ނެތުމުގެ ތެރެއިން ﷲ އަޅަމެން ހެއްދެވުން މީ ރަޙްމަތެއް
ހެނދުނާ ހަވީރާ ޛިކުރު ކޮށް އަޅުކަން ކުރުން އޮތް ވާޖިބެއް
ބޭކާރު ގޮތަކަށް ނޫން ޔަގީން! އަޅަމެން ފޮނުއްވީ ދުނިޔެއަށް،
ހޭލައި މިކަން ވިސްނައި އުޅެން ލިބިފައި ވަނީ ކުޑަ ފުރުޞަތެއް
ﷲ އަށް ބޭނުންވެ ވޮޑިގެންނެއް ނުވޭ އެއްވެސް ކަމެއް،
ﷲ އަޅަމެންނަށް މިދެއްވާ ދަރަޖަ މިއީ ބޮޑު ނިޢުމަތެއް
ﷲ ހެއްދެވި އެންމެހައި މަޚްލޫޤުނަށް ވުރެ ރިވެތި ކޮށް
ﷲ އަޅަމެން ހެއްދެވީތީ ޝުކުރުވެރި ވާންވީ ކަމެއް
ބާޠިލު ގޮތެއްގައި ހައްދަވާފައި ނެތް އެކައްޗެއްވެސް މިތާ
ޙާޞިލްކުރަން އަޅަމެން އެއަށް ބޭނުން ނުވާ ނެތް އެއްކަމެއް
ހިތަށާއި ދުލަށާ ހަށިގަނޑަށް ލޮލަށާއި ނޭފަތް ކަންފަތަށް
ހިތަކަށް ލިބުނު ބޭނުން ނުފުދި ދެން ކީއްކުރާމީ ތަންތަނެއް
ސިކުނޑީގެ ބޭނުން ހެޔޮގޮތުން ރަނގަޅަށް ހިފަންވީ ޙާލަތުން
ސިކުނޑީގެ ބޭނުން ނުހިފުމުން ދެން ކީއްކުރާނޭ ސިކުނޑިއެއް
ހަށިގަނޑުގެ ވިންދާ ރޫޙަކީ ދިރި ދެމި ހުރުން މީ އަސްލަކީ،
ހަށިގަނޑުގެ ތަރުބިއްޔަތު ނުވާނަމަ ކީއްކުރާ ދެން ހަށިގަނޑެއް