ވޭތުވެ ދިޔަ ސައުވީސް ގަޑިއިރުގެ ތެރޭގައި ވެސް ކޮވިޑާ ބެހޭ އަދަދުތައް އިންޑިއާގައި އިތުރުވެއްޖެ ކަމަށް ޚަބަރު ލިބެއެވެ. ވޭތުވެ ދިޔަ 24 ގަޑިއިރަށް ބަލާއިރު ވެސް މި އަދަދުތައް ހުރީ ކަންބޮޑުވާ މިންވަރެއްގައެވެ.
ބުރާސްފަތި ދުވަހު އިންޑިއާގެ ޞިއްޙީ ވުޒާރާއިން ޢާންމުކުރި ތަފާސްހިސާބުތަކަށް ބަލާނަމަ، މި ދިޔަ 24 ގަޑިއިރުގެ ތެރޭގައި އިންޑިއާއިން 3،980 މީހުން ވަނީ ކޮވިޑް ޖެހިގެން މަރުވެފައެވެ. އަދި މުޅި ގައުމުން މަރުވި މީހުންގެ ޖުމުލަ، އޭރުން ދެ ލައްކަ ތިރީސްހާހަށްވުރެ މައްޗަށް އެރީއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ހަތަރު ލައްކަ ބާރަ ހާސް ދުއިސައްތަ ބާހައްޓި ވޭދަނަ އަލަށް ފެނިފައިވާ އިރު އިންޑިއާއިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ ޢަދަދު 21 މިލިއަނަށްވުރެ މައްޗަށް ދިޔައީއެވެ.
ތަޖުރިބާކާރުން ލަފާކުރަ ގޮތުގައި އިންޑިއާގައި ކޮވިޑްގެ ޙާލަތު މިހާ ނުރައްކާތެރި ފައްތަރަކަށް ދިޔައީ ޓެސްޓުކުރުމުގެ ފެންވަރު ދަށްވުމާއި ރެކޯޑު ބެލެހެއްޓުމުގެ ދޯދިޔާކަމުންނެވެ. ރަނގަޅަށް ޓެސްޓުކުރެވި ފުރިހަމައަށް ރެކޯޑް ބަލަހައްޓާނަމަ އިންޑިއާގެ ކޮވިޑްގެ ޙާލަތު މިހާރު ދައްކާ ވަރަށްވުރެ އެތައް ތަނެއް އިތުރުވާނެކަމަށް ވެސް ތަޖުރިބާކާރުން ލަފާކުރެއެވެ.
ނަމަވެސް ވޭތުވެ ދިޔަ ދުވަސްތަކުގެ ތެރޭގައި އެމެރިކާއިންނާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތާއި ރޫސީވިލާތާއި މި ނޫން ވެސް ކިތަންމެ ގައުމަކުން، އިންޑިއާއަށް ބޭނުންވާ ގިނަ ވަސީލަތްތައް ވަނީ ފޯރުކޮށްދީފައެވެ.
އިންޑިއާގައި ކޮވިޑްގެ ޙާލަތު ވަނީ ކޮންޓްރޯލުން ނެއްޓިފައެވެ. ހޮސްޕިޓާތައް ވަނީ ފުރިފައެވެ. މުސްލިމުންގެ އެހީތެރިކަމާއެކު މިސްކިތްތައް ވެސް ކޮވިޑް ވަސީލަތްތަކެއްގެ ގޮތުގައި ގެންދަނީ ބޭނުންކުރަމުންވެ.
ނޭވާލެއްވިތަކާއި ސިއްހީ އެހެންވަސީލަތްތައް މަދުވުމުގެ މައްސަލައާ އެ ގައުމަށް ކުރިމަތިވެފައިވާއިރު، އިންޑިއާގައި މި ބަލި ފެތުރިފައިވާލެއް ބޮޑުކަމާއި ކޮވިޑުގެ އާ ވައްތަރުތައް އެ ޤައުމުން ފެންނަމުންދާތީ މިހާރު ގިނަ ގައުމުތަކުގެ ސަރަހައްދީ ރޮނގުވަނީ އިންޑީއާއަށް ބަންދުކޮށްފައެވެ. ދާދި ފަހުން އަވަށްޓެރި ލަންކާއިން ވެސް ވަނީ އެ ގައުމުގެ ސަރަހައްދީ ރޮނގު، އިންޑިއާއަށް ބަންދުކޮށްފައެވެ. ދިވެހީން އެދެމުންދަނީ ދިވެހިރައްޔިތުންގެ ސަލާމަތަށް ޓަކައި އަދި އިންޑިއާއަށް ދިމާވެފައިވާ ހިތާމަވެރި ޙާލަތު މި ރާއްޖެއަށް ކުރިމަތިވުމުގެ ކުރީން މި ރާއްޖޭގެ ސަރަހައްދީ ރޮނގު އިންޑިއާ ފަދަ ކޮވިޑު ނުރައްކާތެރިކަމާއެކު ފެތުރެމުންދާ ގައުމުތަކަށް ވަގުތީ ގޮތުން ނަމަވެސް ބަންދުކޮށްލުމަށެވެ.



advertisment