ދެ ހިތެއްގެ މަތިވެރި ގުޅުމަކީ ގުދުރަތުގެ ރީތި އަޖައިބެކޭ
ދެހިތެއް އެ ބީދައިން ގުޅުވުމީ ލޯބީގެ ޚާއްސަ މިޒާޖެކޭ
***
ފިރުމުންތަކާ ކުލުނާއެކީ ލޯތްބަށް އެ ދިން އިތުބާރަކީ
ޤުރުބާންވަމުން ހިތަކުން ހިތަށް މެދުނުކެނޑި ދިން ފަރުވާއެކޭ
އަރު ބެދި އިތުރު ލަފުޒެއް ދުލުން ނުބުނެވި އެވީ ހިނދުކޮޅުތެރޭ
ކަރުނައިގެ ތިކިތައް ބުނެދިނީ އޭ ކެތްކުރަން ދަތި ވޭނެކޭ
ހަމަ އެންމެ ދުވަހެއް ނަމަވިޔަސް އިތުރަށް ނަސީބުވުމީ މިތާ
ނިމުމެއްނުވާ ވޭނާއެކީ ކެތްކުރި ހިތުގެ އުންމީދެކޭ
މަދަދާ އެހީ ބޭނުންވިހިނދު އަސްރާގެ އަތުގައި އައިސް ހިފީ
ތަދުވާ ހިތަށް ލުއިވާނެހެން ފިރުމާނެ އޯގާތެރިއެކޭ
ރަހުމަތްފުޅުން އަސްރާގެ ހިތް ހިބަކުޅަ ހިތުގެ ވެރިޔާއަކީ
ރިހުމާއި ވޭނުގެ ކުރިމަތީ ދެގޮތެއްނުވާ ބައިވެރިއެކޭ
ތަދު އެއްޗަކަށް ލޯތްބާ ވަފާ ވީކަމަކު ތިޔަ ދެހިތުގެ ގުޅުން
އަދު ދުނިޔެއަށް ދައްކައިދެނީ ލޯބީގެ ރީތި މިސާލެކޭ
ތިޔަ ހިތްވަރަށް ސާބަސްދެމުން ޝާއިރަކު ހެޔޮއެދިގެން މިއީ
ތިޔަ ދެމަފިރިންނަށް ހިތުގެ ލޯތްބާއެކު ކުރާ ހަދިޔާއެކޭ