Support Us

ކޮއިފުޅާއެވެ! ހިތާމަތައް ދޫކޮށް ހިނިތުންވާން އަންނާށެވެ!

ތިރީގައި އެވަނީ ރާބިންދަރުނާތު ޓެގޯރުގެ ސޯކީ ބާހބޯނާ ކަހާރޭ ބޯލޭ، މި ލަވައިގެ ތަރުޖަމާއެކެވެ. އަދި، ލަތާގެ ސާހިރީ އަޑުން މި ލަވަ ކިޔައިފައި އޮތް ވީޑިއޯއެއް ވެސް ދިވެހި ތަރުޖަމާއާ އެކު އެވަނީއެވެ. ޓޭގޯއަކީ ވަރަށް ވެސް އާދަޔާ ޚިލާފު ފަންނާނެކެވެ. އޭނާއަކީ ޝާއިރެކެވެ. އަދީބެކެވެ. މޫސީގާރެކެވެ. މިޔުޒިކު ލިޔެ ކުޅެ އުޅުނު މޫސީގާރެކެވެ. އޭނާގެ އަދަބީ މަސައްކަތްތަކުގެ އަގު ވަޒަންކޮށް 1913 ވަނަ އަހަރު އަދަބިއްޔާތުގެ ރޮނގުން ނޮބެލް ޕުރައިޒު އޭނާއަށް ދެވުނެވެ.

******

ކޮއިފުޅާއެވެ!

ކަންބޮޑުވެ، ފިކުރުކުރުމުގެ ބޭނުމަކީ އަޅެ ކޮބައި ހެއްޔެވެ؟

ކޮއި ފުޅާއެވެ!

އުނދަގޫތަކާއި ވޭން ބަރުދާސްތުކުރުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

އެކަން އަހަންނަށް އަޅެ ބުނެދީ ބަލާށެވެ!

ރެއާއި ދުވާލު ކޮއިފުޅު ތިޔަ ދައްކަނީ ލޯތްބެއްގެ ވާހަކައެވެ!

އާއެނކެވެ! އަބަދު ތިޔަ ކިޔަނީ ލޯތްބެވެ! ލޯތްބެވެ!

އަޅެ ތިޔަ ކިޔާ ލޯތްބެއްގެ މާނައަކީ ކޮބައި ހެއްޔެވެ؟

އެއީ ހިތުގައި އަޅާ ވޭނަކަށް ކިޔާ އެހެން ނަމެއް ނޫން ހެއްޔެވެ؟

ލޯތްބަކީ އަބަދުވެސް ކަރުނަ އޮހޮރުން މެދުވެރިކުރާ ކަމެއް ނޫން ހެއްޔެވެ؟

ލޯތްބަކީ ފޮރުވިފައިވާ ހިތާމަތަކެއް މެދުވެރިކުރުވާ ފުން މާނޭވާލުން ތަކެއް ނޫން ހެއްޔެވެ؟

އެހެން ކަމަށް ވާއިރު،

ލޯތްބަކީ ކަރުނަ އޮހަރުވުމާއި،

ވޭނާއި ފުން ހިތާމަތައް މެދުވެރިކުރުވާ ކަމެއް ކަމަށްވާ އިރު،

ލޯބިން އުފާ ލިބިގަންނަނީ ކިހިނެއް ހެއްޔެވެ؟

އެކަން އަހަންނަށް އަޅެ އޮޅުން ފިލުވައިދީ ބަލާށެވެ!

ނަމަވެސް، އަހަރެންގެ ލޯ އަހަންނަށް ރީތިކަން ދައްކައި ދެއެވެ.

އަހަރެންގެ ވަށައިގެންވާ ހުރިހާ އެއްޗަކުންނެވެ.

އާރޯކަމާއި ތާޒާކަމެވެ. ތާހިރުކަމާއި ދިރުމެވެ.

ނޫކުލައިގެ އުޑުންނެވެ. ފެހިފެހި ބަގީޗާތައް އޮތް ބިމުންނެވެ.

ނަލަނަލަ ހަނދުވަރުގެ އަލިކަމުންނެވެ.

މާމެލާމެލީގެ މަޑު މަޑު ފިޔަތަކުންނެވެ.

މި ހުރިހާ އެއްޗެއްވެސް ވަނީ އަހަރެން ފަދައިން އުފަލުގައެވެ.

އަބަދުވެސް ހިނިތުންވެފައެވެ. ލަވަކިޔުމުގައެވެ.

މިދުނިޔެ ދޫކޮށް ދާންވަންދެންވެސް މެއެވެ.

ހިތާމައަކީ ކޮބައިކަމެއް އެއްގޮތަކަށް ވެސް ނުދަނެއެވެ.

ރޮއި ކަރުނަ އޮހޮރާކަށް ވެސް މެއެވެ.

އިންތިޒާރުގައި ހުރެ އަޅާ ވޭނަކީ ކޮބައިކަން ވެސް ހަމަ ނޭނގެއެވެ.

މާމެލާމެލީގެ ގަސްތައް ނިކަން ދެކި ބަލާށެވެ!

އެ ގަސްތަކުން މާތައް ފައިބަނީ ހިނިތުންވަމުންނެވެ.

ހަނދުވަރުގެ އަލި ވެސް ހަމަ އެފަދައެވެ.

ފަނޑުވެ، ރޭނގަނޑުގެ ތެރެއަށް ގެއްލިގެންދަނީ ހިނިތުންވަމުންނެވެ.

ތަރިތައް ވެސް ހަމަ އެފަދައެވެ.

ދުވާލުގެ އަލިކަމަށް ތަންދީ ގެއްލިދަނީ ހިނިތުންވަމުންނެވެ.

ހަމަ މިހެން، އުފަލުގައިވާ، އަހަރެން ނޫން، ދެވަނަ އެހެން މީހަކު ކޮބައި ހެއްޔެވެ؟

އެހެންވެ، ކޮއިފުޅާއެވެ، އަންނާށެވެ!

އައުމުން، އަހަރެންގެ އުފަލުގައި ކޮއިފުޅު ބައިވެރިކުރާނަމެވެ!

އަހަރެންގެ ހިތުގައިވާ އުފާވެރިކަމުގެ ލަވަތައް ކޮއިފުޅަށް އިއްވާލަދޭނަމެވެ!

އަދި ކޮއިފުޅުގެ ހިތަށް ވެސް ހަމަޖެހުން ގެެނެސްދޭނަމެވެ!

އޭރުން ކޮއިފުޅަށް ވެސް، އަހަރެން ހެން، އުފާކޮށް އުފަލުގައި ދެމި ހުރެވޭނެއެވެ!

ތިޔަހެން ކޮންމެ ދުވަހަކު ރޯން އިންނައިރު،

އެންމެ ދުވަހަކު އުފާކޮށް، ހިނިތުންވެލުން އެންމެ ރަނގަޅު ނޫން ހެއްޔެވެ؟

ހުރިހާ ހިތާމަތަކެއް މަތިން ހަނދާންނައްތާލައި، އެންމެ ދުވަހަކު،

އަހަންނާ އެއްކޮށް އުފާވެރިކަމުގެ ލަވައެއް ކިޔާލުން އެންމެ ރަނގަޅު ނޫން ހެއްޔެވެ؟

ކޮއިފުޅާއެވެ!

ކަންބޮޑުވެ، ފިކުރުކުރުމުގެ ބޭނުމަކީ އަޅެ ކޮބައި ހެއްޔެވެ؟

ކޮއި ފުޅާއެވެ!

އުނދަގޫތަކާއި ވޭން ބަރުދާސްތުކުރުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

އެކަން އަހަންނަށް އަޅެ ބުނެދީ ބަލާށެވެ!

ރެއާއި ދުވާލު ކޮއިފުޅު ތިޔަ ދައްކަނީ ލޯތްބެއްގެ ވާހަކައެވެ!

އާއެނކެވެ! އަބަދު ތިޔަ ކިޔަނީ ލޯތްބެވެ! ލޯތްބެވެ!

އަޅެ ތިޔަ ކިޔާ ލޯތްބެއްގެ މާނައަކީ ކޮބައި ހެއްޔެވެ؟

އެއީ ހިތުގައި އަޅާ ވޭނަކަށް ކިޔާ އެހެން ނަމެއް ނޫން ހެއްޔެވެ؟

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *