Support Us

އިސްރާއީލުގެ ޢުދުވާނަށް ނިމުމެއް ނައިސް ކުރިއަށް.

ހުކުރުދުވަހު ބާއްވާން ހުށަހެޅި ސަލާމަތީ މަޖިލީހުގެ ޖަލްސާއަށް އެމެރިކާއިން ދެކޮޅުހަދައިފި

ފަލަސްޠީނުގެ މަޢުޞޫމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން މި ދިޔަ ހޯމަދުވަހު ފަށައިފައިވާ އަނިޔާވެރި ޢުދުވާނާ ގުޅޭ ގޮތުން، މީގެ ދެތިން ގަޑިއިރު ކުރީން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި އިސްލާއީލުގެ އަނިޔާވެރި ލަޝްކަރުތަކާއި ޓޭންކަރުތައް ގާޒާސްޓްރިޕް ކައިރިއަށް ޖަމާކޮށްފައިވާއިރު ފަލަސްޓީނުގެ އުސް ޢިމާރާތްތަކަށާއި އެހެން އަމާޒުތަކަށް އިސްރާއީލުން ދޭ ޙަމަލާތަކަށް ނިމުމެއް ނާދެއެވެ. ފަލަޞްޠީނުގެ ޞިއްޙަތާބެހޭ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއަދު ފަލަޞްޠީނީން ފިޠުރު ޢީދު ފާހަގަކުރަމުން ދިޔައިރު ވެސް، މި ދިޔަ ހޯމަދުވަހު އިސްރާއީލުން ފެށި ޢުދުވާނުގެ ސަބަބުން 18 ކުޑަކުދީން ހިމެނޭ ގޮތުން 87 މީހުން ވަނީ އިސްރާއީލު ޝަހީދުކޮށްލައިފައެވެ. އަދި 530 އަށް ވުރެ ގިނަ ފަލަޞްޠީނީން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

މިކަން މިހެން ހިނގަމުންދާއިރު ފަލަޞްޠީނީ މުޖާހިދުންގެ ހިތްވަރަކަށް ބަދަލެއްވެސް ނާދޭމެއެވެ. އިސްރާއީލުގެ ސިފައިން ހާމަކުރާ ގޮތުގައި ފަލަޞްޠީނުގެ ޙަމާސްޖާމާއަތުން އިސްރާއީލުގެ ތަފާތު އަމާޒުތަކަށް ދިން ރޮކެޓް ޙަމަލާތަކުގެ ސަބަބުން ބައެއް ޢިމާރަތްތަކަށް ބޮޑެތި ގެއްލުންތައްލިބި އިސްރާއީލުގެ ހައެއްކަ މީހުންނާއި އިންޑިއާގެ ރައްޔިތަކު ވެސް އިސްރާއީލުން ވަނީ މަރުވެފައެވެ.

އަނެއްކޮޅުން އިސްރާއީލުގެ އެތެރޭގައި އިސްރާއީލުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ޔަހޫދީންނާއި ޢަރަބީންގެ މެދުގައި ވެސް ވަރަށް އަނިޔާވެރި ކުރިމަތިލުންތަކެއް އިސްރާއީލްގެ އެކި ސިޓީތަކުގެ އެތެރޭގައިވެސް ދަނީ ހިނގަމުންނެވެ.

އިސްރާއީލުން ހިންގާ ޢުދުވާނުތަކަށް ލޯ ކަނުކޮށްގެން ތިބޭ އެމެރިކާނުންގެ ރައީސް ޖޯބައިޑުން މީގެ ގަޑިއެއްހާއިރު ކުރިން ގޮވައިލައިފައިވަނީ ގާޒާގައި ހިނަގަމުންދާ ހަމަނުޖެހުންތައް ހުއްޓުމަކަށް ގެނެސް މެދުއިރުމަތީގައި ހިނގާ ޤާނޫނާ ޚިލާފު ކަންތައް މަދުކުރާށެވެ. ރިޕޯޓަރުންނާ ވާހަކަދައްކަމުން އޭނާ ވިދާޅުވެފައިވަނީ އޭނާ އުންމީދުކުރައްވަނީ ސަރަހައްދުގެ އިސްވާރުން މި މައްސަލައިގައި ވާހަކަދައްކާށެވެ. އޭނާ ނުސީދާކޮށް ހަމާސްއަށް އިޝާރާތްކޮށް ވިދާޅުވީ އޭނާ ބޭނުންވަނީ ރޮކެޓް ޙަމަލާތަކަށް ފާހަގަކުރެވޭ ފަދަ މަދުވުމެއް އައުމަށެވެ. އަދި އިސްރާއީލްގެ ކުށެއް ނެތްކަން ދޭހަވާ ފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ގާޒާގެ ހަމާސުން ދޭ ރޮކެޓް ހަމަލާތަކުގެ ރައްދުގައި ފާހަގަކޮށްލެވޭފަދަ ކަމެއް އިސްރާއީލުން ކުރި ތަނެއް، ފާހަގަކުރެވޭފަދަ ހަރުކަށި ރައްދެއް އިސްރާއީލުން ދިންތަނެއް އޭނާއަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
ބައިޑުން ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާތަން ފެންނަނީ ޙަމާސްއިން ފޮނުވާ ރޮކެޓް ޙަމަލާތައް އިސްރާއީލަށް އަމާޒުވާތީއެވެ. އިސްރާއީލްގެ އަނިޔާވެރި ޙަމަލާތަކުން ފަލަޞްޠީނުގެ މަޢުޞޫމު ރައްޔިތުން ޝަހީދުވެ މުޅި ޤައުމު ސުންނާފަތިވަމުންދަނީ އިސްރާއީލްގެ އަނިކާވެރި ޢުދުވާނުގެ ސަބަބުން ކަމަށް ގަބޫލުފުޅުކުރައްވާން އޭނާ ބޭނުންފުޅުވާކަމަކަށް ނުފެނެއެވެ.

 

މި ޢުދުވާނު ކުރިއަށް ދާއިރު އިސްރާއީލުން މިހާރު ގެންދަނީ ރިޒާވް ސިފައިންގެ 9000 މީހުންގެ ބޮޑު ލަޝްކަރެއް ގާޒާގެ ސަރަހައްދީ އިމުގެ ކައިރިއަށް ޖަމާކުރުމުގެ މަސައްކަތް ފަށައިފައެވެ. މިކަމަށް އިސްރާއީލުގެ ހަރުކަށި ދިފާޢީ ވަޒީރު މިހާރު ވަނީ ހުއްދަދީފައެވެ.
އަނެއްކޮޅުން އދ.ގެ ސަލާމަތީ މަޖިލީހުގެ ޢާންމު ބައްދަލުވުމެއް މާދަމާ (ހުކުރުދުވަހު) ބާއްވާން އެދި ނޯވޭއާއި ޗައިނާއާއި ޓިޔުނީޝިއާއިން ހުށަހެޅި ހުށަހެޅުމަށް އެމެރިކާއިން ވަނީ ދެކޮޅުހަދައިފައެވެ. އެއީ އުފެއްދުންތެރި ނަތީޖާއެއް ނުކުންނާނޭ ބައްދަލުވުމަކަށް ނުވާނޭ ކަމުގެ ބަހަނާ، ސަބަބަކަށް ދައްކައިފައެވެ.

ދާއިމީ ފަސް މެންބަރު ޤައުމާއި ދާއިމީ ނޫން ދިހަ ޤައުމުގެ މައްޗަށް އެކުލެވޭ ސަލާމަތީ މަޖިލީހުން ބުދަ ދުވަހު ބޭއްވި މިފަދަ ބައްދަލުވުމެއްގައި ވެސް މިކަމާ ބެހޭ ގޮތުން ގުޅިފައިވާ ބަޔާނެއް ތައްޔާރުކޮށް ނެރުމަށް 14 ގައުމުން އެއްބަސްވީ އިރު އެކަމަށް ދެކޮޅު ހެދީ ވެސް ހަމައެކަނި އެމެރިކާއިންނެވެ.

އިސްރާއީލުގެ އަނިޔާވެރި އަމަލުތަކާއި އެ މީހުން ފަލަޞްޠީނުގެ ބިންތައް ނުހައްގުން ފޭރިގަނެގެން ތިބޭ ތިބުމާ ދެކޮޅަށް ބައިނަލްއަޤުވާމީ މަންސަތަކުގައި ތުރުކީގެ ރައީސް ސައްޔިދު ރަޖަބު އުރުދުޣާން ތަކުރާރުކޮށް އަޑު އުފުއްލަމުން ގެންދެވި ނަމަވެސް ޢަރަބީންގެ ނަން ހިނގާ އެހެން ޤައުމުތަކުގެ އިސްވާރުންގެ ކިބައިން މި ފަދަ ކެރިވަޑާއިގަތުމަކާއި ހިތްވަރެއް ނުފެންނަކަމީ އިސްލާމީ މުޖުތަމަޢުން ސުވާލު އުފައްދާ ކަމެކެވެ. އިސްރާއިލާ ދެކޮޅަށް ފާސްކުރާން އުޅޭ ކޮންމެ ޤަރާރެއް ޣައިރު ދިމުޤުރާޠީ އދ.ގެ ވީޓޯކުރުމުގެ ބޭއިންސާފު ބާރު ބޭނުންކޮށްގެން އެމެރިކާއިން ގެންދަނީ ވީޓޯކުރަމުންނެވެ. ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް އެ މީހުން ހިންގަމުންގެންދާ ޢުދުވާނަށް އިންސާފު ލިބުމަށް ހުރަސްއެޅޭ އެންމެ ބޮޑު ސަބަބަކީ މިއީ ކަމަށް ދުނިޔޭގެ މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ފަލަޞްޠީނުގެ މަދަނީ ރައްޔިތުން ހާމަކުރާ ގޮތުގައި އެ މީހުންގެ ލޯތަކުގެ ކުރިމަތީން މިއަދު ފެންނަމުންދާ އަނިޔާވެރި ޢުދުވާނު ސިފަވަނީ ބިރުވެނި ހުވަފެނެއްގެ ސިފައިގައެވެ. އެހެންނަމަވެސް ފަލަޞްޠީނުގެ ހިތްވަރުގަދަ މުޖާހިދުންގެ ޢަޒުމަށް ކުޑަވެސް ބަދަލެއް ނުގެނެސް އިސްރާއީލުގެ ޢުދުވާނާ މިހާރުވެސް ކުރިމަތިލަމުން އެބަގެންދެއެވެ. އަދި ޙަމާސްގެ ރޮކެޓް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެތައް ޢިމާރާތަކަށް ގެއްލުން ލިބި ވައިގެ ދަތުރުފަތުރަށް ވަނީ ބުރޫއަރައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް