އއ، ރަސްދޫގައި ހުރި އިންޑިއާގެ ފަތުރުވެރިއެއް ކޮވިޑްގައި މިއަދު މަރުވެއްޖެއެވެ. މިއީ ކޮވިޑްގައި ރާއްޖެއިން މަރުވި 77 ވަނަ މީހާއެވެ. އަދި 24 ގަޑިއިރު ތެރޭގައި މަރުވި ތިން ވަނަ މީހާއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރަސްދޫން މަރުވެފައި ވަނީ 61 އަހަރުގެ އިންޑިއާ ފިރިހެނެކެވެ.
ޅ. ނައިފަރު ހޮސްޕިޓަލްގައި ފަރުވާ ދެމުންދިޔަ 83 އަހަރުގެ ފިރިހެނެއް ކޮވިޑްގައި މިއަދު ވަނީ މަރުވެފައެވެ. އަދި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ އަންހެނެއް ވެސް ރޭ ވަނީ މަރިވެފައެވެ.
ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި 734 މީހުން ރާއްޖޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެކެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ މޭ 4 ގައި، 601 މީހުންނެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ޕޮޒިޓިވްވި 734 މީހުންގެ ތެރެއިން 540 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 186 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 1، ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.
އިއްޔެގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 32،665 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،473 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،109 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 198 މީހަކަށް ފަރުވާދެމުން އަންނައިރު 77 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.



advertisment