Support Us

ހަނގުރާމަ ހުއްޓަން އިސްރާއީލު ބޭނުން ވިޔަސް ނަތަންޔާހޫއަށް އިޖާބަ ދެއްވޭކަށް ނެތް

ބައިނަލްއަޤްވާމީ ތަފާތު ފަރާތްތަކުން ހަނގުރާމަ ހުއްޓައިލުމަށް އިސްރާއީލަށާއި ޙަމާސަށް ގޮވައިލަމުންދާއިރުގައި ވެސް އިސްރާއީލުން އެކަމާ ދެކޮޅު ހަދަމުންދާ ކަމަށް ޚަބަރުތައް ބުނެފިއެވެ. ޙަމާސުން ބުނާގޮތުގައި ހަނގުރާމަ ހުއްޓައިލެވޭނީ ޝަރްޠުތަކެއްގެ މަތީންނެވެ.

ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ މެދުއިރުމަތީގެ ޞުލްޙައާ ބެހޭ އދގެ ވިލަރެސްވެރިއާ ޓޯރ ވިންސްލޭންޑާއި މިޞްރުގެ ޖާސޫސީ އިދާރާގެ ޑިރެކްޓަރު ޙަމާސާއި ތައްލު އަބީބާ ގުޅުއްވަމުން ގެންދަވާކަމަށް ޚަބަރުފަތުރާ ނޫސް އޭޖެންސީތަކުން ބުނެއެވެ. އެންމެންވެސް ބުނާގޮތުގައި މިއީ 2017ގެ ފަހުން އިސްރާއީލާ  ފަލަސްޠީނާ ދެމެދުގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި  ކުރިމަތިލުމެވެ. މި ކުރިމަތިލުންތައް ހަނގުރާމައަކަށް ބަދަލުވެގެން ހިގައިދާނެކަމުގެ ބިރު އިތުރުވަމުންދާ ކަމަށް ވިންސްލޭންޑް ވަނީ ވިދާޅުވެފައެވެ.

ސިޔާސީ މަޞްދަރުތަކާ ޙަވާދީ ފްރާންސް ޕްރެސް އޭޖެންސީ ބުނާގޮތުގައި މިޞްރާއި ޤަޠަރުން ދަނީ ނުތަނަވަސްކަން ކުޑަކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. އިސްރާއީލާ ޙަމާސާ ދެމެދުގައި މީގެކުރިން ހިނގާފައިވާ ކުރިމަތިލުންތަކުގައި މި ދެ ފަރާތުން ވަނީ ވަރަށް އީޖާބީ ދައުރެއް އަދާކޮށްފައެވެ.

ފްރާންސް ޕްރެސް 24 ބުނާގޮތުގައި މިޞްރު މި ކަމުގެތެރެއަށް ވަދެގެން ވަރަށް ބޮޑަށް ޙަރަކާތްތެރިވަމުންދާ ކަމަށް މިޞްރުގެ ޚާރިޖީ ވަޒީރު ސާމިޙު ޝުކްރީ ވަނީ ޢަރަބި ޚާރިޖީ ވަޒީރުންނަށް ދަންނަވައިފައެވެ. އޭނާ ވިދާޅުވިގޮތުގައި މިޞްރުން ދަނީ މިކަމާ ގުޅުން ހުރި ޢަރަބި ޤައުމުތަކާއި އިސްރާއީލާ ގުޅަމުންނެވެ. އެހެނަސް އޭނާ ވިދާޅުވިގޮތގައި މި ކަމަށް އަދި އެކަށީގެންވާ އިޖާބައެއް ނުލިބެއެވެ.

އެމެރިކާ މަސްއަލައިގެތެރެއަށް ވަނުން

އަނެއްކޮޅުން ބަލާއިރު އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެން ނުތަނަވަސްކަން ކުޑަ ކުރުމަށް ހުރިހާ ފަރާތްތަކަކަށް ގޮވައިލައްވައިފި ކަމަށް ޚަބަރު ލިބެއެވެ. އޭނާ އިސްރާއީލަށާއި ހާމާސަށް ހަމަހިމޭންވުމަށް ޓަކައި ފިޔަވަޅުތައް އެޅުމަށް ނަސޭހަތް ދެއްވިއެވެ.

ޚަބަރާ ބެހޭ ސައިޓެއް ކަމުގައިވާ އެކްސިއޯން ބުނާގޮތުގައި އެމެރިކާގެ ރައީސް ޖޯ ބައިޑްން ޚައްޞަ މަންދޫބަކު މެދުއިރުމައްޗަށް ފޮނުއްވަން ނިންމަވައިފިއެވެ. އޭނާ އިސްރާއިލާއި ޙަމާސްގެ މަސްއޫލުވެރީންނާ ބައްދަލު ކުރައްވާނެއެވެ. މި ޖާލު ޞަފްޙާ ބުނާގޮތުގައި އެމެރިކާގެ ޚާރިޖިއްޔާގެ އިސްރާއީލާ ބެހޭ އިދާރާގެ އެހީތެރިއާ ހާދީ ޢަމްރު މިއަދު އިސްރާއީލަށް ވަޑައިގަންނަވާނެއެވެ.

މި މަސްއަލައާ ބެހޭގޮތުން އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖެކް ސޮލިވާން މިޞްރުގެ ޖާސޫސީ އިދާރާގެ ވެރިއާ ޖެނެރަލް ޢައްބާސް ކާމިލާ ފޯނުން ބައްދަލު ކުރައްވާ މަޝްވަރާކުރެއްވިއެވެ. ވައިޓްހައުސް ބުނާގޮތުގައި ސޮލިވާން މަޝްވަރާކުރެއްވީ ހަމަހިމޭންކަން ގެނައުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުންނެވެ. މިކަމާބެހޭގޮތުން ސޮލިވާން އިސްރާއީލުގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު މައީރު ބިން ޝުބާތާ އެކުގައި މަޝްވަރާކުރެއްވިއެވެ.

އެމެރިކާގެ ޚާރިޖީވަޒީރު ބްލިންކެން ވެސް އިސްރާއީލުގެ ޚާރިޖީ ވަޒީރު ގެބީ އިޝްކިނާޒީއާ ގުޅުއްވާ މަސްއަލައާމެދު ބަޙުސްކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި އެމެރިކާއިން އިސްރާއީލަށް އެއްވެސް ކަމެއް މަޖްބޫރެއް ނުކުރެއެވެ. އެހެނަސް ވަޒީރު ބްލިންކެން ވިދާޅުވިގޮތުގައި ކުރިމަތިލުންތައް ކުރިއަށް ދިޔުމަކީ އެމެރިކާ އެދޭކަމެއްނޫނެވެ.

ޙަމާސްގެ ޝަރްޠުތައް

އަނެއްކޮޅުން ޙަމާސް ޖަމާޢަތުގެ އިސްވާރެއްކަމުގައިވާ ޙައްމާދުއް ރަޤަބު ހާމަކުރެއްވިގޮތުގައި ހަނގުރާމަ ހުއްޓުމަށް ޙަމާސުން ތިން ޝަރްޠެއް ވާނީ ހުށައަޅައިފައެވެ. އެއީ އަޤްޞާގެ މިސްކިތާއި މި ޙަރަންފުޅުގެ ޙަރިންމަތެރެއިން އިސްރާއީލު ފުލުހުންނާއި ޔަހޫދީ ވަޒަންވެރިން ބޭރަށް ނުކުތުމާއި، ޤުދްސުގެ އައްޝައިޚު ޖައްރާޙުގެ އަވަށުގެ މީހުންގެ ޙައްޤުތަކަށް އަރައިގަތުން ހުއްޓައިލުމާއި، " ޤުދްސުގެ ހޭލުންތެރިކަމުގެ" ތެރޭގައި އިސްރާއީލުން ހައްޔަރު ކުރި ފަލަސްޠީނު މީހުން ދޫކޮށްލުމެވެ. އޭނާ ވިދާޅުވިގޮތުގައި މި ޝަރްޠުތަކަށް އިޖާބަނުދީ އިސްރާއީލުން ފަލަސްޠީނުގެ ބިންތަކަށާއި ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ޙަމަލާތައް ކުރިއަށް ގެންދާނަމަ ޙަމާސުން ހުރިހާ ވަސީލަތްތަކަކުން އިސްރާއީލުގެ ކިބައިން ދިފާޢުވުމަށް ޓަކައި ޙަމާސަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރާނެއެވެ. ޙަމާސުގެ މި ޝަރްޠުތައް މިޞްރުންނާއި އދގެ މަންދޫބު ތައްލު އަބީބާ ހަމައަށް ގެންގޮސްފައިވާނެ ކަމަށް ޢަރަބި އިންޑިޕެންޑެންޓް ސައިޓް ބުންޏެވެ. މި ސައިޓް ބުނާގޮތުގައި އިސްރާއީލުން ވަނީ މި ޝަރްޠަކަކަށް ނޫނެކޭ ބުނެފައެވެ. އިސްރާއީލުން ޣައްޒާއަށް ދެމުންދާ ޙަމަލާތައް ހުއްޓައިލުމަށް ޤާހިރާއިން ވަނީ އެދިފައެވެ.

އިސްރާއީލުގެ ރައްދު

މިޞްރުންނާއި އދގެ ވިލަރެސްވެރިއާ މަސައްކަތްކުރައްވަމުން ގެންދަވާ ޚަބަރު އިސްރާއިލުން ނަފީއެއް ނުކުރެއެވެ. އެހެނަސް ޙަމާސުން ހުށައެޅުންތަކެއް ހުށައެޅިކަމަށް ބުނާބުނުމާ އިސްރާއީލުން ދެކޮޅު ހެދިއެވެ.އިސްރާއީލު ބުނާގޮތުގައި ހަނގުރާމަ ހުއްޓައިލުމަށް ތައްލު އަބީބު އޮތީ ތައްޔާރަށެވެ. އެހެނަސް ޙަމާސުން ދެމުންގެންދާ މިސައިލް ޙަމަލާތަކަށް ޙަމާސުން އަގު ދައްކަން ޖެހޭނެއެވެ.

އިސްރާއީލުގެ ދިފާޢީ ދަނގަނޑު ޤުއްބަށް ޙަމާސުގެ މިސައިލްތައް މަތައެއް ނުކުރެވުނު

 

އިސްރާއީލު ބުނާގޮތުގައި ވައިގެ ޙަމަލާތައް ކުރިއަށް ގެންދިޔަސް އެއްގަމު މަގުން ޙަމަލާތައް ދޭކަށް ގަސްތެއް ނުކުރެއެވެ.

ނަތަންޔާހޫއަށް ބުރަ ކަމެއް

ޚަބަރުތައް ދިރާސާ ކުރާ ފަރާތްތައް ބުނާގޮތުގައި ޙަމާސުގެ ޝަރްޠުތައް އިސްރާއީލަށް ޤަބޫލު ކުރަން ވަރަށް ދަތިވާނެއެވެ. އެއީ މި ޝަރްޠުތައް ޤަބޫލުކޮށްފިނަމަ ޙަމާސަށް ލިބުނު ކާމިޔާބީއަކަށް ވެދާނެތީއެވެ. އިސްރާއީލު ބުނާގޮތުގައި ހަނގުރާމަ ހުއްޓުމާ އަޤްޞާއާ ގުޅުވަން ޙަމާސުން ކުރާ މަސައްކަތަށް އިސްރާއީލުން އިޖާބަ ދީފިނަމަ އެއީ އިސްރާއީލަށް ލިބުނު ނާކާމިޔާބީއަކަށް ވާނެއެވެ. ޙަމާސުން އިސްރާއީލުގެ ރަށްރަށަށް ދެމުންގެންދާ މިސައިލް ޙަމަލާތަކުގެ ސަބަބުން އިސްރާއީލުގެ ޙަޔާތްވަނީ ވަރަށް ނާމާންވެފައެވެ. ލިއްދުފަދަ ރަށްރަށުގައި މިހާރު ޔަހޫދީން އުޅެމުންދަނީ ބިންގަރާސްތަކުގައެވެ. ޙަމާސްގެ އެންމެ ރޮކެޓެއް މީހުން އުޅޭ ސަރަޙައްދަކަށް ވެއްޓުނަސް އޭގެ ސަބަބުން އިސްރާއީލުގެ އެތައް ބަޔަކު މަރުވާނެއެވެ. މިއީ ނަތަންޔާހޫގެ ސިޔާސީ ޙަޔާތަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމަކަށް ވާނެއެވެ. ރިޕޯޓަރުން ބުނާގޮތުގައި ނަތަންޔާހޫއަށް ނަޞްރެއް ލިބުނުކަން ދައްކަން ޖެހޭނެއެވެ. އަނެއްކޮޅުން ބަލާއިރު ހަނގުރާމަ ދިގުލުމަކީ އިސްރާއީލަށް ރަނގަޅު ކަމަކަށް ނުވާނެއެވެ. އެކަން ވާނީ ނަތަންތާހޫއަށް އުފުއްލަވަން ބުރަ ކަމަކަށެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *