1. ރޯދަވެރިޔާއަށް ރޯދައިގެ ސަބަބުން ލިބޭ ހައިހޫނުކަން ފިލުވުމަށްޓަކައި ނުވަތަ ކުޑަކުރުމަށްޓަކައި މި ޒަމާނުގައި އުފައްދާފައިވާ ބަޑުގައި ތަތްކުރާ އެއްޗެހި ބޭނުންކުރުމުގެ ޙުކްމަކީ ކޮބާ؟
ޖ- ޑރ.ޤަރްޟާވީ ވިދާޅުވާ ގޮތުގައި މިތަތްކުރާ ބޭސް ބޭނުންކުރުމަކީ މަކްރޫހަ ކަމެކެވެ. އެއީ ރޯދައިގެ ޙިކްމަތާ އަރާރުންވާ ކަމަކަށް ވާތީއެވެ.
2. ދަތް އުފުރުން
ޖ- ރޯދަވެރިޔާ ދަތް އުފުރުމުން އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ.
3. ރޯދަވެރިޔާ ދަތަށް ފުޓުނި އެޅުން
ޖ- ދަތަށް ފުޓުނި އެޅުމުން ރޯދައެއް ނުގެއްލޭނެއެވެ.
5. ދަތުރުވެރިޔާ ރޯދަހިފުން
ޖ- ގިނަ ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ދަތުރުވެރިޔާއަށް ރަނގަޅީ ބުރަކަމަކަށް ނުވާނަމަ ރޯދަހިފުމެވެ. އެކަމަކު އިމާމު އަޙްމަދު ވިދާޅުވާ ގޮތުގައި ދަތުރުވެރިޔާއަށް ރަނގަޅީ ރޯދަ ނުހިފުމެވެ.
6. ރޯދައަށް ހުރެފައި ދަތުރު ފަށާމީހާގެ ރޯދަ
ޖ- ގިނަ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ފަތިސްވުމުގެ ފަހުން ދަތުރުފަށާ ރޯދަވެރިޔާ އެދުވަހުގެ ރޯދަ ފުރިހަމަކުރަން ޖެހޭނެއެވެ. އޭނާއަށް އެދުވަހު ރޯދަ ހިފުން ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ.
7. ފަތިސް ނުވާކަމަށް ހީކޮށް ހާރު ކެއި ފަހުން ފަތިސްވެއްޖެކަން އެނގުން
ޖ- ސުންނަތް މަޛްހަބުތައް ބުނާގޮތުގައި އޭނާގެ އެދުވަހުގެ ރޯދަ ޞައްޙައެއް ނުވާނެއެވެ. އެކަމަކު އެދުވަހު ގަސްތުގައި ރޯދަނުހިފި މީހަކަށް އޭނާއެއް ނުވާނެއެވެ. އިބްނު ޙަޒްމު ވިދާޅުވާ ގޮތުގައި އޭނާގެ ރޯދަ ޞައްޙަވާނެއެވެ. މި ޒަމާނުގެ ވަރަށް ގިނަ ޢިލްމުވެރިން އޭނާގެ ރޯދަ ޞައްޙަވާނެ ކަމަށް ވިދާޅުވެއެވެ. މިބޭފުޅުންގެ ތެރޭގައި ޑރ. ޤަރްޟާވީ ހިމެނިވަޑައިގަންނަވައެވެ.
8. އިރުއޮއްސުމުން ރަނގަޅީ ރޯދަވީއްލުން އަވަސްކުރުންތޯ ނުވަތަ މަޣްރިބު ނަމާދުކުރުން އަވަސް ކުރުންތޯ؟
ޖ- އިރުއޮއްސުމުން ރޯދަވީއްލުން އަވަސްކުރުމަކީ ސުންނަތަކަށްވާތީ ރަނގަޅުގޮތަކީ ލުއި އެއްޗަކުން ރޯދަވީއްލައިފާ މަޣްރިބު ނަމާދުކުރުމެވެ. އެއަށްފަހު ރޯދަވީއްލުމުގެ ބާކީ ބައި ކުރިއަށް ގެންދިޔުމެވެ. ރަސޫލުﷲގެފާނު ޢަމަލު ކުރައްވާފައިވަނީ މިގޮތަށެވެ.
9. އިމްތިޙާނާއި ރޯދަ
ޖ- އަހަރު ފަހު އިމްތިޙާނާ ނުވަތަ އޯލެވެލް އިމްތިޙާނާ ރަމަޟާންމަހާ ދިމާވުމުން ރޯދައަށްހުރެ ފިލާވަޅު ދަސްކޮށް އިމްތިޙާނު ހަދަން ބުރަވާ ދަރިވަރަށް ރޯދަހިފުން ދޫކޮށްލުން ހުއްދަނުވާނެ ކަމަށް ދަންނަބޭކަލުން އެއްބަސްވެވަޑައިގަންނަވައެވެ. އެހެނީ އިމްތިޙާނަކީ ރޯދަހިފުން ދޫކޮށްލުން ހުއްދަވާ ޢުޛްރުތަކުގެ ތެރޭގައި ހިމެނޭ ކަމެއްނޫނެވެ.
10. ފާރޮށިފިހާ އުނދުނެއް ކައިރީގައި ދުވާލު މަސައްކަތް ކުރަންޖެހޭ މީހާ ރޯދަނުހިފުން
ޖ- ފާރޮށިފިހާ އުދުނެއް ކައިރީގައި ދުވާލު މަސައްކަތް ކުރަން ޖެހޭ މީހާއަށް ރޯދަ ދޫކޮށްލުން ހުއްދަވެގެން ނުވެއެވެ. އެއީ ރޯދަހިފުން ދޫކޮށްލުން ހުއްދަވާ ޢުޛްރުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށް ނުވާތީއެވެ.
11. ޓެކްސީ ޑްރައިވަރުންގެ ރޯދަ
ޖ- ޓެކްސީޑްރައިވަރުން ޓެކްސީކުރަނީ ވަކި ރަށެއްގައި ކަމުގައިވާނަމަ (މިސާލަކަށް މާލޭގައި ނަމަ) އެއީ ދަތުރުވެރީންނެއް ނޫނެވެ. އެހެންކަމުން އެމީހުންނަށް ނަމާދު ޤަޞްރުކުރުމެއް އަދި ރޯދަހިފުން ދޫކޮށްލުން ހުއްދައެއް ނުވާނެއެވެ. އެކަމަކު އޭނާ ޤަޞްރުގެ މަސާފަތުގެ ދިގު ދަތުރެއް (ގާތްގަނޑަކަށް 81 ކީލޯ) ކުރާނަމަ އޭނާއަށް ދަތުރުވެރިއަކާ އެއްގޮތަށް ޢަމަލު ކުރެވިދާނެއެވެ.
12. ކައްކާއިރު ބުރާ ދުމާއި ކައްކާ އެއްޗެހީގެވަސް ރޯދަވެރިޔާގެ ހަށިގަނޑު ތެރެއަށް ދިޔުން
ޖ- ކައްކާއިރު ބުރާ ދުމާއި ކައްކާ އެއްޗެހީގެ ވަހާއި މަގުމަތީގައި ހިނގާއިރު ކަރުތެރެއަށް ވަންނަ ހިރަފުސް ފަދަ ރައްކައުތެރިވުން ބުރަ އުދަނގޫ އެއްޗެހީގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ.
13. ރޯދަވެރިޔާ އައިވީ ޖެހުން
ހ- އައިވީ ޖެހީ ރޯދައިގެ ސަބަބުން ލިބޭ ވަރުބަލިކަން ކުޑަކުރުމަށްޓަކައި ކަމުގައި ވާނަމަ އޭނާގެ ރޯދަ މަކްރޫހަވާނެއެވެ.
ށ- އައިވީ ޖެހީ ބަނޑުހައިހޫނުކަން ނުވަތަ ކަރުހިއްކުން ފިލުވުމަށްޓަކައިނަމަ އޭނާގެ ރޯދަ ގެއްލޭނެއެވެ.
ނ- އައިވީ ޖެހީ ކޮންމެހެން ބޭނުންވެގެން ބޭސް ފަރުވާއަކަށްނަމަ ރޯދައެއް ނުގެއްލޭނެއެވެ.
14. ރޯދަމަހު ދުވާލު ވުޟޫކުރާއިރު އަނގަޔަށް ފެންލުން
ޖ- ރޯދަވެރިޔާ ވުޟޫކުރާއިރު އަނގަދޮވުމަށްޓަކައި ފެންލުމަކުން ރޯދައެއް ނުގެއްލޭނެއެވެ. އެކަމަކު މިކަން ކުރަންވާނީ ވަރަށް ރައްކައުތެރި ކަމާއެކު އެތެރެހަށްޓަށް ފެންނުދާ ގޮތަށެވެ. އެތެރެހަށްޓަށް ފެން ހިނގައްޖެނަމަ ރޯދަ ގެއްލިދާނެތީއެވެ.
15. ރޯދަވެރިޔާ ބަލިމީހަކަށް ލޭދިނުން
ޖ- ރޯދަވެރިޔާ ދުވާލުގެ ވަގުތެއްގައި ވެސް ބަލިމީހަކަށް ނުވަތަ ލޭ ބޭންކަކަށް ލޭ ހަދިޔާ ކުރުމުން އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ.
16. ހާރުކައިގެން ބޯ ސިނގިރެޓްގެ ރަހަ ހެނދުނު ހޭލާއިރު އަނގަތެރޭގައި ހުރުން
ޖ- ސިނގިރެޓްގެ ރަހަ ހެނދުނު ހޭލާއިރު އަނގައިގައި ހުއްޓަސް އޭނާގެ ރޯދައެއް ނުގެއްލޭނެއެވެ. ރަނގަޅުގޮތަކީ ރޭގަނޑު ސިނގިރެޓް ބޮއިފާ ރަނގަޅަށް ދަތްއުނގުޅައި ވަސްނުދުވާ ވަރަށް ސާފުކޮށްގެން ހުރެ ރޯދަ ހިފުމެވެ.
17. ރޯދަވެރިޔާ އަނދުން އެޅުން
ޖ- ރޯދަވެރިޔާ އަނދުން އެޅުމުގެ ސަބަބުން ރޯދައެއް ނުގެއްލޭނެއެވެ. މި އަނދުނުގެ ކުލަ ކުޅުގައި ހުއްޓަސް މަސްއަލައެއް ނެތެވެ.
18. ރޯދަވެރިޔާ ތުންފަތް ރަތްކުރާ ބޭސް ބޭނުންކުރުން
ޖ- ރޯދަވެރިޔާ ތުންފަތް ރަތްކުރާބޭސް (ނުވަތަ ލިޕްސްޓިކް) ބޭނުންކުރުމުން ރޯދައެއް ނުގެއްލޭނެއެވެ. އެއީ އަނގައިން ބޭރުގައި ހިމެނޭ ސަރަޙައްދަކަށް ތުންފަތް ވާތީއެވެ. ތުންފަތުގައި އުނގުޅާ އެތީގައި ރަހައެއްލާނަމަ މި ރަހަ އަނގަތެރެއަށް ދިޔަދީގެން ނުވާނެއެވެ.
19. ދުފުމުގެ ސަބަބުން ދެދަތް ދޭތެރޭގައި ހަރުލައިފާ ހުންނަ ފޯއްކޮޅުކޮޅުގެ މަސްއަލަ
ޖ- ދެދަތް ދޭތެރޭ ހަރުލައިފާ ހުންނަ ކާއެތިކޮޅުކޮޅު ފަދަ ތަކެތި ހަރުލައިފައި ހުރުމުން ރޯދަ ގެއްލޭނީ އެއިން އެތިކޮޅެއް ގަސްތުގައި ދިރުވައި ލުމުންނެވެ. ނުވަތަ އެއިން ނުކުންނަ ރަހަ އެތެރެއަށް ދާނަމައެވެ. ރަނގަޅުގޮތަކީ ރޭގަނޑު ކައިގެން ނުވަތަ ދުފައިގެން ރަނގަޅަށް ދަތްއުނގުޅައި، ދަތްކޮށްޓާ، އަނގަތެރެ ސާފުކުރުމެވެ.
20. އަމިއްލަ ރަށުގައި ރަމަޟާންމަހު ރޯދަހިފަންޖެހޭ ވަގުތު ދިގުކަމުން (ދުވާލު ދިގުކަމުން) ރޯދަ ހިފަންޖެހޭ ވަގުތު ކުރު ރަށަކަށް (ދުވާލު ކުރު ރަށަކަށް) ދިޔުން:
ޖ- ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ކުޅަދާނަވެގެންވާ މީހާ މިގޮތަށް ޢަމަލުކުރުމުގައި މަސްއަލައެއް ނެތެވެ. އަދި ހީވާގިކަމާއެކު ރޯދަހިފުމަށްޓަކައި މިއީ ރަނގަޅުވެސް ކަމެކެވެ.




advertisment