ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މާލެ އާއި އަތޮޅުތަކުގައި ދަތި ޙާލުގައި އުޅޭ 1،800 އަށްވުރެ ގިނަ ކުދިންނަށާއި އެ ކުދިންގެ އާއިލާތަކަށް އަސާސީ ކާބޯތަކެތީގެ އެހީތެރިކަން "އާކު" އިން ފޯރުކޮށްދީފިއެވެ.
ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތެއް ކަމަށްވާ، އެޑްވޮކޭޓިންް ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ބުނީ އެ ޖަމިއްޔާގެ ޚާއްސަ ފްރޮގްރާމް "އާކް އެއިޑް"ގެ ދަށުން 55 ރަށެއްގެ އާއިލާތަކަށް ކާބޯތަކެތީގެ ޕެކޭޖު ރައްދުކޮށްދީފައިވާ ކަމަށެވެ. އެ ޕެކޭޖުގައި ހިމެނެނީ ހަނޑޫ، ފުށް، ހިކިކިރު، މަސް ދަޅު، ބިސް، ބޭކެޑް ބީންސް އަދި ތަރުކާރި ދަޅެވެ.
އާކުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުން އެޅި އެކި ފިޔަވަޅުތަކުގެ ސަބަބުން ދިރިއުޅުމުގެ ޙާލަތު ބަދަލުވެ އިޖްތިމާއި އަދި އިޤްތިސޯދީ ގޮތުން އައި ގޮންޖެހުންތަކާއެކު ކުޑަކުދިންނަށްވެސް ވަނީ އެކަމުގެ ނޭދެވޭ އަސަރު ކޮށްފައި ކަމަށެެވެ. ބަޔެއް އާއިލާތަކުގެ މެންބަރުން ވަޒީފާއިން ވަކިކުރުމާއި، އިނާޔަތް ކުޑަކުރުގެ ދަތިތަކާ ކުރިމަތިލާންޖެހި، މާލޭގައި ދިރިއުޅުމުންދިޔަ ބައެއް އާއިލާތަކަށް ކުރިމަތިވެފައިވާ ދަތި ޙާލުގެ ސަބަބުން އަނބުރާ ރަށަށް ބަދަލުވާން މަޖުބޫރުވި ކަމަށް ވެސް އާކުން ބުނެއެވެ.
"މިކަމުގެ އެންމެ ނޭދެވޭ އަސަރު ފޯރަމުންދަނީ ކުޑަކުދިންނަށެވެ. މިފަދަ ޙާލަތްތަކާއި ކޯވިޑް-19ގެ ސަބަބުން އެހެނިހެން އުނދަގޫތަކާއި އުނދަގޫތައް ކުރިމަތިވެފައިވާ އާއިލާތަކަށް ސަރުކާރުގެ އިދާރާތަކާއި، ރަށު ކައުންސިލާއި އެހެނިހެން ޖަމިއްޔާތަކުގެ އެހީއާއެކެ އާކްއެއިޑްގެ ޕްރޮގްރާމްގެ ދަށުން ވާނީ ކާބޯތަކެތީގެ ޕެކޭޖެއް ރައްދުކޮށްދީފައެވެ. އާރކްއިން ޤަބޫލުކުރާ ގޮތުގައި ޙާއްސަކޮށް މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި އެއްވެސް ކުއްޖަކީ ކާބޯތަކެތި ލިބުމުގެ އަސާސީ ޙައްޤުން މަޙުރޫމުވެފައިވާ ކުއްޖަކަށް ވެގެންނުވާނެކަމަށެވެ. މިގޮތުން އާރކް އެއިޑްގެ ޕްރޮގްރާމުވާނީ ދިވެހިރާއްޖޭގެ ހުރިހާ އަތޮޅަކަށް ފޯރައިފައެވެ." އާކުގެ ބަޔާނުގައިވެއެވެ.

އާކްއެއިޑްގެ ޕްރޮގްރާމްގެ ދަށުން އެންމެ ގިނަ ކުދިންނަށް އެހީވެފައި ވަނީ މާލޭންނެވެ. އެއީ 290 ކުދިންނާއި އެކުދިންގެ އާއިލާއަށެވެ. އަތޮޅުތެރެއިން އެންމެ ގިނަ ކުދިންނަށް އެހީވެފައި ވަނީ އައްޑޫ ސިޓީގެ ހަ ރަށުން 207 ކުދިންނާއި އެކުދިންގެ އާއިލާއަށެވެ. ދެން، ގއ. އަތޮޅުގެ ދެ ރަށަކުން 165 ކުދިންނާއި އެކުދިންގެ އާއިލާއަށެވެ. ތިން ވަނަ އަށް އެންމެ ގިނައިން އެހީވެފައި ވަނީ ލ. އަތޮޅުގެ ފަސް ރަށުން 161 ކުދިންނާއި އެކުދިންގެ އާއިލާ އަށެވެ. މި ޕްރޮގްރާމުގައި އެންމެ މަދުން އެހީވެފައި ވަނީ ރ. އަތޮޅުގެ އެއް ރަށުން ތިން ކުދިންނާއި އެ ކުދިންގެ އާއިލާއަށެވެ.
"އާކް އެއިޑް ޕްރޮގްރާމުގެ ބައިވެރިން- ޔުނިސެފް، ބޭންކް އޮފަ މޯލްޑިވްސް، ދިރާގު އަދި ޕްރޮގްރާމަށް މިފަދަ ބަލިމަޑުކަމުގެ ދުވަސްވަރެއްގައި އެހީފޯރުކޮށްދިން ވަކިވަކި ފަރާތްތަކަށް މި ފުރުސަތުގައި އާއކްގެ ފަރާތުން ނުހަނު ޝުކުރާއި ތަޢުރީފު އަދާކުރަމެވެ. އަދި ހަމަ އެހެންމެ، އާކްއިން ކުޑަކުދިންގެ ޙައްގުތައް ކުރިއަރުވާ ހިމާޔަތްކުރުމުގެ މަސައްކަތުގައި ދެމިހުންނާނެކަމުގެ ކަށަވަރުކަންވެސް އަރުވަމެވެ."



advertisment