Support Us

އިސްރާއީލާއެކު ޤާހިރާއިން މުޢާމަލާތު ކުރާ ބައެއް ފައިލްތައް ގަނޑުކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޢުދްވާނީ ޙަމަލާތައް ފުޅައުކޮށް ހަނގުރާމަ ނުހުއްޓާނެ ކަމަށް ބުނުމުން އިސްރާއީލަށް ދިޔަ މިޞްރު ވަފްދު އަބުރާ މިޞްރަށް އަތުވެއްޖެއެވެ. ޢަރަބިއްޔާ ނެޓް ޗެނެލް ބުނާގޮތުގައި ޣައްޒާގައި ހަނގުރާމަ ހުއްޓުން އިޢުލާން ކުރެވޭތޯ ވާހަކަދެއްކުމަށް ޤާހިރާއިން ފޮނުވި ވަފްދު އިސްރާއީލުން ފުރީ ޤާހިރާގެ ވިސާޠާ އިސްރާއީލުން ޤަބޫލުނުކުރުމުންނެވެ.

ޢަރަބިއްޔާ ނެޓް މިއަދު ބުނިގޮތުގައި އިސްރާއީލުން  ޤާހިރާއަށް ނޫނެކޭ ބުނުމުން ޤާހިރާއިން ވަނީ ތައްލު އަބީބާއެކު މުޢާމަލާތު ކުރާ ބައެއް ފައިލްތައް ގަނޑުކުރާނެ ކަމަށް ބުނެފައެވެ.

ހަނގުރާމަ ހުއްޓުމަށް އިސްރާއީލުން ދެކޮޅު ހެދުމުން މިޞްރުން އިސްރާއީލަށް އެކަމުގެ ނަތީޖާގެ ނުބައިކަމުގެ ޚަބަރު ދިނެވެ. މިޞްރުގެ ވަފްދު ބުނާގޮތުގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ހަނގުރާމަ ހުއްޓައިލުމަށް ޤާހިރާއިން ތައްލު އަބީބަށް ހުށައެޅިއެވެ. އަދި ޤާހިރާއިން މިކަން ވިލަރެސްކޮށް ބަލަހައްޓާދޭނެ ކަމަށް ވެސް ޤާހިރާއިން ބުންޏެވެ.

މިޞްރުގެ ހުށައެޅުން

އިސްރާއީލުގެ ކިބައިން މިޞްރު އެދުނު ކަންތައްތަކުގެތެރޭގައި ފަލަސްޠީނު މީހުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓުވުމާއި މަސްޖިދުލް އަޤްޞާއަށް ވަދެ އެ ޙަރަންފުޅުގެ ޙުރްމަތް ކަނޑައި ހަރުކަށި ޔަހޫދީންގެ ޢަމަލުތައް ހުއްޓުވުމާއި، ޣައްޒާގައި ދިރިއުޅުއްވާ ފަލަސްޠީނުގެ އިސްވާރުން އަވަހާރަކޮށްލުމުގެ މަސައްކަތް ހުއްޓައިލުން ވެއެވެ. މިޞްރުން ބުނިގޮތުގައި ފަލަސްޠީނުގެ ޖަމާޢަތްތައް ޤާހިރާއިން ބުނާ ގޮތަށް ޢަމަލު ކުރާނެ ކަމުގެ ކަށަވަރުކަން ޤާހިރާއަށް ލިބިފައި ވެއެވެ.

އިސްރާއީލު ބުނާގޮތުގައި ޙަމާސް ޖަމާޢަތުގެ ޢަސްކަރީ ފިޔަ ކޮށާލައި ނައްތައިލުމުގެ ކުރިން ތައްލު އަބީބުން ހަނގުރާމަ ހުއްޓައެއް ނުލާނެއެވެ. ޢަރަބިއްޔާ ނެޓް ބުނާގޮތުގައި މިޞްރުން ވަނީ އިސްރާއީލުގެ ދެކޮޅުހެދުން ފަލަސްޠީނުގެ ފަރާތްތަކަށް އަންގައިފައެވެ.

މީގެއިތުރަށް ތައްލު އަބީބު ބުނާގޮތުގައި އިސްރާއީލުން މިހާރު ފަށާފައިވާ ޢަސްކަރީ ޙަމަލާތައް ފުރިހަމަކޮށް ނިންމައިލުމުގެ ކުރިން ދިގު މުއްދަތަކަށް ހަނގުރާމައެއް ނުހުއްޓޭނެއެވެ.

ޢަރަބިއްޔާ ނެޓް މިޞްރުގެ ސިޔާސީ މަޞްދަރުތަކާ ޙަވާލާދީ ބުނިގޮތުގައި އިސްރާއީލުގެ ޢުދްވާނުގެ ސަބަބުން ޒަޚަމުވެފައިވާ ފަލަސްޠީނު މީހުން ޤާހިރާއަށް ގެނެސް ފަރުވާ ދެވޭނެއެވެ.

ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް

އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ޙަމަލާތައް ހޫނުވެ މުޅި މާޙައުލު ނުތަނަވަސްވުމާ ވިދިގެން ސަލާމަތީ މަޖިލީހުގެ ޚާއްޞަ ޖަލްސާއެއް މާދަމާ ބޭއްވުމަށް ހަމަޖެހިއްޖެ ކަމަށް ޚަބަރު ލިބެއެވެ. އދ ގައި ހުންނަވާ އެމެރިކާގެ ދާއިމީ މަންދޫބާ ލިންޑާ ތޯމަސް ހާމަކުރެއްވިގޮތުގައި ޣައްޒާގެ ޙާލަތާ ބެހޭގޮތުން އާދީއްތަ ދުވަހު ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވޭނެއެވެ. ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވޭތޯ މަސައްކަތް ކުރަމުން ދާތާ ދުވަސްކޮޅެއް ވެއްޖެއެވެ. ތޫނިސްއިން އިސްނަގައިގެން މި މަސައްކަތް ފެށުމުން އެކަމަށް ހުރަސްއެޅީ އެމެރިކާއިންނެވެ. ޗައިނާއާއި ނޯވޭއާއި ތޫނިސް ގުޅިގެން ސަލާމަތީ މަޖިލީހަށް މަޝްރޫޢެއްވެސް ވަނީ ހުށައަޅައިފައެވެ.

އިސްރާއީލުން ޣައްޒާގެ އިމާރާތްތަކަށް ދެމުންގެންދާ ޙަމަލާތަކަށް ރައްދު ދިނުމުގެ ޙަމާސުން އިސްރާއީލުގެ  ޢަސްޤލާނަށް ވަނީ 100 ރޮކެޓް ފޮނުވާލައިފައެވެ. އިސްރާއީލުގެ ޙަމަލާތަކުގެ ސަބަބުން ޣައްޒާގައި މިހާރު ވަނީ ކަރަންޓް ކެނޑިފައެވެ. އެތައް ސަތޭކަ މީހަކު ޒަޚަމުވެ އެތައް ބަޔަކު ވަނީ ޝަހީދުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *