މި އަހަރުގެ ފިތުރު ޢީދު ދުވަހަކީ މި ހިނގާ މޭ މަހުގެ 13 ވާ ބުރާސްފަތި ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.
"ހިޖުރީ ސަނަތުން 1432 ވަނަ އަހަރުގެ ރަމަޝާން މަހުގެ 29 (މީލާދީ ސަނަތުން 2021 ވަނަ އަހަރުގެ މޭ މަހުގެ 11) ވާ އަންގާރަ ދުވަހުގެ އިރުއޮއްސޭއިރު، ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް، އަދި އިސްލާމީ އެއްވެސް ޤައުމަކަށް ވެސް 1442 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާކަން، އިތުބާރު ހުރި ފަލަކީ ހިސާބުން ކަށަވަރުވާތީ، ރަމަޟާންމަހާއި، ޝައްވާލުމަހުގެ ހަނދު ސާބިތުކުރަން، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެ މަތިން، މާދަމާ، މީލާދީ ސަނަތުން 2021 ވަނަ އަހަރުގެ މޭ މަހުގެ 12 ވާ ބުދަ ދުވަހަކީ، 1442 ވަނަ އަހަރުގެ ރަމަޝާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، މި ހިނގާ މޭ މަހުގެ 13 ވާ ބުރާސްފަތި ދުވަހަކީ، 1442 ވަނަ އަހަރުގެ ފިޠުރުޢީދު ދުވަސްކަމުގައި ކަނޑައަޅައިފީމެވެ." ހަނދާ ބެހޭ ގޮތުން މިރޭ ނެރުއްވި ބަޔާނުގައި ވެއެވެ.
"މި ބަރަކާތްތެރި ފިޠުރުޢީދުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި، އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، އިސްލާމީ އުއްމަތަށް ތަހްނިޔާ އާއި ހެޔޮއެދުންތައް ފޮނުވަމެވެ. މާތް ﷲ އަޅުގަނޑުމެން ހިފާ ރޯދަ އާއި، މިބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮޢަމަލުތައް ޤަބޫލުކުރައްވައި، އަޅުގަނޑުމެންގެ ފާފަ ފުއްސަވާށިއެވެ! އަދި ރަމަޟާން މަހަށްފަހުވެސް ހެޔޮޢަމަލު ކުރުންމަތީ ދެމިތިބުމުގެ ތައުފީޤު އަޅަމެންނަށް ދެއްވާށިއެވެ! އަދި ދިވެހިރާއްޖެއަށާއި، މުޅި އިސްލާމީ އުއްމަތަށް މިފަދަ ބަރަކާތްތެރި، އުފާވެރި ޢީދު ދުވަސްތައް ތަކުރާރު ކުރައްވާށިއެވެ!"



advertisment