Support Us

އިސްރާއީލުން އަޤްޞާ މިސްކިތުގެ ޙުރްމަތަށް އަރައިގެންފި

އިސްރާއީލުން އަނެއްކާ ވެސް އަޤްޞާ މިސްކިތުގެ ޙަރަންފުޅުގެ ޙުރްމަތްކަނޑައި އެ ޙަރަމްފުޅުގައި ނަމާދު ކުރަމުން ދިޔަ މީހުންނަށް ޙަމަލާދީ އެތައް ބަޔަކު މަރައި އެތައް ބަޔަކު ޒަޚަމުކޮށްލައިފިއެވެ.

އަލްމަސްޖިދުލް އަޤްޞާގައި ނަމާދު ކުރަމުން ދިޔަ ފަލަސްޠީނު މީހުންނަށް އެ މިސްކިތް ހުސްކުރުމަށް އިސްރާއީލު ސިފައިން އަޑުގަދަކުރާއިން ގޮވުމަށްފަހު ޤިބްލީ މިސްކިތާ ވީ ފަރާތަށް ހުރި އަޑުގަދަކުރާތައް އެހެން އަޑުގަދަކުރާތަކާ ވަކިކޮށް އަޑު ނުލިބޭގޮތް ހެދިއެވެ.

އަލްޖާމިޢުލް ޤިބްލީއަކީ އަޤްޞާ މިސްކިތުގެ ބައެކެވެ. އެއީ މި މާތް ޙަރަންފުޅުގެ މަލަތަކުގެތެރޭގައި ހިމެނޭ ތާރީޚީ މަލައެކެވެ. އަޤްޞާ މިސްކިތުގެ ތިމަރަ  ޤުއްބު އޮންނަނީ މި ބައިގެ މަތީގައެވެ.

އިސްރާއީލު ސިފައިންގެ "ލާއިންސާނީ" ޙަމަލާތަކުގެ ސަބަބުން ފަލަސްޠީނުގެ 163 މީހަކު ޒަޚަމުވިއެވެ. ފަލަސްޠީނުގެ ރެޑް ކްރެސެންޓް ބުނާގޮތުގައި އޭގެތެރެއިން 83 މީހަކު ޤުދުސް ހަސްފަތާލަށް ގެންދެވުނެވެ. އެހެން މީހުންނަށް ފަރުވާ ދެވެމުންދަނީ މަގުމަތީގައި ހެދުނު މައިދާނީ ހަސްފަތާލެއްގައެވެ.

މި ޢާއްމު ޖަމްޢިއްޔާއިން ޚަބަރު ދިންގޮތުގައި ގިނަ ބަޔަކު ޒަޚަމުވެފައި ވަނީ އިސްރާއީލު ސިފައިން ރަބަރު ވަޒަން ބޭނުންކުރުމުގެ ސަބަބުން ލޮލާއި މޫނާއި މޭމަތީގެ ހިސާބުތަކުގައެވެ. ރެޑް ކްރެސެންޓް މި ޖަމްޢިއްޔާ ބުނިގޮތުގައި މައިދާނީ ހަސްފަތާލެއް ހަދަން ޖެހުނީ ޤުދްސުގައި ހުރި ޢަރަބި ހަސްފަތާލުތައް ފުރުމުގެ ސަބަބުންނެވެ.

ހުކުރު ދުވަހު ރޯދަވީއްލުމާއެކު އިސްރާއީލުގެ ޢުދްވާނީ ޙަމަލާތައް އަލްމަސްޖިދުލްއަޤްޞާއަށާއި އެ ޙަރަންފުޅުގައި ނަމާދު ކުރަމުން ދިޔަ މީހުންގެ މައްޗަށް އޮހެން ފަށައިފިއެވެ. އިސްރާއީލު ސިފައިން ރަބަރު ވަޒަނުގެ އިތުރަށް ކަރުނަ ބޮމާއި އަޑު ބޮންވެސް ބޭނުން ކުރިއެވެ.

މަންޒަރު ދުށް މީހުން ސިފަކުރިގޮތުގައި މިއީ ހަމަ ވަރުގަދަ ޢުދްވާނެކެވެ. ޤުއްބަތުއް ޞަޚްރާގެ މައިދާނުގައި ނަމާދު ކުރަން ތިބި  އަންހެނުންނަށާއި ކުޑަކުދީންނަށް ވެސް އިސްރާއީލު ސިފައިން ބޮމުގެ ޙަމަލާތައް ދިނެވެ. އަލްމަސްޖިދުލްއަޤްޞާގެ އަލްޖާމިޢުލް ޤިބްލީ ގެ ދޮރުތައް ހިލިހިލާއިން ބަންދުކޮށް އެތާނގައި ނަމާދު ކުރަން ތިބި މީހުންނަށް ޙަމަލާދިނީއެވެ. މި ޙަމަލާގައި ޒަޚަމުވި މީހުން އެ ޙަރަންފުޅުގެ ކްލިނިކަށް ގެންގޮސް ފަރުވާ ދިނުމަށް ވެސް އިސްރާއީލު ސިފައިން ހުރަސްއެޅިއެވެ.

ޤުދްސުގެ ބައެއް ރައްޔިތުން ގަދަކަމުން ރަށުން ބޭލުން

އަނެއްކޮޅުން ބަލާއިރު އިސްރާއީލުން ދަނީ ޤުދްސުގެ އައްޝައިޚު ޖައްރާޙު އަވަށުގެ ގެތަކުން ފަލަސްޠނުމީހުން ގަދަކަމުން ބޭރުކުރަމުން ޔަހޫދީން އެ ތަންތާގައި ވަޒަންވެރިކުރުވަމުންނެވެ. އިންސާނީ ޙައްޤުތަކާބެހޭ އދގެ އެންމެ އިސް އޭޖެންސީ ބުނާގޮތުގައި ގަދަކަމުން މީހުން އެމީހުންގެ  ގޮވަތިގެދޮރުން ބޭރަށްލުމަކީ "ހަނގުރާމައިގެ ޖަރީމާ" އަކާ އެއްފަދަ ކަމެކެވެ. މި އޭޖެންސީގެ ތަރްޖަމާނު ރޮބަރޓް ކޮލްވީލް ޖެނީވާގައި ނޫސްވެރީންނާ ބައްދަލު ކުރައްވާ ހާމަކުރެއްވި ގޮތުގައި އިރުމަތީ ޤުދްސުގައި ދިރިއުޅޭ ފަލަސްޠީނުގެ އަށް ޢާއިލާއެއް  ގަދަކަމުން ގެއިން ނެރެލެވިދާނެކަމުގެ ބިރު އެބަ އޮތެވެ. އެމީހުން އެމީހުންގެ ގޮވަތިގެދޮރުން ބޭރަށް ނެރެ އެއްލައިލުމުގެ މަސައްކަތް ވަގުތުން ހުއްޓައިލުމަށް އޭނާ އިސްރާއީލަށް ގޮވައިލެއްވިއެވެ. އޭނާ ހާމަކުރެއްވިގޮތުގައި އޭގެތެރެއިން ހަތަރު ޢައިލާއެއް ވަރަށް އަވަހަށް އެމީހުންގެ ގޭގެއިން  ބޭރުކޮށްލެވޭނެއެވެ. އޭނާ  ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ހުރިހާ ނިންމުންތަކެއް ވެސް ބުނާގޮތުގައި އިރުމަތީ ޤުދްސަކީ އަދި ވެސް ހިފާފައިވާ ބިމެކެވެ. އެއީ އިސްރާއލުގެ ބިމެއްނޫނެވެ.އޭނާ ވިދާޅުވިގޮތުގައި ހިފާފައިވާ ބިމެއްގައި އިސްރާއީލުގެ ޤާނޫނުތަކަށް ޢަމަލެއް ނުކުރެވޭނެއެވެ. އޭނާ ނޫސްވެރީންނާ ބައްދަލު ކުރައްވަމުން ވިދާޅުވިގޮތުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަން ފަލަސްޠީނު މީހުންނަށް ލިބެން ޖެހޭނެއެވެ. އަދި އިސްރާއީލުން ބާރުގެ ބޭނުންކުރުމުގައި އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ޖެހޭނެއެވެ.

ޤުދްސުގެ އައްޝައިޚު ޖައްރާޙު އަވަށުގައި އިސްރާއީލު ފުލުހުންނާ ފަލަސްޠީނު މީހުންނާ ދެމެދުގައި ކުރިމަތިލުންތައް ހިނގަމުންދާތާ ދިހަވަރަކަށް 10ވަރަކަށް ދުވަސްވެއްޖެއެވެ. ފަލަސްޠީނު މީހުން 1956ގައި އެ އަވަށުގައި ބިނާކޮށްފައިވާ ގެތަކުން އެމީހުން ބޭރަށް ލުމަށް އިސްރާއީލުގެ ކޯޓަކުން ވަނީ ކަނޑައަޅައިފައެވެ. އިސްރާއީލު ބުނާގޮތުގައި އެއީ 1948ގެ ކުރިން ޔަހޫދީންނަށް ލިބިފައިވާ ބިންތަކެކެވެ. އިސްރާއީލުގެ ދެ ކޯޓަކުން ފަލަސްޠީނުގެ 12 ޢާއިލާއެއް އެމީހުންގެ ގޮވެތިގެދޮރުން ބޭރަށް ލުމަށް ވަނީ ނިޔާ ކަނޑައަޅައިފައެވެ.

އިސްރާއީލުގެ ޢުދްވާނު ކުށްވެރިކުރުން

އިސްރާއީލު ސިފައިން އަޤްޞާ މިސްކިތަށް ވަދެ އެތާނގައި ނަމާދު ކުރަމުންދިޔަ މީހުންނަށް ދިން ޙަމަލާ ތުރްކީން ވަރަށް ވަރުގަދައަށް ކުށްވެރި ކުރިއެވެ. ތުރްކީގެ ރިޔާސަތުގެ ޓްވިޓަރުގައި ހާމަކުރި ބަޔާނެއް ބުނާގޮތުގައި އިސްރާއީލު ފުލުހުން އެ ޙަރަންފުޅަށް ވަދެ ރަބަރު ވަޒަނުންނާއި އަޑު ބޮމާއި ކަރުނަ ބޮމުން  ދިން ޙަމަލާ ތުރްކީން ވަރަށް ބޮޑަށް ކުށްވެރި ކުރެއެވެ. މި ބަޔާނުގައި އިސްރާއީލު ފުލުހުން ވަގުތުން އެ ޙަރަންފުޅުން ބޭރަށް ނުކުތުމަށް ގޮވާލައިފާވެއެވެ. ތުރްކީގެ ޚާރިޖީ ވަޒީރު  މައުލޫދު ޗާވޫޝް ސިފަކުރެއްވިގޮތުގައި އިސްރާއީލުގެ މި ޢުދްވާނަކީ "ވަރަށް ލާއިންސާނީ ޙަމަލާ" އެކެވެ. ތުރްކީގެ އިދިކޮޅު ޒަޢީމުވެސް އިސްރާއީލުގެ މި ޙަމަލާ ކުށްވެރިކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ތުރްކީ ރައްޔިތުން ތިބީ ފަލަސްޠީނު މީހުންނާއެކުގައެވެ.

އެމެރިކާ ކަންބޮޑުވޭ

ޤުދްސާއި އަލްމަސްޖިދުލްއަޤްޞާ ސަރަޙައްދުގައި ހަމަނުޖެހުންތައް އިތުރުވަމުންދާތީ އެމެރިކާއިން ވެސް މިއަދު ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. އެމެރިކާ ބުނިގޮތުގައި ޝައިޚު ޖައްރާޙު އަވަށުގައި ޢަރަބި ޢާއިލާތައް ދިރިއުޅެމުންދާތާ އެތައް ޖީލުތަކެއް ވެއްޖެއެވެ. ފަލަސްޠީނުގެ ޢާއިލާތައް އެ ހިސާބުން ނެރެލުމަކީ އެކަމާމެދު ވޮޝިންގްޓަން ކަންބޮޑުވާ ކަމެކެވެ. އެމެރިކާގެ ޚާރިޖިއްޔާގެ ތަރްޖަމާނު ޖެލީނާ ޕޯޓަރ ވިދާޅުވިއެވެ. "އަހުރެމެން ޤުދްސުގައި ނުތަނަވަސްކަން އިތުރުވަމުންދާތީ ކަންބޮޑުވަން… އަހަރެމެން ދެ ފަރާތަށް ވެސް ގޮވައިލަނީ ހަރުކަށި ކުރިމަތިލުންތަކާ ދުރުހެލިވުމަށް… ނަފްސު ކޮންޓްރޯލް ކުރުމަށް.. ހަމަހިމޭން ވުމަށް…"

ޤަޠަރުން ވަރަށް ބޮޑަށް ކުށްވެރި ކުރޭ

އިސްރާއީލުން އަލްމަސްޖިދުލްއަޤްޞާއަށް ވަދެ ނަމާދު ކުރަން ތިބި މީހުންނަށް ޙަމަލާދިނުމުން ޤަޠަރުން އެ ކަން ވަރަށް ބޮޑަށް ކުށްވެރިކުރިއެވެ. ޤަޠަރުން ސިފަކުރިގޮތުގައި އެއީ "ވަލު ޖަނަވާރު" ޢަމަލެކެވެ.ޤަޠަރުގެ ޚާރިޖިއްޔާއިން ނެރުނު ބަޔާން ބުނާގޮތުގައި އަލްމަސްޖިދުލްއަޤްޞާއަށް ވަދެ ނަމާދު ކުރަން ތިބި މީހުންނަށް ޙަމަލާ ދިނުމަކީ "ދުނިޔޭގެ އެތައް މިލިއަން މުސްލިމުންގެ ޝުޢޫރުތައް ކައްކުވާނެ ކަމެކެވެ. މުސްލިމުން އެކަން ކުށްވެރި ކުރެއެވެ. މީގެއިތުރަށް އެއީ އިންސާނީ ޙައްޤުތަކާ ޚިލާފު އަދި ބައިނަލްއަޤްވާމީ ޗާޓަރުތަކާ ޚިލާފު ޢަމަލެކެވެ." އިސްރާއީލުގެ ޢުދްވާނު ހުއްޓުވުމަށްޓަކައި އަވަހަށް ޙަރަކާތްތެރިވުމަށް ޤަޠަރުން ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވައިލިއެވެ. އަދި 1967ގެ ސަރަޙައްދުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމު ކުރުމަށް ޤަޠަރުން ގޮވައިލަމުން ފަލަސްޠީނުގެ ރައްޔިތުންނާއެކު ޤަޠަރު އޮތްކަމަށް ބުންޏެވެ.

އުރްދުނުން ސިފަކުރިގޮތުގައި މިއީ "ޖަނަވާރީ" ޢަމަލެއް

އުރްދުނުން ވެސް އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށް އެއީ "ޖަނަވާރީ ޢަމަލެއް" ކަމަށް ބުންޏެވެ. އުރްދުންގެ ޚާރިޖިއްޔާގެ ތަރްޖަމާނު  ޟައިފުﷲ އަލްފާއިޒު ވިދާޅުވިގޮތުގައި ޙަރަންފުޅަށް ވަދެ ނަމާދު ކުރަންތިބި ބަޔަކަށް ޙަމަލާދިނުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫނެވެ. އުރްދުނުން މި ޙަރަންފުޅު ރައްކައުތެރި ކުރުމަށް ގޮވައިލަމުން އިސްރާއީލުގެ ޢުދްވާނުގެ ނަތީޖާއަށް ޒިންމާވާން ޖެހޭނެ ކަމަށް ތަރްޖަމާނު ވިދާޅުވިއެވެ.އިސްރާއީލު ފުލުހުންނާއި އިސްރާއީލުގެ ޢަސްކަރީ ބާރުތައް ވަގުތުން އެ ޙަރަންފުޅުން ފޭބުމަށް ވެސް ޢައްމާނުން ގޮވައިލިއެވެ. ބައެއްގެ ބިމެއް ހިފާފައިވާ ބަޔަކު ޢަމަލު ކުރަން ޖެހޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ކަމަށް އުރްދުނުން އިސްރާއީލަށް ހަނދާންކޮށށް ދިނެވެ.

ޤާހިރާއިން ކުށްވެރި ކުރުން

މިޞްރުގެ ޚާރިޖިއްޔާއިން އިސްރާއީލުގެ މި ޢަމަލު ކުށްވެރިކޮށް އެކަމާ ދެކޮޅު ހެދިއެވެ. ފަލަސްޠީނު މީހުންނަށް އެމީހުންގެ ދީނީ ޝިޢާރުތައް ފާޅުކުރުމުގެ ޙައްޤު ލިބިގެންވާ ކަމަށާއި އެމީހުންގެ ޤާނޫނީ ޙައްޤުތަކަށް އިސްރާއީލު ޖާމިނުވާން ޖެހޭނެ ކަމަށް ޤާހިރާއިން ބުންޏެވެ.

އަޤްޞާ މިސްކިތާމެދު ޢަރަބިން ޒިންމާވާން ޖެހޭނެ

އިސްރާއީލުންދެމުން ގެންދާ ޢުދްވާނާ ވިދިގެން ފަލަސްޠީނުގެ ޤައުމީ މަޖިލިހުން ރޭ ބަޔާނެއް ނެރުނެވެ. މި ބަޔާން ސިފަކުރިގޮތުގައި އިސްރާއީލުގެ މި ޢުދްވާނަކީ ވަރަށް ލާއިންސާނީ ޢުދްވާނެކެވެ. މި މަޖިލީހުން ބުނި ގޮތުގައި އަޤްޞާ އަށާއި މުސްލިމުންނަށް އިސްރާއީލުން މި ބަރަކާތްތެރި ރަމަޟާން މަހުގައި މި ދިން ޢުދްވާނަކީ މުސްލިމުންނަށާއި މުސްލިމުންގެ މުޤައްދަސާތުތަކަށް ދެވުނު ޢުދްވާނެކެވެ. އަދި އެއީ ބައިނަލްއަޤްވާމީ ޢުރުފަށާއި ދީނީ މުޤައްދަސާތުތަކުގެ ޙުރްމަތަށް ކުރި އިހާނެތިކަމެކެވެ. މި ޢުދްވާނަށް ރައްދު ދިނުމަށް ޓަކައި ޢަރަބި ޤައުމުތަކާއި އިސްލާމީ ޤައުމުތަކުގެ ބަރްލަމާނުތަކުން ބަޔާނެއް ނެރުމަށް ވެސް ފަލަސްޠީނުގެ ޤައުމީ މަޖިލީހުން އެދުނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *