ވައިގެ މަގުން 3.4 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި އިނގިރޭސިވިލާތުގެ މީހެއް ފުލުހުންގެ ހައްޔަރުގައި ހުއްޓާ އަމިއްލަ އަށް މަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގުޅިގެން، ހުސްވި އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ 30 އަހަރުގެ ޔޫކޭ ފިރިހެނަކާއި 43 އަހަރުގެ ތައިލެންޑްގެ މީހެއް ކަމަށެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިގެންނެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 43 އަހަރުގެ މީހާއަށް 15 ދުވަސް އަދި 30 އަހަރުގެ މީހާއަށް ދެ މަސް ދުވަސް ވަނީ ދީފައެވެ. މީގެ ތެރެއިން 30 އަހަރުގެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެންދަނީ ކުރަމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.
އެ މީހާ މަރުވީ ކޮން ދުވަހަކު ކަމާއި ފުލުހުންގެ ބެލުމުގެ ދަށުގައި އޭނާ ހުރީ ކޮން ތާކު ކަމެއް ފުލުހުން ނުބުނެއެވެ.



advertisment
One Response
ރައްޔިތުން ޒިންމާވާންޖެހޭ މައްސަލައެއް. އިބުރާހިމް ސޯލިހު ހޮވީމަ