Support Us

ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ ހުރިހާ މަސައްކަތަކަށް ހުރަސްއަޅަނީ އިސްރާއީލުން

މާދަމާ ހެދުނު 6:00 ން ފެށިގެން ހަނގުރާމައިގެ ހުރިހާ ޢަމަލުތަކެއް ހުއްޓައިލުމަށް މިޞްރުން ހުށައެޅުމުން އިސްރާއީލުން މި ހުށައެޅުމަށް ނޫނެކޭ ބުނެފި ކަމަށް އިސްރާއީލުގެ ޗެނެލް 12 ޓީވީ ބުނެފިއެވެ. މި ޗެނެލް ބުނިގޮތުގައި ޙަމާސުން ވަނީ މިޞްރުގެ ހުށައެޅުން ޤަބޫލުކޮށްފައެވެ.

ޣައްޒާގައި ހުންނަ ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާ ބުނާގޮތުގައި އިސްރާއީލުން މި މަހުގެ 10ން ފެށިގެން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ޢުދްވާނުގައި މިހާތަނަށް 217 މީހަކު ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި 63 ކުޑަކުދީންނާއި 36 އަންހެނުން ހިމެނެއެވެ.  މި ޙަމަލާތަކުގެ ސަބަބުން 1500 މީހަކު ވަނީ ޒަޚަމު ވެފައެވެ.

ޙަމާސުގެ ރައްދު

މިޞްރާއި ޤަޠަރާއި އދ ން އިސްރާއީލުގެ ޢުދްވާން ހުއްޓުމަކަށް ގެނެސް ނުތަނަވަސްކަން ކުޑަކުރެވޭތޯ ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާ ކަމަށް ޙަމާސުން ބުންޏެވެ. ޙަމާސުން ބުނިގޮތުގައި އިސްރާއީލުން މަސައްކަތް ކުރަނީ މި މަސައްކަތްތަކަށް ހުރަސްއަޅައި ނާކާމިޔާބު ކުރުމަށެވެ.

ހަނގުރާމަ ހުއްޓުމަށް ޙަމާސް ޤަބޫލުވެއްޖެ ކަމަށް އިސްރާއީލުގެ ޗެނެލަކުން ބުނިބުނުމަށް ޖަވާބުދީ ޙަމާސްގެ ރަސްމީ ތަރްޖަމާނު ފައުޒީ ބުރްހޫމް ވިދާޅުވިގޮތުގައި "ޙަމާސަކީ ޢިބްރީ ޗެނެލްތަކާއެކު މުޢާމަލާތު ކުރާ ބައެއް ނޫނެވެ. އެހެނަސް ޙަމާސުން މުޢާމަލާތު ކުރަމުންދަނީ ޢުދްވާނު ހުއްޓުވުމަށް މަސައްކަތް ކުރާ ޤައުމުތަކުގެ ޚަބަރުފަތުރާ ރަސްމީ ވަސީލަތްތަކާއެކުގައެވެ."

އޭނާ ހާމަކުރެއްވި ގޮތުގައި މިޞްރާއި ޤަޠަރާއި އދން ކުރަމުންދާ މަސައްކަތްތައް ހުއްޓާނުލައި އެބަ ކުރިއަށް ދެއެވެ. އެހެނަސް ޣައްޒާގެ ޢާއްމު ރައްޔިތުންނަށް ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ޤަތުލު ޢާއްމުތަކުގެ ސަބަބުން މި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

އިސްރާއީލަށް ނަޞްރު ލިބުނަކަ ނުދޭނަން

މިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ޙަމާސްގެ ސިޔާސީ އޮފީހުގެ މެންބަރެއް ކަމުގައިވާ ފަތުޙީ ޙައްމާދު ވިދާޅުވިއެވެ. "އިސްރާއީލު ހީކުރަނީ އެމީހުން މޮޅުވާނެ ކަމަށް ހެއްޔެވެ؟ ހަމަހިލާ އެހެނެއް ނުވާނެއެވެ. އަހުރެމެންގެ އަތުގައި އަދި ވަރަށް ގިނަ ހަތިޔާރު އެބަހުއްޓެވެ. ޢުދްވާނާ ކުރިމަތިލުމަށް އަހުރެމެން އަދި ނުކުޅެދުންތެރިއެއް ނުވެއެވެ."

އަޤްޞާ ރޭޑިއޯގައި ވާހަކަފުޅު ދައްކަވަމުން ޙައްމާދު ވިދާޅުވިއެވެ. "ޞިހްޔޫނީ ދުޝްމަނު ބޭނުން ވަނީ ހަނގުރާމައިގައި އެމީހުން މޮޅވެއްޖެކަން ދައްކާށެވެ. ހަމަ ހިލާ އެހެނެއް ނުވާނެއެވެ. އެމީހުންނަށް މި ފަހަރު އެކަމެއް ނުކުރެވޭނެއެވެ."

އޭނާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "މި ފަހަރުގެ ހަނގުރާމާގައި މާދަލާތައް ހަދާނީ ޤައްސާމުންނެވެ. ދުރާއި ގާތުގައި ތިބި މީހުންނަށް ވަނީ ޙައިރާންކަން ލިބިފައެވެ. އަހުރެމެންގެ ކޮށާރު އަދި ހުސްވަން ކައިރިވެސް ނުވެއެވެ. މިފަހަރު ފަހު ބަސް ބުނާނީ ޤައްސާމެވެ."

 އޭނާ ވިދާޅުވިއެވެ. "އިސްރާއީލުން ދަނީ އެމީހުންނަށް ލިބެމުންދާ ގެއްލުންތައް ވަންހަނާކުރަމުންނެވެ. މުޤާވަމާގެ ކުރިމަތީގައި އެމީހުން ބަލިވަމުންދާކަމުގެ ކުރެހުން ދަނީ އިތުރަށް ބައްޓަންވަމުންނެވެ."

އޭނާ ވާހަކަފުޅު ނިންމަވާ ލައްވަމުން ވިދާޅުވިއެވެ. "ޤުދްސާއި ޣައްޒާއަށް ވާގިވެރިވުމުގެ ގޮތުން ހުޅަނގު އައްސޭރީގައި ތިބި އަހުރެމެންގެ ރައްޔިތުން ތެދުވިތެދުވުމަކީ މުޤާވަމާގެ އިސްތިރާތީޖީ ކޮށާރެވެ. އެއީ ޞިހްޔޫނީ ދުޝްމަނުންނަށް ހުރި ބިރުވެރި ފޯކަހެކެވެ."

ނަތަންޔާހޫ: ދެތިން ދުވަސް މަށަށް ދީ

އިސްރާއީލުގެ ޓީވީ ޗެނެލް ބުދަވިލޭރޭ ބުނިގޮތުގައި ނަތަންޔާހޫ ހުންނެވީ ހަނގުރާމަ ހުއްޓައިލެއްވުމަށް ތައްޔާރަށެވެ. އޭނާ އެކަން އެމެރިކާއަށް ވަނީ އަންގަވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި އޭނާއަށް ބޭނުންފުޅު ވަނީ ދެތިން ދުވަހެކެވެ. މި ޗެނެލުން އިތުރު އެއްވެސް ތަފްޞީލެއް ނުބުނެއެވެ.

އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ޢަސްކަރިއްޔާއިން ވަނީ މުޅި ޣައްޒާ ކަނުކޮށްލުމަށް އަމުރުކޮށްފައެވެ. ޣައްޒާގެ ކަރަންޓް ވިއުގަތައް ހަލާކުކޮށްލައިގެން ނޫނީ ހަނގުރާމައިގައި ކުރި ނުލިބޭނެ ކަމަށް ބުންޏެވެ.

ޣައްޒާ އާރާސްތު ކުރުމަށް މިޞްރުން އެހީ

އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޣައްޒާގައި މީހުން ދިރިއުޅޭ ގިނަ ޢީމާރާތްތަކާއި ޓަވަރުތައް ވަނީ ބިމާ ހަމަވެފައެވެ. އެ ސަހަރު ވަނީ އަލުން  އާރާސްތު ކުރަންޖެހިފައެވެ. މިކަމުގައި މިޞްރު ބައިވެރިވާނެ ކަމަށް ރައީސް ސީސީ ރޭ ވަނީ ހާމަކުރައްވައިފައެވެ. ޕެރިހުގައި ބޭއްވުނު ފަރަންސޭސިވިލާތާއި މިޞްރާއި އުރްދުންގެ ސަމިޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސީސީ ވިދާޅުވިގޮތުގައި ޣައްޒާ އާރާސްތު ކުރުމަށް ޓަކައި މިޞްރުން 500 މިލިއަން ޑޮލަރު ދިނުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *