މިރެއިން ފެށިގެން ރޭގަނޑު 9 ން ފަތިހު 4 އަށް މާލެ ސަރަހައްދުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުން ސަރުކާރުން މަނާކޮށްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން ބުނީ "ކޯވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށްވަނީ ނިންމާފައި" ކަމަށާއި "މި ވަގުތުތަކުގައި ހިނގާބިނގާވެ އުޅުމާއި ދުއްވާ އެއްޗެހި ދުއްވުމަކީ މަނާކަމެއް" ކަމަށެވެ. އަދި ޟަރޫރީ ބޭނުމަށާއި ޑެލިވަރީގެ ޚިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް ވެސް އެޗް.ޕީ.އޭ އިން ބުންޏެވެ.
މި ބަދަލުގެ ސަބަބުން، ރޯދަ މަހުގެ ފަހު ދިހައިގައި ހިނގައިފައި ދަމުނަމާދަށް މިސްކިތްތަކަށް ދިއުން ވެސް ވަނީ މަނާވެފައެވެ. ރޯދަ މަހުގެ ފަހުދިހައިގެ ރޭތައް ފެށުމާއެކު މާލޭގައި 14، ހުޅުމާލޭގައި ތިނެއް އަދި ވިލިމާލޭގައި އެއް މިސްކިތުގައި ވަނީ ދަމުނަމާދުކުރަން ފަށައިފައެވެ. އާއިލާއާއެކު ވަރަށް ގިނަ ބަޔަކު ހުޅުމާލެ އާއި މާލޭގެ މިސްކިތްތަކަށް ދަމުނަމާދަށް ދެއެވެ.
ދަމުނަމާދު ކުރަނީ ދަންވަރު 2 އިން ފެށިގެން 3:30 އަށެވެ.

އެޗް.ޕީ.އޭގެ އާންމު ވައިބަރ ގްރޫޕުގައި މިއަދު ދަންވަރު 12:41 ގައި އެހެން ބުނި ނަމަވެސް، އެކަމާ ގުޅިގެން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ގަރާރު ސަރުކާރު ގެޒެޓްގައި އޭރު ޝާއިއެއް ނުކުރެއެވެ.

ނިމިދިޔަ 24 ގަޑިއިރުގެ ތެރޭގައި 734 މީހުން ރާއްޖޭގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެކެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ މޭ 4 ގައި، 601 މީހުންނެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ޕޮޒިޓިވްވި 734 މީހުންގެ ތެރެއިން 540 މީހުން ތިބީ މާލޭ ސަރަހައްދުގައެވެ. އަދި 186 މީހުން ރަށްރަށުގައެވެ. އޭގެ އިތުރުން ސިނާއީ ރަށްތަކުގައި 1، ރިސޯޓުތަކުގައި 7 މީހުން އެބަތިއްބެވެ.
އިއްޔެގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 32،665 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،473 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 7،109 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 198 މީހަކަށް ފަރުވާދެމުން އަންނައިރު 74 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.



advertisment