Support Us

ފަލަސްޠީނާއި އިސްރާއީލު ސީދާ ވާހަކަދެއްކުންތަކަށް ދިޔުމަށް ޗައިނާއިން ގޮވާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ރައީސްގެ މަންދޫބު ހާދީ ޢަމްރާ ވަނީ ބައްދަލު ކުރައްވައިފައެވެ. ރައީސް ބައިޑްންގެ މަންދޫބު އިސްރާއީލުގެ ބޮޑުވަޒީރާއެކު ބަޙުސްކުރެއްވީ ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ދެމުންގެންދާ ޙަމަލާތަކާއި ނުތަނަވަސްކަން ކުޑަކުރުމާއި ހަނގުރާމަ ހުއްޓުމަކަށް ގެނައުމާ ބެހޭގޮތުންނެވެ. އިސްރާއީލުގެ ދިފާޢީ ވަޒީރު ގެންޓްސް އެމެރިކާގެ މަންދޫބަށް ހާމަކުރެއްވި ގޮތުގައި އިސްރާއީލުން ދިގު މުއްދަތަކަށް ހަނގުރާމަ ހުއްޓާފައި ބާއްވަން އެދެއެވެ.

އަނެއްކޮޅުން ބަލާއިރު އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެން ސުޢޫދީ ޚަރިޖީ ވަޒީރު ފައިޞަލް ބިން ފަރްޙާނާއި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާ ގުޅުއްވާ ފަލަސްޠީނުގެ ޙާލަތާއި ނުތަނަވަސްކަން ކުޑަކުރުމަށް ޓަކައި ކުރެވެމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. މީގެ އިތުރަށް ވޮޝިންގްޓަނާއި ރިޔާޟާ އަދި ވޮޝިންގްޓަނާ ޤާހިރާއާ ދެމެދުގައިވާ ގުޅުންތަކާ ބެހޭގޮތުން އެމެރިކާގެ ވަޒީރު ބަޙުސް ކުރެއްވިއެވެ.

އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން އިސްރާއީލު ކުށްވެރިކުރުން

އާދީއްތަ ދުވަހު އިސްލާމީ އެއްބާރުލުމުގެ ޖަމްޢިއްޔާއިން ބޭއްވި ޚާރިޖީ ވަޒީރުންގެ ކުއްލި ބައްދަލުވުމުގައި އިސްރާއީލުގެ ޢުދްވާނު ވަނީ ކުށްވެރިކޮށްފައެވެ. މި ޖަމްޢިއްޔާގެ މި ބައްދަލުވުން ބޭއްވުނީ ސުޢޫދީ ޢަރަބިއްޔާގެ އިސްނެގުމަކާ ލައިގެންނެވެ. މި ޖަމްޢިއްޔާއިން ސިފަކުރިގޮތުގައި އިސްރާއީލުގެ މި ޙަމަލާތަކަކީ "ޖަނަވާރީ އަދި ލާއިންސާނީ ޢުދްވާނެކެވެ." ޣައްޒާއަށް އިސްރާއީލުން ދެމުންގެންދާ މި ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް 57 މެންބަރުންގެ މި ޖަމްޢިއްޔާއިން ގޮވާލައި އިސްރާއީލު ކުށްވެރިކުރިއެވެ. މި ޤައުމުގެތަކުގެ ޚާރިޖީ ވަޒީރުން ވިދާޅުވިގޮތުގައި އިސްރާއީލުގެ މި ޙަމަލާތަކަކީ ސަރަޙައްދީ އަދި ޢާލަމީ އަމަންއަމާންކަމަށް އޭގެ ނުބައި އަސަރު ރިވެލިވެގެންދާނެ ޢުދްވާނެކެވެ. ސުޢޫދީ ޚަރިޖީ ވަޒީރު އިސްރާއީލުގެ ޢުދްވާނަކީ އިސްލާމީ މުޤައްދަސް ތަންތަނުގެ ޙުރްމަތް ކަނޑައި ދީފައިވާ ފަޟީޙަތްތެރި ޢަމަލުތަކެއް ކަމަށް ވިދާޅުވިއެވެ. މި ޙަމަލާތަކުގެ ސަބަބުން މުޞީބާތާ ކުރިމަތިވެފައިވާ ޣައްޒާގެ މީހުންނަށް އެހީފޯރުވޭނެ މަގުތައް ތަނަވަސްކޮށްދިނުމަށާއި ޒަޚަމުވެފައިވާ މީހުންނަށް ފަރުވާ ދެވޭނެ މަގު ތަނަވަސްކޮށް ދިނުމަށް ސުޢޫދީ ޢަރަބިއްޔާއިން ގޮވައިލިއެވެ.

އދގެ ދާއިރާއަށް ބަލާއިރު ސަލާމަތީ މަޖިލީހުގައި އިސްރާއީލުގެ ޢުދްވާނާ މެދު ރޭ ވަނީ ބަޙުސްކުރަން ފަށައިފައެވެ. އެމެރިކާގެ މަންދޫބާ ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވިގޮތުގައި ފަލަސްޠީނާ އިސްރާއިލާ ދެމެދުގައި ހިނގަމުންދާ ހަރުކަށި ޢަމަލުތައް ހުއްޓައިލާންވީ ވަގުތު އަތުވެއްޖެއެވެ. ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީ އެމެރިކާއަކީ އިންސާފުވެރި ޤައުމެއް ނޫންކަމަށް ވިދާޅުވި ވިދާޅުވުން އިވިވަޑައިގެންނެވި ކަމަށް އެމެރިކާގެ މަންދޫބާ ނަހައްދަވައެވެ. އަރާރުންވާ ދެ ފަރާތަށް ސީދާ ވާހަކަދެއްކުންތައް ފެށުމަށް ޗައިނާގެ ވަޒީރު ގޮވައިލެއްވިއެވެ. ވާހަކަ ދެއްކުންތައް ބޭއްވުމަށް ޓަކައި ބޭޖިންގަށް އައުމަށް އޭނާ އިސްރާއީލަށާއި ފަލަސްޠިނަށް ގޮވައިލެއްވިއެވެ. ތޫނިސްގެ ޚާރިޖީ ވަޒީރު ޢުޘްމާނުލް ޖަރީދީއާއި މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީއާއި އުރްދުންގެ ޚާރިޖީ ވަޒީރު އައިމަނުއްޞަފްދީ އިސްރާއީލުގެ ޢަސްކަރީ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓައިލުމަށް ގޮވައިލެއްވިއެވެ. މި ޙަމަލާތަކުގެ ސަބަބުން މި ސަރަޙައްދަށް ލޮޅުން އަރަމުންދާ ކަމަށް އެބޭފުޅުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *