވެ.
ހަނގުރާމަ ހުއްޓައިލުމުގެ އުފަލުގައި ޣައްޒާއާއި ފަލަޞްޠީނު ސަރަހައްދުގެ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ ދިދަތައް ހޫރަމުން ކާމިޔާޞުގެ ރަމްޒެއްގެ ގޮތުން "V"އަކުރުގެ ނިޝާން ދައްކަމުން އެބަ ގެންދެއެވެ.
އިސްރާއީލުން ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫގެ އޮފީހުން ބުރާސްފަތި ދުވަހުގެ ރޭ އިޢުލާންކޮށްފައިވާ އިޢުލާނެއްގައިވާ ގޮތުން، ހަމަލާ ބަދަލުކުރުން ހުއްޓައިލާން މިޞްރުން ހުށަހެޅި ހުށަހެޅުން ބަލައިގަންނާން އިސްރާއީލުގެ ސަލާމަތީ ކެބިނެޓުން ވޯޓުދިނީ އެއްވެސް މެންބަރެއްގެ ދެކޮޅުހެދުމެއް ނެތި އިއްތިފާގުންނެވެ. ހަމަ މިފަދައިން ފަލަޞްޠީނުގެ ޙަމާސް ޖަމާޢަތުން ވެސް ވަނީ މިކަން ކަށަވަރުކޮށްދީފައެވެ. އެކަން އެ ޖަމާޢަތުން ވެސް ވަނީ ބަލައިގެންފައެވެ.
އެމެރިކާގެ ވައިޓްހައުސްއިން ބްރޯޑްކާސްޓްކުރި ބަޔާނެއްގައި ރައީސް ބައިޑްން ވަނީ "ކުޑަކުދީން ހިމެނޭ ގޮތުން އެތައް ބަޔެއްގެ ފުރާނަ ނެތިދިޔަ" މި ހަމަނުޖެހުން ހުއްޓުމަކަށް ގެނައުމަށް އެއްބަސްވި ކަމަށް ޓަކައި އިސްރާއީލަށާއި މިޞްރަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. ނަމަވެސް މި ކަމުގައި ޙަމާސްގެ ނަންވެސް ހިމަނައިފައެއް ނުވެއެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި ނަތަންޔާހޫއާ ހައެއްކަ ފަހަރު ބައްދަލުކޮށްފައިވާނެ ކަމަށާއި 11 ދުވަހުގެ ކުރީން ނިމުމަކަށް ގެންނާންވާނެ ކަމަށް ނަތަންޔާހޫއަށް އަންގައިފައިވާނެ ކަމަށް ވެސް ބައިޑްންގެ ބަޔާނުގައިވެއެވެ.
ބައިނަލްއަޤުވާމީ އަސްކަރީ މަޞްދަރުތަކަށް ބައިޑްން ޔަގީންކަން ދީފައިވާ ގޮތުގައި އެ މީހުން ޣައްޒާ އަލުން ބިނާކުރާނެއެވެ. އޭނާ އެ ވާހަކަ ތަފްޞީލުކޮށްދެމުން ބުނެފައިވަނީ "އަހަރެމެން މި ކަންކުރާނީ ފަލަސްތީނުގެ އިދާރިއްޔަތުގެ ފުރިހަމަ ބައިވެރިވުމާއެކުގައި" ކަމަށެވެ. "ހަމާސްއާ އެކީގައެއް ނޫނެވެ. އިދާރިއްޔަތާއެކީގައެވެ. ހަމާސްގެ ހަތިޔާރު އިތުރުކުރާން މިކަމުގެ ތެރެއިން އަހަރެމެން ހުއްދައެއް ނުދޭނަމެވެ."
މޭ މަހު 10ން ފެށިގެން ޣައްޒާއަށް އަމާޒުކޮށް އިޒްރޭލުން ގެންދިޔައީ ބޮމުގެ ވަރުގަދަ ޙަމަލާތައް ދެމުންނެވެ. އޭގެ ޖަވާބުގައި ޙަމާސްގެ މުޖާހިދުން ވެސް ރޮކެޓުގެ ވަރުގަދަ ޙަމަލާތައް މެދު ކެނޑުމެއް ނެތި ދެމުންގެންދިޔައެވެ. ރޮކެޓް ޙަމާލާތަކާ ގުޅިގެން އިސްރާއީލުގެ އަވަށްތަކުން ނުރައްކަލުގެ ރަނގަބީލުތަކުގެ އަޑު ގުގުމައިގެންދިޔައެވެ. އޭގެ މިނިޓެއްހާ އިރު ފަހުން އިސްރާއލުން އިޢުލާންކޮށްފައިވަނީ ހަނގުރާމަ ހުއްޓާން މާގަކޮށްފައި ވަނިކޮށް (ހަމާސްގެ) "ހަނގުރާމަވެރީން" ރޮކެޓްގެ ހަމަލާތައް މެދުނުކެނޑި ކުރިއަށް ގެންދާ ކަމަށެވެ.
ހަމާސްއާއެކު އިސްރާއީލުން ސީދާ ވާހަކަތައް ނުދެއްކިޔަސް އެތައް ގައުމަކުން މެދުވެރީންގެ ބައި އަދާކޮށްގެން ކުރިއަށް ގެންދިޔަ ވާހަކަދެއްކުންތަކާއެކު ބައިނަލްއަޤުވާމީ ފިއްތުންތައް ދެ ފަރާތަށް ވެސް ދިޔައީ އިތުރުވަމުންނެވެ. އެންމެ ފަހުން ދެ ފަރާތުން ވެސް މި ވަނީ މި ތަޅައިފޮޅުން މިއަދު ހުއްޓައިލައިފައެވެ.
އިސްރާއީލުންގެ ރަޙުމެއް ނެތް ސިފައިންގެ ބޮމާއި ބަރު ހަރިޔާރުތަކުން ޣައްޒާގެ ކުށެއް ނެތް 232 މީހުންވަނީ ޝަހީދުކޮށްލައިފައެވެ. މީގެ ތެރޭގައި ހިމެނެނީ މުޅީން ހެންވެސް ޢާންމު ރައްޔިތުންނެވެ. މީގެ ތެރޭގައި 65 ކުޑަކުދީންނެއް ވެސް ވަނީއެއްވެސް ރަޙުމެއް ނެތި މަރައިލައިފައެވެ. އިސްރާއީލުގެ ރަޙުމެއް ނެތް ޙަމަލާތަކުގައި ޣައްޒާ ސަރަހައްދުގެ ބިނާވެއްޓަށް ވަނީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ދީފައެވެ. ހަލާކުކޮށްލި ތަންތާނގެ ތެރޭގައި ފެނުގެ ނިޒާމާއި ނަރުދަމާ ނިޒާމާއި ކަރަންޓް ހަކަތަ އުފައްދާ ނިޒާމާއި ހަސްފަތާލުތަކާއި އިސްކޫލުތަކާއި މަގުތައް ވެސް ހިމެނެއެވެ. ޙަމާސްގެ ލީޑަރުންނާއި މުޖާހިދުން ނެތިކޮށްލުމަށް އިސްރާއީލުން ވަރަށް ބޮޑަށް މަސައްކަތްކޮށްފައިވާކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. ނަމަވެސް މިކަމުގައި އިސްރާއީލަށް މާބޮޑު ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
އަނެއްކޮޅުން ހަމާސްއިން ހަތަރުހާސް ރޮކެޓް އިސްރާއީލަށް އަމާޒުކޮށް ފޮނުވައިފައިވެއެވެ. އެމެރިކާއިން ފޯރުކޮށްދީފައިވާ މިސައިލުން ރައްކާތެރިވުމުގެ ނިޒާމަށް ގޮންޖެހުމަށްފަހު، ގިނަ ރޮކެޓްތައްވަނީ އޭގެ އަމާޒަށް ވާޞިލުވެފައެވެ. މީގެ ސަބަބުން އިސްރާއީލަށް ލިބުނު ސީދާ ގެއްލުން ވަންހަނާކުރާން އެ މީހުން މަސައްކަތް ކުރި ނަމަވެސް އެތައް ޢިމާރާތްތަކެއް އަނދައި ހުލިވި މަންޒަރު މީޑިއާތަކުން ވަނީ ހާމަވެފައެވެ. އަދި 10 މީހަކު މަރުވެ 12 މީހުން ޒަޚަމްވި ކަމަށް އިސްރާއީލުން އެއްބަސްވެފައި ވެސް ވެއެވެ. އެ މީހުން ބުނާ ގޮތުގައި މިއީ މުޅީން ވެސް މަދަނީންނެވެ. ނަމަވެސް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި އިސްރާއީލުން މަރުވި މީހުންގެ އަދަދު މިއަށްވުރެ އެތައް ތަނެއް އިތުރުވާނެއެވެ. އަދި އިސްރާއީލު ސިފައިން ވެސް މަރުވެފައިވާނެއެވެ.
އިންސާނިއްޔަތު ކަމެއް ނެތް އަނިޔާވެރި ނަޔަންޔާހޫ ވަނީ އޭނާގެ ސަލާމަތީ ކެބިނެޓާ ބައްދަލުކޮށް، ހަމާސް ފަނާކޮށްލާން ކިހާ ދުވަހެއް އަދި އިތުރަށް ހޭދަވާނެތޯ މުރާޖައާކުރާން ވަނީ އެދިފައި ވެސް މެއެވެ. އަދި ބިންގަރާޙުގެ ވިޔުގަތަކާއި، ބޮމާއި އެހެންވެސް ބަރު ހަތިޔާރުގެ ގުދަންތައް ހަލާކުކޮށްލައި އިސްރާއީލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވަންދެން ހަމަލާތައް ކުރިއަށްގެނދާން ވެސް ވަނީ ބާރު އަޅައިފައެވެ.
ނަމަވެސް މިޞްރާއި ޤަޠަރާއި އދ.ގެ ފަރާތުން މެދުވެރީންގެ ދައުރު އަދާކޮށްގެން ދެފަރާތުގެ ދެމެދުގައި މިވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެއްބަސްކުރުވައި އެ އެއްބަސްވުން ތަންފީޒުކޮށްފައެވެ. މިހާ ތަނަށް އިސްރާއީލަކީ ޤައުމެއް ކަމަކަށް ޙަމާސް ޖަމާޢަތުން ގަބޫލެއް ނުކުރެއެވެ. އަދި އިސްރާއީލުން ގަބޫލުކުރަނީ ޙަމާސްއަކީ ނިރުބަވެރި ޖަމާޢަތެއް ކަމަށެވެ. ނަމަވެސް ހަގީގަތުގައި އިސްރާއީލަކީ ނިރުބަވެރި ޖަމާއަތެކޭ ބުނެވިދާނެއެވެ.މި ޙާލަތުގައި ހަނގުރާމަ ހުއްޓައިލާން ހަގީގަތުގައި މި އެއްބަސްވީ އެމެރިކާގެ ބާރުއެޅުމުގެ މަތީންނެވެ. ބައިނަލްއަޤުވާމީ ފިއްތުންތަކާހުރެ ހަނގުރާމަ ހުއްޓައިލާން އެންގުމަށް ބައިޑްންއަށް މަޖުބޫރުވީއެވެ.

މީގެ ކުރީން 2014 ވަނަ އަހަރު ވެސް ހިމެނޭ ގޮތުން މި ދެފަރާތުގައި ކުރެވުނު ހަނަގުރާމަތަކުގައި އިސްރާއީލަށާއި ފަލަޞްޠީނަށް ލިބުނު ގެއްލުމުގެ ދެ ގުނަ ގެއްލުން މި ފަހަރުގެ ކުރިމަތިލުންތަކުގައިވަނީ ލިބިފައެވެ. ޚާއްޞަކޮށް މުޖާހިދުންގެ ރޮކެޓްތަކުން އިސްރާއީލަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އިސްރާއީލަށްވަނީ ކުއްލި ސިހުމެއް ލިބިފައެވެ. އަދި އެމީހުންގެ އަސްކަރީ ބާރުގެ ބަލިކަށިކަން ބޭޒާރުވެ އެ މީހުންވަނީ ލަދުގަންނާންޖެހިފައެވެ. މިކަމުގެ ސަބަބުން އެ މީހުންގެ ރުޅިގަނޑު ވެސް މި ފަހަރު ވަރަށް ގަދަވިއެވެ. އެހެންކަމުން ހަމާސް ނައްތައިލުމަށް ފަހު ނޫނީ މިފަހަރުގެ ހަމަލާތައް ނުހުއްޓާނެކަމަށް ބުނެ ނަތަންޔާހޫ ގެންދިޔައީ ބޮޑާ ބަސްތަކުން ފޮނި ކަނޑަމުންނެވެ. ނަމަވެސް ހަމާސްގެ ހިތްވަރުގަދަކަމާއި އެ މީހުން އަމިއްލައަށް އުފައްދައިފައިވާ ރޮކެޓާއި ބައިނަލްއަޤުވާމީ ފިއްތުންތަކުގެ ސަބަބުން އިސްރާއީލަށް ހަމަލާތައް ހުއްޓައިލާން އެއްބަސްވުން ނޫން ގޮތެއް ނެތެވެ. އެހެނީ އެ މީހުންގެ މަދަދުގާރުކަމަށްވާ އެމެރިކާއަށް ވެސް ބައިނަލްއަޤުވާމީ ފިއްތުންތަކުގެ ސަބަބުން ހަނގުރާމަ ހުއްޓައިލާން ނަތަންޔާހޫއަށް އެންގުން ނޫން ގޮތެއް ނުވީއެވެ.
އިސްރާއީލާއި ފަލަޞްޠީނުގެ ޖަމާއަތްތަކާ ދެމެދު ހަމަނުޖެހުންތައް، ފަހުގެ ތާރީޚެއްގައި، ފެށުނީ 1980ގައި މާތްވެގެންވާ އަޤުޞާ މިސްކިތަށް އިސްރާއީލު ސިފައިން ވަދެގަނެ އެތާނގެ ޙުރުމަތް ކަނޑައި އެތައް ބަޔަކަށް އަނިޔާ ދިނުމުގެ ސަބަބުން ބަދަލު ހިފުމުގެ ގޮތުން ޖިހާދީ ޖަމާޢަތްތަކެއް އުފެދުނު ހިސާބުންނެވެ.
އޭގެ ފަހުން އިސްރާއީލުން ފަލަޞްޠީނަށް ދެމުން ގެންދާ ޙަމަލާތަކަށް ފަލަސްޠީނުގެ މުޖާޙިދުން ވެސް ގެންދަނީ ރައްދު ޙަމަލާތައް ދެމުންނެވެ. އަދި އެ މީހުންގެ ބާރު ވެސް ފަހަރަކަށްވުރެ ފަހަރެއް އަންނަނީ ގަދަވަމުން ކަން، މި ފަހަރުގެ ރޮކެޓް ހަމަލާތަކުން ދުނިޔެއަށް ސާބިތުކޮށްދީފިއެވެ.

ހަމާސްއިން މި ފަހަރުގެ ހަމަލާތަކުގެ ހަގީގީ ގެއްލުން އިސްރާއީލުން ވަންހަނާ ކުރިއަސް އިސްރާއީލުގެ ދިފާޢީ ނިޒާމަށް "ކުދިކުދި" ގެއްލުންތަކެއް ލިބުނު ކަމަށް އެ މީހުން އެއްބަސްވިއެވެ. އިސްރާއީލުގެ އެތައް ފްލެޓް ޢިމާރާތަކަކާއި ގޭސްހޮޅިތަކަކާއި ބޮޑެތި އެއަރޕޯޓްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އިސްރާއީލަށް އެއްބަސްވާން މަޖުބޫރުވީ އެ ތަންތާނގެ ފޮޓޯ މީސްމީޑިއާގައި ޢާންމުވެފައިވާތީއެވެ.
ޣައްޒާއަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ކޮވިޑް ޓެސްޓްކުރާ ލެބޯރެޓަރީއާއި 17 ހަސްފަތާލަކާއި އާންމުންގެ އެތައް ގެދޮރެއްވަނީ ބިމާ ހަމަވެފައެވެ. މި ކަމުގެ ސަބަބުން ޣައްޒާގެ 72 ހާސް ރައްޔިތުންގެ ގެދޮރު ގެއްލި، ވަނީ މަގުމަތިވެފައެވެ. މި ވަގުތު އދ.ގެ އެހީއާއެކު ގިނަ މީހުން ހިޔާވަހިކަން ހޯދަމުން ގެންދަނީ އިސްކޫލުތަކުގައެވެ.



advertisment