ފަލަސްޠީނުގެ މުޤާވަމާ ޖަމާޢަތްތަކުން މިއަދުގެ ހަނގުރާމައަށް ދިޔައީ އެއީ ވަރަށް އަގު ބޮޑު އަދި ވަރަށް ބުރަކަމެއްކަން އެނގި ތިބެގެން ކަމަށް ފަލަސްޠީނުގެ އިސްލާމީ ޖިހާދު ޙަރަކާތުގެ ސެކްރެޓަރީ ޖެނެރަލް ޒިޔާދުލް ނައްޚާލާ ވިދާޅުވެއްޖެއެވެ. އިއްޔެ އޭނާ ލުބްނާނުގެ ޓީވީއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި "މިނިވަންކަމަށާއި ޤުދުސާއި ފަލަސްޠިނުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ޓަކައި ދެވަނަ ވަސީލަތެއް ނެތެވެ."
އޭނާ ވިދާޅުވިއެވެ. "އަހުރެމެން މި ދިފާޢު ކުރަނީ ޤުދުސަށް އިހާނެތިކޮށް ހިތުމާއި ޤުދުސް ނުތާހިރުކުރުމުންނެވެ. އަހުރެމެންގެ ރައްޔިތުންގެ މަގަކީ އަދި މުޤާވަމާގެ މަގަކީ މިއެވެ. ނަޞްރު ލިބުމުން މެނުވީ އަހުރެމެން އެ މަގާ އެއްކިބާ ނުވާހުށީމެވެ."
އައްނައްޚާލާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ފަލަސްޠީނުގެ އެތަންމިތާނގައި ތިބި ރައްޔިތުންނާއި މުޖާހިދުން ޤުދުސާއި ފަލަސްޠީނުގައި މިއަދު ދަނީ ނޫރުން ބަބުޅަމުންދާ ޞަފްޙާތަކެއް ފުރޭފުކުރަމުންނެވެ."
އައްނައްޚާލާ އިސްރާއީލު ސިފަކުރައްވަމުން ވިދާޅުވިއެވެ. "އެއީ ބޮޑު ދޮގުވެރިއެކެވެ. އަހުރެމެން މިވަނީ ބަތް ސުވާގެތެރޭގައި ޙިޞާރު ކުރެވިފައެވެ. އަހުރެމެންގެ ބިމަށް އަރައިގަންފައިވާ ދައުލަތަށް، އެ ދައުލަތަށް ލިބިފައިވާ ހުރިހާ ކެރިކުޅެދުންތަކަކާއި ތަނަވަސްކަމަކާއި ބޭރުގެ އެހީތަކާއެކުގައި ވެސް އެ ދައުލަތް މިވަނީ ޣައްޒާއާ ކުރިމަތިލުމަށް ނުކުޅެދިފައެވެ.
"ޤުދްސާ ދިމާއަށް އަހުރެމެން މި ކުރާ ހނގުރާމައަށް މި ވަނީ 11 ދުވަސްވެފައެވެ. އެއިން ކޮންމެ ދުވަހަކީ މުޖްރިމުންނާއި ޤާތިލުންގެ މޫނުގެ މުޑުދާރުކަން ފާޅުވަމުން ބޭޒާރުވަމުންދާ ދުވަހެކެވެ. އަހުރެމެންގެ ރައްޔިތުން ބަންދުވެ ޙިޞާރުކުރެވިގެން ތިބި ޙާލުގައި ވެސް މި ދަނީ ބައިނަލްއަޤްވާމީ އަދި ޢަރަބި ދުނިޔޭގެ ރަސްމީ ހަނުތިބުމަށް ގޮންޖަހަމުންނެވެ."
އިސްރާއީލުގެ ޖަރީމާތަކާމެދު ދުނިޔެ ހަނުހިމޭނުން އޮތްއޮތުމަކީ ނައްޚާލާ ސިފަކުރެއްވި ގޮތުގައި "މަލާމާތްކަން އިތުރު ހަޑި މުޑުދާރު" ކަމެކެވެ. އޭނާ ވިދާޅުވިއެވެ. "މިއީ ކޮންފަދަ މުޑުދާރު ކަމެއް ހެއްޔެވެ؟ ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީންނާއި ޢާއްމުން މަރަމުންދާއިރު އަނގަމަތީގައި ތިބީ އަތްއަޅައިގެންނެވެ. ޢަދުއްވުންނަށް ދަނީ އިތުރު ޖަރީމާތައް ހިންގުމަށް ފުރްޞަތު ދެމުންނެވެ."
އާދަމީ ގެއްލުންތައް
އިސްރާއީލުން ވޭތުވެ ދިޔަ 10 ދުވަހުގެތެރޭގައި ވަނީ:
- ޣައްޒާއިން 227 މީހުން ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި 64 ކުޑަކުދީންނާއި 38 އަންހެނުންނާއި 17 މުސްކުޅިން ހިމެނެއެވެ.
- މީގެ އިތުރަށް 1620 މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ.
- ހުޅަނގު އައްސޭރީގައި މި ޢުދްވާނުގެ ސަބަބުން 28 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 4 ކުޑަކުދީން ވެއެވެ. މީގެ އިތުރަށް ހުޅަނގު އައްސޭރިއާއި ޤުދުސުގައި ވަނީ 7 ހާސް މީހަކު ޒަޚަމުވެފައެވެ.
- އިސްރާއީލުގެ "ރަތް މުދި ޖަމްޢިއްޔާ" ބުނާގޮތުގައި ފަލަސްޠީނުގެ މުޤާވަމާއިން ދެމުންގެންދާ ޙަމަލާތަކުގައި އިސްރާއީލުން 12މީހަކު ވަނީ މަރުވެފައެވެ. އަދި 600 މީހަކު ވަނީ ޒަޚަމުވެފައެވެ.



advertisment