Support Us

ޤާނޫނުލްޢުޤޫބާތަށް 4 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވައިފި

ޤާނޫނުލްޢުޤޫބާތަށް ހަތަރު ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ އެޕްރީލް މަހުގެ 19 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

ޤާނޫނު ނަންބަރު 2014/9 ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް މި ގެނައި އިސްލާހުގައި ރިޝްވަތު ހުށަހެޅުމަކީ ކުށެއްކަމުގައި ކަނޑައަޅުއްވާ އެކުށް ސާބިތުވާނެ ހާލަތު ވަނީ ބަޔާންކޮށްދީފައެވެ. އަދި ރިޝްވަތުގެ ކުށަކީ، ޖިނާޔަތުގެ 3 ވަނަ ދަރަޖައިގެ ކުށެއްކަމުގައިވެސް މި ގެންނެވި އިޞްލާޙުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން މި ޤާނޫނަށް ގެންނެވި އިޞްލާޙުގައި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ޚިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅުއްވާފައިވެއެވެ. އަދި މިފަދަ ކުށެއްކުރިކަމުގައި ނިންމަވާ ހަމަތަކާއި އުޞޫލުތައްވެސް މި އިޞްލާޙުގައި ހިމެނިގެންވެއެވެ.

ޤާނޫނުލްޢުޤޫބާތަށް ހަތަރު ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަޞްދީޤު ކުރައްވާ މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޤާނޫނު ނަންބަރު 2000/2 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) އުވޭނެކަމުގައި މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް