ވަގަށް ނަގައިފައިވާ އުވަދޯންޏެއް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:
- އެޕްރީލް 28 ވަނަ ދުވަހު ބޮޑުރަސްގެފާނު މަގު ކައިލާން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުލަފާޓާއެއް. އިންސިޑެންޓް ނަންބަރު 485722
- މެއި 2 ވަނަ ދުވަހު ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ދެ ފައިވާން. އިންސިޑެންޓް ނަންބަރު 486038
- މެއި 3 ވަނަ ދުވަހު ސޯސަންމަގު ސިޓީ ބޭކަރީ ކައިރިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 1700 ރުފިޔާ. އިންސިޑެންޓް ނަންބަރު 486162
- މެއި 3 ވަނަ ދުވަހު ރަށްދެބައި މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގަޑިއެއް. އިންސިޑެންޓް ނަންބަރު 486105
- މެއި 3 ވަނަ ދުވަހު ދޮންއަނދަރާދަ ހިނގުން، އެންޒީ ބޭކަރީ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އުވަދޯންޏެއް. އިންސިޑެންޓް ނަންބަރު 486161
- މެއި 3 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންސްޓްރަކްޝަން ބިޑި ގޯންޏަކާ 1 ރެންޗު. އިންސިޑެންޓް ނަންބަރު 486139
- މެއި 4 ވަނަ ދުވަހު ނީލަންފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 1 ރެންޗު، 1 ޓެސްޓަރ، 1 ޕްލަސް ކަށިގަނޑު، 6 ބުރުމާކަށި، 1 ވަޑާންކަށި، 1 ގްރޭންޑަރ ބުރު، 1 އަބު، 1 ސޮކެޓު. އިންސިޑެންޓް ނަންބަރު 486193
"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.



advertisment