އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، ކޯޓު އަމުރެއް ނެތި ކޮންމެ ތަނަކަށް ވެސް ވަނުމުގެ ބާރު ޑިރެކްޓަރ ޖެނެރަލް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރަށް ލިބޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަސްދީޤުކުރައްވައި ސަރުކާރުގެ ގެޒެޓްގައި އިއްޔެ ޝާއިއުކޮށްފިއެވެ.
ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ، އެޕްރީލް މަހުގެ 29 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ގެންނެވި އިޞްލާޙާ އެކު، މި ޤާނޫނުން ލާޒިމުކުރާ މަޤްޞަދެއް ހާސިލުކުރުމުގެ ގޮތުން، ކޯޓު އަމުރެއް ހޯދުމަކާނުލާ، މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ ޢާންމު ތަނަކަށް ވަނުމުގެ ހުއްދަ ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.
އަދި ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ޙާލަތުގައި ކުރަންޖެހޭ ޚަރަދު އިތުރުވާނަމަ، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު، އެ އިތުރަށް ބޭނުންވާ ފައިސާގެ މިންވަރުގެ ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ބަޔާންކޮށްފައިވެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެން ނުވާނެ ކަމަށްވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ.
ހަމަ އެއާއެކު، ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހައި ޚަރަދުގެ ތަފްސީލާއި، ކުރިއަށް އޮތް ދެ މަސްދުވަހު ޚަރަދުވާނެ ކަމަށް ލަފާކުރާ މިންވަރުގެ ތަފްސީލު، ކޮންމެ ދެ މަހަކުން، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައި އޮތްއޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ޙާލަތާ ގުޅިގެން ކުރި އެންމެހައި ޚަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓަރ ޖެނެރަލަށް ހުށަހެޅުމަށްވެސް މި ގާނޫނުގައި ހިމަނާފައިވެއެވެ. އަދި މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހައި ތަފްސީލާއި ރިޕޯޓު، ޢާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ވަނީ މި ގާނޫނުގައި ކަނޑައަޅުއްވާފައެވެ.
ގާނޫނަށް ގެނައި އިސްލާހުތައް:
35. (ރ) އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ޙާލަތުގައި ކުރަންޖެހޭ ޚަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރު، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހުއްދަކުރާ މިންވަރަކަށް އަދި ކަނޑައަޅާ އުސޫލުގެ މަތިން މެނުވީ އެ ފައިސާ ބޭނުންކޮށްގެންނުވާނެއެވެ.
(ބ) …ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެ ކަމަށް އިޢުލާނުކޮށްފައިވާނަމަ، އަދި އެ ޙާލަތު ދެމިއޮތްނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ހިސާބުން މި މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
39-1 (ހ) އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު، އެކަމާ ގުޅިގެން ކޮންމެ މަހަކު ހިނގާ އެންމެހައި ޚަރަދުގެ ތަފްސީލު، ކޮންމެ ދެ މަހަކުން، މާލީ ކަންކަމަށް ޒިންމާވާ ވަޒީރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ތަފްސީލު ހުށަހަޅާއިރު ކުރިއަށް އޮތް ދެ މަސްދުވަހަށް ޚަރަދުވާނެ ކަމަށް ލަފާކުރާ މިންވަރުވެސް ޚަރަދުގެ ތަފްސީލުގައި ބަޔާންކުރަންވާނެއެވެ.
(ނ) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައި އޮތްއޮތުން ނިމުމަކަށް އަންނަތާ ގިނަވެގެން 60 ދުވަހުގެ ތެރޭގައި އެ ޙާލަތާ ގުޅިގެން ކުރި އެންމެހައި ޚަރަދުތަކުގެ ފުރިހަމަ އޮޑިޓެއް ކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް އޮޑިޓަރ ޖެނެރަލް ހުށަހަޅަންވާނެއެވެ.
(ރ) މި މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އެންމެހައި ތަފްސީލާއި ރިޕޯޓު، ޢާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނެގޮތަށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ބ)…ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެ ކަމަށް އިޢުލާނުކޮށްފައިވާނަމަ، އަދި އެ ޙާލަތު ދެމިއޮތްނަމަ، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ހިސާބުން، މި މާއްދާގައިވާ ގޮތުގެމަތިން ޢަމަލުކުރަންވާނެއެވެ.
39-2 (ހ) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރާ މުއްދަތު ނިމުމަކަށް އަންނަތާ ގިނަވެގެން 90 ދުވަހުގެ ތެރޭގައި އަންނަނިވި ކަންކަމުގެ މައްޗަށް އެކުލެވޭ ރިޕޯޓެއް، ޑިރެކްޓަރ ޖެނެރަލްގެ މަޝްވަރާގެ މަތިން ތައްޔާރުކޮށް، ރައީސުލްޖުމްހޫރިއްޔާ އަށާއި ރައްޔިތުންގެ މަޖިލީހަށް ވަޒީރު ހުށަހަޅަންވާނެއެވެ؛
(1) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރަން މެދުވެރިވި ސަބަބު؛
(2) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތައް؛
(3) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ކާމިޔާބީއާއި ރައްކާތެރިކަން؛
(4) އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު ދިމާވި ގޮންޖެހުންތައް؛
(5) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމަށްފަހު ދިމާވި ގޮންޖެހުންތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން މުސްތަޤްބަލުގައި އެޅިދާނެ ފިޔަވަޅުތަކާއި އެ ފިޔަވަޅުތައް އެޅުމަށް ގަސްދުކުރާ ގޮތުގެ ތަފްސީލު؛
(6) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ސަބަބުން ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ބަޔަކަށް ލިބުނު ޖިސްމާނީ ނުވަތަ މާލީ ގެއްލުން؛
(7) ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ޙާލަތުގައި ލިބުނު ޖުމްލަ ފައިސާއާއި އެހީއާއި، އެ ފައިސާއާއި އެހީ ހޭދަކުރިގޮތުގެ ޚުލާޞާ.
39-2 (ށ) މި މާއްދާގެ ދަށުން ހުށަހަޅާ ރިޕޯޓު، ޢާންމުންނަށް ލުއިފަސޭހަކަމާއެކު ލިބޭނޭގޮތަށް، ވަޒީރު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެއެވެ.
(ނ) …ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޢާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތެއް ކުރިމަތިވެއްޖެކަމަށް އިޢުލާނުކޮށްފައިވާނަމަ، އަދި އެ ޙާލަތު ދެމިއޮތްނަމަ، މި މާއްދާއާއި މި ޤާނޫނުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކުރާ އެހެނިހެން ރިޕޯޓު، ވަޒީރު ހުށަހަޅަންވާނެއެވެ.
76. (ހ) އާންމު ޞިއްޙަތަށް ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައި، މި ޤާނޫނުން ލާޒިމުކުރާ މަޤްޞަދެއް ހާސިލުކުރުމުގެ ގޮތުން، ކޯޓު އަމުރެއް ހޯދުމަކާނުލާ، މީހުން ދިރިއުޅޭ ތަނަކަށް ނުވަތަ މީހުން ދިރިނޫޅޭ ތަނަކަށް ނުވަތަ ޢާންމު ތަނަކަށް ވަނުމުގެ ހުއްދަ ޑިރެކްޓަރ ޖެނެރަލަށް ލިބިގެންވެއެވެ.



advertisment