ރާއްޖޭގެ ސިޔާސީ ޕާޓީތަކުން ދައުލަތުގެ ތިޖޫރި ތެރެއަށް އަތްބާނައިގެން ބައިއަޅަން ތިއްބާ އެހެން ޤައުމުތައް ތަރައްޤީގެ ދަތުރުގައި އަޅުގަނޑުމެން ފަސްދީ ކުރިއަރަމުންދާ ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ދުނިޔޭގެ އިންފޮމޭޝަން އަދި ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ނުވަތަ އައި.ސީ.ޓީ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ޓެކްނޮލޮޖީއާ ބެހޭ އިދާރާއާ ހަވާލުވެ ހުންނެވި ކުރީގެ ވަޒީރެއްގެ ހައިސިއްޔަތުން ޑީ.އެން.އޭ ނަމުގައި ދެއްވި ހިތާބެއްގައި އުމަރު ވިދާޅުވީ ދިވެހިންނަށް މި މަންޒިލްގައި މަޑުކޮށްގެން، ސިޔާސީ މީހުންގެ އަމަލުތަކުގެ މައްޗަށް ހިތާމަކުރަން، ކަރުނައަޅަން ތިބެވޭކަށް ނެތް ކަމަށެވެ.
"އެމް.ޑީ.ޕީގެ ސަރުކާރުން ވަނީ އިންޓަނެޓް އަގުހެޔޮ ކޮށްދޭނެ ކަމުގެ ދޮގު ވަޢުދެއްވެ، އަދި މިއަދާ ހަމައަށް އެކަން ކޮށްދިނުމުގައި ފެއިލްވެފައި. ދިވެހިރާއްޖޭގައި އިންޓަނެޓްގެ ޚިދުމަތް ދޭ ހުރިހާ ކުންފުނިތަކަކީ ޕްރައިވެޓް ނުވަތަ ޕަބްލިކް ކުންފުނިތައް. މި ފަދަ މާހައުލެއްގައި ސަރުކާރުން އިންޓަރނެޓަށް އަގެއް ކަނޑައެޅުމީ ނުކުރެވޭނެ ކަމެއް. އެމް.ޑީ.ޕީން މި ވައުދު ވެލެއްވި އިރުވެސް މިކަން އޮތީ މިހެންކަން އެ ބޭފުޅުންނަށް އެނގިލައްވާނެ،" އުމަރު ވިދާޅުވިއެވެ. "ޑީ.އެން.އޭގެ މައިގަނޑު ތަސައްވަރަކީ ދިވެހި ރާއްޖެއަށް ބޮޑު ޓްރާންސްފޯމޭޝަނެއް ގެނައުން. ދިވެހިރާއްޖެ ތަރައްޤީވެފައިވާ ޤައުމުތަކާ އެއްސަފަކަށް ގެންދިއުން. ދިވެހި ރާއްޖެ މުޅިން އެހެން މަރުހަލާ އަކަށް އުފުލާލުން. އިޤްތިސާދި ގޮތުންނއި އިޖްތިމާޢީ ގޮތުންނާއި ޒަމާނީ ހުނަރާއި ތަޢުލީމީ ގޮތުން ދުޅަހެޔޮ، އުފާވެރި ރައްޔިތުން ތަކެއް ދިރިއުޅޭ، ރައްކާތެރި ޤައުމަކަށް ބަދަލު ކުރުން. ދެހާސް ސާޅީސް ފަސް ވަނަ އަހަރު އަންނައިރު ރާއްޖެ އަކީ ތަރައްޤީވެފައި އޮތް ޤައުމަކަށް ހެދުން. މި ބޮޑު ބަދަލު ބާރު ސްޕީޑްގައި ގެނައުމަށް ޓަކައި ދިވެހި ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ބޭނުންވޭ. އެހެން ކަމުން ދުނިޔޭގެ އިންފޮމޭޝަން އެންޑް ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދުވަހު މި ދާއިރާ އިން އަޅުގަނޑުމެންގެ ތަސައްވަރު ދަންނަވާލުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް."
އުމަރު ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިސާދު ދަޑުވެރިކަމާއި މަސްވެރިކަން ފަދަ ޕްރައިމަރީ އިންޑަސްޓްރީތަކަށް ފޯކަސްކުރުމުގެ ބަދަލުގައި ޑީ.އެން.އޭ އިން އަމާޒު ކުރާނީ ރާއްޖޭގެ އިޤްތިސާދު ތަފާތު މިސްރާބަކަށް ބަދަލު ކުރަން ކަމަށެވެ. "މަޢުލޫމާތާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ޢިލްމާއި ހުނަރުން އަޅުގަޑުމެންގެ އުފެއްދުންތެރިކަން އެތައް ގުނަޔަކަށް އިތުރުކުރުމަށް. ރާއްޖޭގެ އިޤްތިސާދު 'ނޮލެޖް އިކޮނޮމީ' އަކަށް ބަދަލު ކުރުމަށް. ޓެކްނޮލޮޖީ އާއި ރިސާރޗް އާއި، އިނޮވޭޝަންގެ ތެރެއިން ރާއްޖޭގެ އިޤްތިސާދުގެ ހުންގާނު އަނބުރާލުމަށް. މި ބޭނުމަށްޓަކައި ޑީ.އެން.އޭގެ ވެރިކަމެއްގައި ކޮންމެ އަހަރަކު ރިސާރޗް އެންޑް ޑިވެލޮޕްމަންޓަށް ދައުލަތުގެ ބަޖެޓުން ގްރާންޓްގެ ގޮތުގައި 300 މިލިއަން ރުފިޔާ ހޭދަކުރެވޭނެ. އަދި އައި.ސީ.ޓީ ސެކްޓަރ ފުޅާކޮށް މި ދާއިރާއިން މީހުން ބިނާކޮށް، އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުމަށް އަހަރަކު 1 ބިލިއަން ރުފިޔާ ޚަރަދު ކުރެވޭނެ."
އުމަރު ވިދާޅުވީ މިހާރުވެސް ރާއްޖެ އަކީ މި ސަރަހައްދުގެ ގިނަ ޤައުމު ތަކަށްވުރެ އައި.ސީ.ޓީގެ އިންފްރާސްޓްރަކްޗަރ ފުޅާކުރެވިފައިވާ ޤައުމެއް ކަމަށެވެ.
"މުޅި އާބާދީ އަށް އިންޓަރނެޓް ލިބޭ އެއްވެސް ޤައުމެއް ރާއްޖެ މެނުވީ މި ސަރަހައްދުގައި ނެތް. މިއީ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކަށް ވިޔަފާރީގެ ފަހި މާހައުލެއް ޤާއިމްކޮށް ދިނުމުގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް. ނަމަވެސް އިންޓަރނެޓް އަގުބޮޑުވުމުގެ ޝަކުވާ އަބަދުވެސް އޮވޭ. އަދި އިންޓަރނެޓްގެ ސްޕީޑް ދަށްވުމުގެ ޝަކުވާވެސް އޮވޭ،" އުމަރު ވިދާޅުވި އެވެ. "ދެހާސް އަށް ވަނަ އަހަރު އުފެދުނު އެމް.ޑީ.ޕީގެ ވެރިކަން އައި އިރު ދިރާގަކީ ދިވެހި ދައުލަތުގެ މެޖޯރިޓީ ޝެއަރ އޮތް ކުންފުންޏެއް. ނަމަވެސް އެމް.ޑީ.ޕީގެ ސަރުކާރުން ވަނީ ދިރާގުގެ މެޖޯރިޓީ ޝެއަރ ރާއްޖޭން ބޭރަށް ވިއްކާލާފައި. އެ މުއާމަލާތްވެސް ހިންގާފައިވަނީ ކޮރަޕްޝަންގެ ތެރެއިންކަން ފާހަގަކޮށްލަން. އެ ޝެއަރ ވިއްކާނުލާ އޮތް ނަމަ މިއަދު އިންޓަރނެޓްގެ އަގު ހެޔޮކުރެވުނީސް."

ދުނިޔެއަށް މިހާރު ވަނީ ސެޓަލައިޓް އިންޓަރނެޓް ތަޢާރަފްކުރެވިފައި ކަމަށާއި އަދި ސެޓަލައިޓް އިންޓަރނެޓް ރާއްޖެ އަށް ތަޢާރަފް ކުރުމަށް އެއްވެސް ހުރަހެއް ކުރިމަތި ނުކުރުމަށް އުމަރު ވަނީ ސަރުކާރަށް ގޮވާލައްވައިފައެވެ.
"އެހެނީ ވަރަށް ގިނަ ފަހަރު އަޅުގަނޑުމެނަށް ކުރެވިފައި ހުރި ކަމަކީ މިފަދަ އާ ޓެކްނޮލޮޖީތައް ތަޢާރަފްކުރާ ފަރާތްތަކަށް ހުރަސްއެޅުން. އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މާކެޓްގައި ތަފާތު ޓެކްނޮލޮޖީތައް ތަޢާރަފްވެގެން ދިއުމީ، އިންޓަނެޓް އަގުހެޔޮވެ، ފެންވަރު ރަނގަޅުވުމަށް އެޅޭ ބާރަކަށް ވެގެންދާނެ. ޑީ.އެން.އޭގެ ސަރުކާރަކުން އިސްކަންދޭނީ އިންޓަނެޓް އެއީ އަސާސީ ޚިދުމަތަކަށް ހަދާ، ވާދަވެރިކަމުގެ ތެރެއިން އަގުހެޔޮކޮށް، ފެންވަރު ރަނގަޅު އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އަވަސް ޚިދުމަތެއް ލިބިލިބި ހުންނާނެ ގޮތަކަށް މި ސެކްޓަރ ބައްޓަންކުރަން. އިންޓަނެޓްގެ އަގު ހެޔޮވާންވާނީ ވާދަވެރިކަމުގެ ތެރެއިން. ސަރުކާރުން ވަކި އަގެއް ކަނޑައަޅައިގެނެއް ނޫން."
ދިވެހިރާއްޖެ ޓްރާންސްފޯމްކޮށް އެހެން މަރުހަލާ އަކަށް ރާއްޖެ އުފުލާލެވޭނީ ތަޢުލީމީ ދާއިރާ އާއި ސިއްޚީ ދާއިރާގައި އައި.ސީ.ޓީގެ ރޯލު ފުޅާ ކުރެވިގެންކަން އުމަރު ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ ސްކޫލް ސިސްޓަމް ޑިޖިޓަލައިޒް ކުރުމުގެ ޤައުމީ ޕްލޭނެއް އެކުލާވަލައި، ޕްރައިމަރީ އަދި ސެކަންޑަރީ އެޑިއުކޭޝަން ތެރެއަށް ލިޔުމާއި ހިސާބު އަދި އައި.ސީ.ޓީގެ ހުނަރު އިތުރު ކުރަންޖެހޭ. ސްކޫލްތަކުން ނިމިގެން ނިކުންނަ ސިކުނޑިތަކަކީ ތޫނުފިލި، ދުނިޔެއަށް އަންނަމުން މިދާ ޑިޖިޓަލް އިންޤިލާބުގައި ބައިވެރިވެ ކުރި ހޯދޭވަރުގެ ކޮމްޕިޓެންސީ ސްޓޭންޑަޑްތަކެއް ހުރި، ޒަމާނާ ގުޅޭ ބިންގަލެއް އެޅިފައިވާ ސިކުނޑި ތަކަކަށް ވާންޖެހޭ. ސްކޫލުތަކުގެ ތެރެއިން ރޮބަޓިކް، ގޭމިން، އިންޖިނިއަރިންގް، ގްރަފިކް ޑިޒަރިންގެ ދާއިރާއިން ކުރިއަށް ދެވޭނެ މަގު ހުޅުވައިދޭންޖެހޭ،" އުމަރު ވިދާޅުވިއެވެ. "ޑީ.އެން.އޭ އިން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ އެންމެންނަކީ ސްމާޓް ފޯނެއް ގެންގުޅެން އެނގޭ، އަދި އެފޯނު މެދުވެރިކޮށް އަސާސީ ޚިދުމަތްތައް ހޯދަން އެނގޭ ބަޔަކަށް ވާންޖެހޭ. ރާއްޖެ އަށް އަސާސީ ތަޢުލީމް ތައާރަފްކުރެވުނު ގޮތަށް، ރާއްޖޭގެ ހުރިހާ އެންމެނަށް "ޓެކްނޮލޮޖީ ފޯރ އޯލް"ގެ ނަމުގައި ޑިޖިޓަލް އަސާސީ ތަޢުލީމް އުނގަންނައިދިނުމުގެ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ، ޑީ.އެން.އޭގެ ސަރުކާރަކުން ހިންގާނެ. މި ޕްރޮގްރާމްގެ ބޭނުމަކަށްވާނީ ދުނިޔެއަށް އަންނަމުން މިދާ ޓެކްނޮލޮޖީ އާއި މަޢުލޫމާތުގެ އިންގިލާބުގައި ދިވެހި ކުދިބޮޑު އެންމެންނަށް ބައިވެރިވެ ނަފާ ހޯދުމުގެ ފުރުސަތު ލިބިދިނުން. ޑިޖިޓަލް ޑިވައިޑް ނައްތާލުން."
އަދި ކޮންމެ ރައްޔިތެއްގެ ނަމުގައި މޯބައިލް ނަމްބަރަކާއި، އީމެއިލް އެޑްރެސް އެއް ރަޖިސްޓްރީކުރެވިފައި އޮންނަންވާނެ ކަމަށާއި އެމީހެއްގެ އައި.ޑީ ކާޑުގެ ނުފުށުގައި މި މަޢުލޫމަތު ހުންނަންވާނެ ކަމުގައި އުމަރު ވިދާޅުވިއެވެ.
"މޯބައިލް ނަމްބަރުތަކާއި، އީމެއިލް އެޑްރެސް ތަކަކީ ޓެލެކޮމިޔުނިކޭޝަން ކުންފުނިތަކުން ކޮންޓްރޯލް ކުރާ އެއްޗެއްގެ ގޮތުގައި އޮތްއޮތުން ބަދަލުކޮށް އެކަމަކީ މިނިވަން މުއައްސަސާއަކުން ކުރާ ކަމަކަށް ބަދަލު ކުރަންޖެހޭ. ޑީ.އެން.އޭގެ ތަސައްވަރަކީ ޑިޖިޓަލް ގަވަރުމަންޓެއް ޤާއިމްކުރުން. ދައުލަތުގެ ހުރިހާ ޚިދުމަތް ތަކެއް ޑިޖިޓަލައިޒް ކުރެވި، ސަރުކާރުގެ ހުރިހާ ޚިދުމަތަކީ 24 ގަޑިއިރު އޮންލައިންކޮށް ލިބޭ ޚިދުމަތަކަށް ބަދަލު ކުރުން. ހިލޭ ގުޅޭ ނަމްބަރަކާ ގުޅާލުމުން މުޅި ދައުލަތުގެ ކޮންމެ ޚިދުމަތަކަށް ފޯނުކޯލް ޕާސްކޮށްލަދޭ، 24 ގަޑިއިރު ޖަވާބުދޭ ކޯލް ސެންޓަރެއް މެދުވެރިކޮށް، މެދުނުކެޑި ދައުލަތުގެ ޚިދުމަތްތައް ލިބިލިބި ހުންނަ ގޮތަށް އިންތިޒާމް ކުރުން. ކިއޮސްކްތައް މެދުވެރިކޮށް ސަރުކާރުގެ ޚިދުމަތްތައް ކޮންމެ ރަށެއްގައި އަދި ސިޓީތަކުގެ އެކި ސަރަހައްދު ތަކުގައި ޤާއިމް ކުރުން. ސަރުކާރަކީ ހެނދުނު ހުޅުވާ މެންދުރު ފަހު ބަންދުކުރާ ތަނެއްގެ ގޮތުގައި ވިސްނިފައި އޮންނަ ވިސްނުން ބަދަލުކުރުން. މޯބައިލް އެޕްލިކޭޝަން ތަކާއި، ކޯލްސެންޓަރ އަކާއި ކިއޮސްކްތައް މެދުވެރިކޮށް ޚިދުމަތްދޭ، 24 ގަޑިއިރު ހުޅުވިފައި ހުންނަ، ކަރުދާސް މަދު، ޑިޖިޓަލް ސަރުކާރެއް ގާއިމްކުރުން.
"ދުނިޔޭގެ އިންޑަސްޓްރިއަލް ރިވޮލިއުޝަންގައި ދިވެހިންނަށް ބައިވެރިއެއް ނުވެވުނު. ނަމަވެސް ޑިޖިޓަލް ރިވޮލިއުޝަންގައި ދިވެހިން ބައިވެރިވާންވާނެ. އަދި މި އިންޤިލާބުގައި ދިވެހިން މުހިންމު ރޯލެއް އަދާކުރަންވާނެ. މިއަދު ދުނިޔެއާ ބައްދަލު ކުރަމުން މި ގެންދާ ޑިޖިޓަލް އިންޤިލާބުގައި ދިވެހިންނަށް ފައި އެއްވަރު ނުކުރެވިއްޖެ ނަމަ ތަރައްޤީގައި ދިވެހިން ފަހަތަށް ސޮއްސާލާނެ. މި އިންޤިލާބުގައި ފައި އެއްވަރު ކުރެވިއްޖެނަމަ ތަރައްޤީ އެތައް ގުނައަކަށް ބާރުވެގެންދާނެ.
"ދުނިޔޭގެ އައި.ސީ.ޓީ ޑިވެލޮޕްމަންޓް އިންޑެކްސްގައި ދިވެހިރާއްޖެ މިއަދު އޮތީ 85 ވަނައިގައި. އެއްވަނައިގައި އޮތީ އަޅުގަނޑުމެންނަށް ވުރެ ކުޑަ ޤައުމެއް ކަމަށްވާ އައިސްލަންޑް."



advertisment
2 Responses
ޑިގިޓަލް ގެ ހޭލުންތެރިކަމާ ކުރިއެރުން ހޯދޭއިރު ޤައުމުގެ ޢާންމު މާއްދީ ތަރައްޤީއެއްކަމުގައި ބެލެވޭ ޢިމްރާނީ ތަރައްޤީ އޮންނާނީ ކިހާހިސާބަކުތޯ؟
ކޮއި ފުޅާ އުމަރާ.. ނޭނގޭ ވާހަކަ ނުދައްކަބަ ޕްލީޒް…….