އިސްރާއީލުގެ ފުލުހުންނާއި ފަލަސްޠީނުގެ ބިންތަކުގައި ގަދަކަމުން ވަޒަންވެރިވެގަނެގެން އުޅޭ ޔަހޫދީން އަލްމަސްޖިދުލްއަޤްޞާއާއި އެ ޙަރަންފުޅުގައި މި ދިޔަ ރަމަޟާން މަހު އަޅުކަންކުރަމުން ދިޔަ މުސްލިމުންގެ ޙައްޤުތަކަށް އަރައިގަންނަމުން ދިޔަ މަންޒަރު ދުނިޔެ ބަލަމުން ދިޔައީ އެކަމާ ދެކޮޅަށް ޗުއްޕެއްވެސް ނުބުނެއެވެ. މިކަންކަމާ ވިދިގެން ފެށުނު އަލްމަސްޖިދުލްއަޤްޞާއާއި އައްޝައިޚު ޖައްރާޙު އަވަށުގެ އިންތިފާޟާ ދުނިޔެ ބަލަމުން ގޮސްފައި ވަނީ ޙައިރާންކަމާއެކުގައެވެ. އިސްރާއީލުގެ ޢުދްވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްޠީނުގެ ޙަމާސް ޖަމާޢަތުން ތައްލު އަބީބަށާއި އިސްރާއީލުގެ މެދުތެރޭ ރަށްތަކަށް ރޮކެޓް ޙަމަލާތައް ދޭންފެށުމުން ދުނިޔެއަށް ލިބުނު ސިހުން އަދި މާ ބޮޑުވިއެވެ. މި ކަން ޤަބޫލު ކުރަންވެސް ދަތިވިއެވެ. އިސްރާއީލުގެ ދަގަނޑު ޤުއްބު ކޮބައިތޯ ވެސް ސުވާލު ކުރިއެވެ. އިސްރާއީލު އަޑު އަރުވަމުންގޮސްފައި ވަނީ އެމީހުންނަށް ޙަމަލާ ދެވޭނެ ބާރެއް ނޯންނާނެ ކަމަށެވެ. އިސްރާއީލު މީހުން އަބަދުވެސް ތިބޭނީ އަމާންކަމުގައެވެ. އެމީހުންނަށް ބިރެއް ނެތެވެ.
މިއީ 1948ގެ ފަހުން އަރަބި- އިސްރާއީލު އަރާރުމުގެތެރެއިން ފެނުނު ވަރަށް މުހިއްމު "ތަރައްޤީ" އެކެވެ. އިސްރާއީލުގެ ކަންކާލުގެ ފީކަން ހާމަވެގެން ދިޔުމުންނެވެ. އިސްރާއީލުން މީގެ ކުރިން ބުނަމުން އައިސްފައި ވަނީ އިސްރާއީލުގެ ބަލި ފަޔަކީ އެ ތަނުގެ ނިމޭކޮޅުތަކެވެ. އެއީ އަލްޖަލީލު ފަދަ ރަށްތަކެވެ.
ތެދުފުޅެކެވެ. ޙަމާސުގެ ރޮކެޓް ޙަމަލާތަކަށް އިސްރާއީލުން ދެމުންދާ ރައްދު ވަރަށް ވަރުގަދައެވެ. ޣައްޒާއަށް ލިބެމުންދާ ގެއްލުންތައް އެހާމެ ބޮޑެވެ. ފަލަސްޠީނު މީހުންގެ ތެރެއިން ޝަހީދުވާ މީހުންނާއި ޒަޚަމުވާމީހުންނާއި ހުވަފަތްވާ އަހެނުންނާއި ޔަތީމުވާ ކުދީން ވަރަށް ގިނައެވެ.
މިއީ ލަފާކުރެވުނު ކަމެކެވެ. އެހެނަސް ލަފާ ނުކުރެވުނު ކަންތައްތަކެއް ވެސް ވެއެވެ. އިސްރާއީލުގެ ދިފާޢީ އައްޑަނައަށް އެރި ލޮޅުންތަކެވެ. މި ލޮޅުންތައް ނިސްބަތުން ކުޑައެވެ. ޙަމާސުން ފޮނުވަމުން ދިޔަ 90 އިންސައްތަ ރޮކެޓްތައް މައިތިރި ކުރިއެވެ. ލަޑުދަނޑިއަށް ވާޞިލުވުމުގެ ކުރިން ގޮއްވައިލިއެވެ. އެހެނަސް 10 އިންސައްތައިގެ މިސައިލްތައް ވަނީ އަމާޒަށް ވާޞިލުވެފައެވެ. ތައްލު އަބީބުގެ މީހުންނަށް ގެދޮރު ދޫކޮށް ޙިމާޔަތް ހޯދުމަށް ބިންގަރާސްތަކަށް ވަންނަން ޖެހުނެވެ. ޕެރިހަށްވުރެ "ވިދުވަރު" ބޮޑު ރަށަކަށް އެ ރަށް ވިއެވެ.

މިއަދު ރޮކެޓްތައް ބަދަލުވެފައި މި ވަނީ ޢަރަބި- އިސްރާއީލު އަރާރުމާއި ކޯޅުމުގއ އައު މަރްޙަލާއަކަށެވެ. މިއީ ބިންތައް ގެއްލިގެންދާ ހަނގުރާމައެއް ނޫނެވެ. އެއީ ސަރަޙައްދަށް ވަގަށް ވަންނަވަނުމެއްވެސް ނުމެނޫންމެއެވެ. އެއީ އުދުހެމުންދަނިކޮށް ޖަހައިގަނެވޭ މަދަނީ މަތިންދާބޯޓުތަކެއް ވެސް ނޫނެވެ. އެހެނަސް އެއީ އަތްނުފޯރާފަށުން އައިސް އިސްރާއީލުގެ ތެރެއަށް ވެއްޓިގަންނަ ރޮކެޓްތަކެކެވެ. އެއީ އަދި މާ ބާރުގަދަ މާ ވިސްނުން ތޫނު ރޮކެޓްތަކެއް ވެސް ނޫނެވެ. އެއީ މީހުން މެރުމަށް އިސްރާއީލު ބޭނުން ކުރާ ބާވަތުގެ މިސައިލެއް ނޫނެވެ. އެއީ އުސް ޢިމާރާތްތައް ފުނޑފުނޑުކޮށްލުމަށް ބޭނުންކުރެވޭ ވަރުގަދަ މިސައލެއް ނޫނެވެ. ކޮންމެ ގޮތަކަށް ބެއްޔަސް އެއީ ރޮކެޓެކެވެ. އޭގެ ސަބަބުން އިސްރާއީލުގެ މުޖްތަމަޢުގެ މާނަވިއްޔާތަށާއި ނަފްސާނިއްޔަތަށް ވަނީ ބިރުވެރި އަސަރުތަކެއް ފޯރުވައިފައެވެ. އިސްރާއީލީން ވަނީ ހިރާސަށް ހާސާކޮށްފައެވެ. އެއީ ދުނިޔޭގެ އެހެން ތަންތާނގައި ހަނގުރާމަތައް ހިނގަމުން ދިޔަސް އިސްރާއީލު އަމާންކަމާއި ފާގަތިކަންމަތީގައި ދެމި އޮންނާނެ ކަމަށް ބުނާ ޝިޢާރުތައް ވީދައިލި ޙަމަލާތަކެކެވެ.
ޙަމާސްގެ ރޮކެޓް ޙަމަލާތަކުގެ އަނެއްފުށަށް ބަލާއިރު އެއީ މި ޙަމަލާތައް ދޭން ފެށި ވަގުތެވެ. އަޤްޞާއާއި ޝައިޚު ޖައްރާޙު އަވަށުގައި އިސްރާއީލު ފުލުހުންނާއި ޔަހޫދީ ވަޒަންވެރިން ފަލަސްޠީނު މީހުންނާ ދެކޮޅަށް ފިއްތަމުންދާ ފިއްތުންތަކާއި ދެމުންގެންދާ އަނިޔާތައް ދުނިޔެ ބަލަމުން ދަނިކޮށް މި ރޮކެޓްތައް އެ މީހުން އެހެން ދިމާއަކަށް އަނބުރާލައިފިއެވެ. މި ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ މަދަނީ ވައިގެ ބަނދަރުތައް ބަންދު ކުރަން ޖެހިއްޖެއެވެ. އިސްރާއީލުގެ މަދަނީ މަތިންދާބޯޓުތަކުގެ ދަތުރުތައް ހުއްޓައިލަން ޖެހިއްޖެއެވެ. ދުނިޔޭގެ އެތައް އެއަރލައިންތަކަކުން އިސްރާއީލަށް ކުރާ ދަތުރުތައް ހުއްޓާލައިފިއެވެ. މި ވަގުތަށް ބަލައި ޙަމާސުން މި ދިން ޙަމަލާއަށް ބަލާއިރު ޤުދްސު ޙިމާޔަތްކުރުމަށް ތެދުވި ފަލަސްޠީނުގެ ބާރަކީ ޙަމާސް ކަން ދުނިޔެއަށް ދައްކުވައިފިއެވެ.
ހުރިހާ ތަނެއްގައި ވެސް އޮތީ އިންތިޚާބެވެ. ފަލަސްޠީނުގައި އިންތިޚާބެވެ. މި އިންތިޚާބު ނުބޭއްވިގެން މި އުޅެނީ އިސްރާއީލާ ހެދިއެވެ. މި ވަގުތަށް ބަލާއިރު ރައީސް މަޙްމޫދު ޢައްބާސަށް މާ ރަނގަޅު ވަގުތަކަށް މި ވަގުތު ނުވާނެއެވެ. އަނެއްކޮޅުން ބަލާއިރު އިސްރާއީލުގެ ޒަޢާމަތަށްޓަކައި ނަތަންޔާހޫ ވެސް ދަނީ ސިޔާސީ ހަނގުރާމައެއް ކުރައްވަމުންނެވެ. އޭނާއަށް ވަނީ ސަރުކާރެއް އެކުލަވައި ނުލެއްވިފައެވެ. ސަރުކާރެއް އެކުލަވައިލެއްވޭތޯ އޭނާ ދަނީ ޢަރަބި މެންބަރަކާއެކު މަޝްވަރާކުރައްވަމުންނެވެ. ޢަރަބި މެންބަރު މަންޞޫރު ޢައްބާސް ނަތަންޔާހޫއާ ބައިވެރިވެ ވަޑައިގަންނަވާނެ ބާވައެވެ! ޤުދްސުގެ ޙާދިސާތަކާއި އިސްރާއީލުން ދެމުންގެންދާ ޢިމާރަތްތައް ފުނޑުފުނޑުކުރުމުގެ ޙަމަލާތަކުގެ ކުރިމަތީގައި އިޚްވާނުލް މުސްލިމީންގެ ފިކްރުގެ ބޭފުޅަކު އިސްރާއީލުގެ ކަނާތު ފިޔައަށް ތާއީދު ކުރައްވާނެ ކަމާމެދު ސުވާލު އުފެދެއެވެ.



advertisment