Support Us

ފަޟީލަތުއްޝައިޚުލް އުސްތާޒު ޑރ. އަޙްމަދު ޢުމަރު ހާޝިމު

އަޒްހަރުގެ ހުކުރު ޚުޠުބާގައި އިސްރާއީލަށް ވަރުގަދަ ޙަމަލާތަކެއް 

މިޞްރުގެ އަޒްހަރު މިސްކިތުގައި އިއްޔެ އިމާމުވެ ނަމާދު ކުރެއްވި ފަޟީލަތުއް ޝައިޚުލް އުސްތާޒު ޑރ. އަޙްމަދު ޢުމަރު ހާޝިމު ހުކުރު ޚުޠުބާގައި އިސްރާއީލު ކުށްވެރި ކުރައްވާ ވާހަކަފުޅު ދައްކަވައި މިޞްރު މީހުންގެ ލޭ އިސްރާއީލާ ދެކޮޅަށް ކައްކުވައިލައްވައިފިއެވެ.

މިޞްރުގެ އަޒްހަރު ޔުނިވަރސިޓީގެ ކުރީގެ ރައީސް އޭނާގެ ޚުޠުބާގައި ވިދާޅުވިއެވެ. "ފަލަސްޠީނުގެ ބިންތައް ހިފައިގެން ތިބި ޞިހްޔޫނީން އަލްމަސްޖިދުލްއަޤްޞާގެ ޙުރްމަތް ކަނޑައި މުސްލިމުންގެ ދީނީ މުޤައްދަސާތުތަކަށް އަރައިގެންފިއެވެ."

ޑރ. ހާޝިމު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "އިސްލާމީ އުއްމަތުގެ ދުޝްމަނުން އެ އުއްމަތުގެ ދީނަށާއި ﷲގެ ފޮތަށާއި އެކަލާނގެ މުޤައްދަސާތުތަކަށް ދެމުންގެންދާ ޢުދްވާނީ ތަފާތު ޙަމަލާތަކަކީ އަހުރެމެން އެކަން ހަރުކަށި ބަހުން ކުށްވެރި ކުރާ ކަންތައްތަކެކެވެ. މި ބިމުގައި މާތްﷲ ލައްވާފައިވާ "ހުނިޖެހިފައިވާ މީހުންގެ ކިބައިން" މާތްވެގެންވާ ޤުދުސް ސަލާމަތް ކުރުމަށް ޓަކައި އެކަތިގަނޑަކަށް ވުމަށް އޭނާ މުސްލިމުންގެ ޒަޢީމުންނަށާއި ޙާކިމާއިންނަށް ގޮވައިލެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ބާރުން ފޭރިގަންފައިވާ އެއްޗެއް ބާރުންނޫނީ އަބުރާ އަތުލައެއް ނުގަނެވޭނެއެވެ." މިއީ މިޞްރުން އިސްރާއީލާއެކު ޞުލްޙަ ޤާޢިމު ކުރިފަހުން މިޞްރުގައި ރަސްމީ ފެންވަރެއްގައި މިފަދަ ގޮތަކަށް އިސްރާއީލަށް ޙަމަލާދެވުނު ފުރަތަމަ ފަހަރެވެ.

އައްޝައިޚު ޑރ. އަޙްމަދު ޢުމަރު ހާޝިމު ވިދާޅުވިއެވެ. "އަހުރެމެންގެ ރައީސުންނާއި ޙާކިމާއިންނޭވެ! ތިޔަބޭފުޅުންގެ ވާޖިބުތައް އަދާކުރައްވަން ތެދުވެވަޑައިގަންނަވާށޭވެ! ޞިހްޔޫނީން މިވަނީ އިންސާނާގެ ޙައްޤުތަކަށް އަރައިގެންފައެވެ. ﷲގެ ގެކޮޅުތަކުން ގެކޮޅެއްގެ ޙުރްމަތަށް އަރައިގެންފައެވެ.  އަލްމަސްޖިދުލްއަޤްޞާގައި އެމީހުން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކުގެ ކުރިމަތީގައި ހަނުހިމޭނުންލައިގެން ތިބުމަކީ އަޅުގަނޑުމެންނަށް މަލާމާތް ރައްދުވާނެ ކަމެކެވެ. އެއީ ތަހްޒީބީ ދުނިޔެއާ އެކަށީގެންވާ ޢަމަލެއްނޫނެވެ."

ޑރ. އަޙްމަދު ހާޝިމު ސިފަކުރެއްވި ގޮތުގައި އިސްރާގެ މާތް ބިމުގައި އިސްރައީލީން ހިންގަމުންގެންދާ ހަޑިމުޑުދާރު ޢަމަލުތަކަކީ މޫނުން ދާހިއްލިގެންދާނެ ޤަތުލު ޢާއްމެކެވެ."  މިއަދު މި ކަން ކުށްވެރިކޮށްލައިގެން ތިބެވެން  ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ފޭރިގަތްފައިވާ ޙައްޤުތައް ހޯދުމަށް ޓަކައި އެންމެން ލާމެހިގެން އެއް ސިޔާސަތެއް އެކަށައަޅަންވެއްޖެ ކަމަށް ޑރ. ހާޝިމު ވިދާޅުވިއެވެ. އޭނާ ވިދާޅުވިއެވެ. "ހަނުތިބުމުގައި ހުރި ހުތުރުކަމެއްގެ ބޮޑު ކަމާއެވެ! ހަނުތިބުމުގެ މުޞީބަތުގެ ބޮޑުކަމާއެވެ!"

އޭނާ ވިދާޅުވިއެވެ. "ބިންތައް ހިފައިގެން އުޅޭ އިސްރާއީލީން އަލްމަސްޖިދުލްއަޤްޞާގައި ރުކޫޢުކޮށް ސަޖިދަކުރަން ތިބި މީހުން އިހާނެތިކޮށްފޫއެވެ. މެރި ބަޔަކު މަރައިފޫއެވެ. އެއީ އެކަމާ ދެކޮޅަށް ތެދުވަން ޖެހޭ ބޮޑު އަނިޔާއެކެވެ." އިސްލާމީ ޤައުމުތަކާއި ޢަރަބީންނާއި ޙައްޤުގެ ވެރީން ގުޅިގެން މި ޢުދްވާން މައިތިރި ކުރެވޭވަރުގެ ބާރެއް އެކުލަވައިލަން ވެއްޖެކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އަޙްމަދު ޢުމަރު ހާޝިމުގެ ޚުޠުބާއަށް މިޞްރުގެ މީސްމީޑިޔާގައި ތާރީފުގެ ބަސްތައް އިއްޔެ ވަނީ އޮއްސައިފައެވެ. މިއީ މިޞްރު ސަރުކާރުގެ ރަސްމީ ބަސްކަމަށް އެ ޓްވީޓްތަކުގައި އައިސްފައި ވެއެވެ.

އަނެއްކޮޅުން މިޞްރުގެ ކުރީގެ މުފްތީ ފަޟީލަތުއްޝައިޚު ޑރ. ޢަލީ ޖުމްޢާ ވެސް އިސްރާއީލުން އަޤްޞާ މިސްކިތަށް ދެމުން ގެންދާ ޙަމަލާތަކާއި ޣައްޒާގެ ކުށެއް މަޢޫޞޫމު ރައްޔިތުންނަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ކުށްވެރި ކުރައްވައި ޓްވީޓެއް އިއްޔެ ކުރެއްވިއެވެ. އޭނާ މި ޓްވީޓުގައި ވިދާޅުވިއެވެ. "ޤުދްސަކީ ހަމައެކަނި ސަހަރެއްނޫނެވެ. އެއީ އިސްލާމްދީނާއި ޢަރަބިވަންތަކަމާއި ވަޠަނިއްޔަތުގެ ރަމްޒެކެވެ. މި ސަހަރު ފޭރިގަތްފައިވާ މީހުންގެ އަތުން މި ސަހަރު މިނިވަން ކުރެވެންދެން ﷲގެ މަގުގައި ޖިހާދު ކުރުން މެދު ނުކެނޑި ކުރިއަށް ދާނެއެވެ."

ޑރ. ޢަލީ ޖުމްޢާގެ ޓްވީޓްގައި އައިސްފައި ވެއެވެ. "އަހުރެމެން ޞުލްޙައަށް އެދެމެވެ. ޞުލްޙައަށް ގޮވައިލަމެވެ. އެހެނަސް މި ޞުލްޙަ ވާންޖެހޭނީ ޢަދްލުގެ މަތީގައި ޤާއިމުވެފައިވާ ޞުލްޙައަކަށެވެ. ޢުދްވާނުގެ މަތީގައި އޮތް ޞުލްޙައަކަށް ވެގެން ނުވާނެއެވެ." އޭނާ ވިދާޅުވިއެވެ. "ޤުދްސުގެ މަތިން މުއުމިނުން ހަނދާނެއް ނުނައްތާނެއެވެ. މުސްލިމަކު މި ޤުދުސް ދޫކޮށެއް ނުލާނެއެވެ." އޭނާ ވިދާޅުވިއެވެ. "އަހުރެމެން ޤުދްސަށް ޚިޔާނަތްތެރިވެއްޖެނަމަ އަހުރެމެންގެ ދަރިން މި ޚިޔާނަތް ދެކޭނީ އަހުރެމެންގެ މައްޗަށް އޮތް ލަޢުނަތެއް ކަމުގައެވެ."

ކުރިމަތިލުންތައް ދަނީ ކުރިއަށް

އިއްޔެ ހުކުރު ނަމާދަށްފަހު ފަލަސްޠީނު މީހުންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ވަނީ އިތުރު ކުރިމަތިލުންތައް ފެށިފައެވެ. ހުޅަނގު އައްސޭރީގެ 24 ހިސާބެއްގައި ކުރިމަތިލުންތައް ހިނގިއެވެ. މި ކުރިމަތިލުން ފެށުނީ ޤުދުސުގައި އިސްރާއީލާ  ދެކޮޅަށް ބޭއްވުނު މުޒާހަރާތައް ހުއްޓުވުމަށް ޓަކައި އިސްރާއީލު ސިފައިން ބާރުގެ ބޭނުން ކުރުމުންނެވެ. އެޕްރީލް މަހުގެ 13ވަނަ ދުވަހުން ފެށިގެން ޤުދްސުގައި ޚާޢްޞަކޮށް ބާބުލްޢާމޫދާއި އައްޝައިޚު ޖައްރާޙާއި އަޤްޞާ މިސްކިތާއި މި ޙަރަންފުޅުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި އިސްރާއީލު ފުލުހުންނާއި ޔަހޫދީ ވަޒަންވެރީން ދަނީ ފަލަސްޠީނު މީހުންގެ ޙައްޤުތަކަށް އަރައިގަނެ އަޤްޞާ މިސްކިތުގެ ޙުރްމަތް ކަނޑަމުންނެވެ.

ޙަމާސުން އިސްރާއީލާ ދެކޮޅަށް ނުކުތުމާ ވިދިގެން އިސްރާއީލުން ދަނީ ޣައްޒާގެ ޢިމާރާތްތައް ތަޅައި ފުޑުފުޑު ކުރަމުންނެވެ. މިހާ ތަނަށް ބަލާއިރު ފަލަސްޠީނުގެ 122 މީހަކު ވަނީ ޝަހީދުވެފައެވެ. އަދި 900 މީހަކު ވަނީ ޒަޚަމުވެފައެވެ. ހުޅަނގު އައްސޭރީގައި ފަސް މީހަކު ވަނީ ޝަހީދުވެފައެވެ. އެތައް ސަތޭކަ ބަޔަކު ވަނީ ޒަޚަމުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
13
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *