Support Us

ކުޑަކުދިންގެ ހިޔާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ: އާކް

ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓަމުންދާ ވިލިމާލޭ "ކުޑަކުދިންގެ ހިޔާގެ" ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ދައުލަތުގެ ފަރާތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ ރާއްޖޭގެ އަމިއްލަ ޖަމާއަތަކުން ގޮވާލައިފިއެވެ.

"އެޑްވޮކޭޓިން ފޯދަ ރައިޓްސް އޮފް ދަ ޗައިލްޑް" ނުވަތަ "އާކް" އިން ނެރުނު ބަޔާނެއްގައި ބުނީ އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ 15 ވަރަކަށް ކުދިން މިވަގުތު ވެސް ދިރިއުޅެމުން އަންނަ "ކުޑަކުދިންގެ ހިޔާ"ގައި ދާދި ފަހުން އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އެ މަރުކަޒުގެ ފުރަތަމަ ފަންގިފިލާގައި ކުދިން ދިރިއުޅެން ހާއްސަ ކޮޓަރިއެއްގައި ކަމަށާއި އެ ނުރައްކާތެރި ހާދިސާގެ ސަބަބުން ތަނުގެ ފަރުނީޗަރާއި މުދަލާއި އެހެނިހެން ތަކެއްޗަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އާކް އިން ފާހަގަކޮށް، މި ހާދިސާ ރަނގަޅަށް ތަޙްޤީޤުކުރުމަށާއި މިފަދަ ހާދިސާތައް މުސްތަޤްބަލުގައި ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެ މަރުކަޒުގެ އަލިފާނާ ގުޅުން ހުރި ސަލާމަތީ ކަންކަމުގެ އޮޑިޓްއެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކް އިން ވަނީ ގޮވާލައިފައެވެ.

"މި ދެރަ ހާދިސާ ހިނގާފައި މިވަނީ، މިފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގައި އެތައް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ދުވަސްވަރެއްގައި ކަމަށާއި، މިކަންކަން ކުރިމަތިވަނީ މަރުކަޒަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާހުރެކަން އާކް އިން ފާހަގަކުރަމެވެ. މީގެ ތެރޭގައި ހަރުދަނާ ގޮތެއްގައި މަރުކަޒު ހިންގުމުގައި ހުރި މައްސަލަތަކަކާއި އެކަށީގެންވާ ގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅާނުލެވުން ފަދަ މައްސަލަތައް ހުރިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މި މައްސަލަތައް ވަނީ އިތުރުވެފައެވެ. އަދި މި ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން އާކް އިން ވަނީ ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައެވެ." އާކުން ނެރުނު ބަޔާނެއްގައިވެއެވެ.

"އާކް އިން ޤަބޫލުކުރާ ގޮތުގައި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރި މާހައުލެއް ޤާއިމްކޮށްދިނުމަށްޓަކައި މިފަދަ މަރުކަޒުތަކުގެ ހުރިހާ މުވައްޒަފުންނާއި ކުދިން ބަހަލައްޓާ މަސައްކަތްތެރިންނަށް 'ފަޔަރ ސޭފްޓީ' ނުވަތަ އަލިފާނުގެ ހާދިސާތަކުން ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ތަމްރީންތައް ދިނުމަކީ ކޮންމެހެންވެސް ކުރަން މުހިންމު ކަމެކެވެ. އަދި އަލިފާން ނިންވަން ބޭނުންކުރާ ތަކެއްޗާއި ވަސީލަތްތައް ގަވާއިދުން މަރުކަރުޒުކުގައި ބެލެހެއްޓުމަކީވެސް އަހަމިއްޔަތު ދޭންޖެހޭ ކަމެކެވެ. އެގޮތުން މިކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި، ކުދިންނަށް ބޭނުންވާ އެކި ކަހަލަ ތަމްރީންތަކާއި މުނިފޫހިފިލުވުމުގެ 'ރެކްރިއޭޝަނަލް' ޕްރޮގްރާމްތަކުގެ އިތުރުން މަރުކަޒުތަކުގެ މުވައްޒަފުންގެ ޚިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި 'ފަޔަރ ސޭފްޓީ އެވެއަރނަސް’، 'ފަސްޓް އެއިޑް’، 'އެމަރޖެންސީ ޕްރިޕެއަރޑްނަސް' އަދި 'މެޑިކަލް ފަސްޓް ރެސްޕޮންސް' ފަދަ ދާއިރާތަކުން ގިނަ ތަމްރީން ޕްރޮގްރާމްތަކެއް އާރކް އިން 2010 ވަނަ އަހަރުން ފެށިގެން ހިންގާފައިވާއިރު، ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުމާއެކު މުސްތަޤްބަލުގައިވެސް މިފަދަ ޕްރޮގްރާމްތައް އިންތިޒާމްކޮށް ދައުލަތުގެ ކުދިން ބަލަހައްޓާ މަރުކަޒުތައް ހަރުދަނާކުރުމަށް އާކް އިން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށްހުރިކަން ފާހަގަކުރަމެވެ."

ކުޑަކުދިންގެ ހިޔާ ބަލަހައްޓާ ޖެންޑަރ މިނިސްޓްރީގެ ފަރާތުން، މި ބަޔާނާ ގުޅިގެން އަދި ވަކި އެއްޗެއް ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް