ދަރީން ގާތުގައި މައިންބަފައިން ބުނެ އުޅޭ ހަރުބަހަކީ "ބައްޕަ ބުނާ ކަމެއް ދަރިފުޅު ކުރާށެވެ! ބައްޕަ ކުރާކަމެއް ދަރިފުޅު ނުކުރާށެވެ!"
ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް (ނުވަތަ އަބޫ މާޒިން) އަށް ބަލާއިރު ތޫނިސްގެ މަޝްހޫރު ސިޔާސީ ޒަޢީމު ޙަބީބު ބޫ ރަޤީބާ ދެއްވާފައިވާ ނަސޭހަތަކީ އިސްރާއީލާއެކު މުޢާމަލާތު ކުރައްވާއިރު އެމީހުން "އަރުވާ އެއްޗެއްގައި ހިއްޕަވާށެވެ! ވާހަކަދެއްކެވުން ހުއްޓާ ނުލައްވާށެވެ!" މި ނަސޭހަތާ އެއްގޮތަށް މަޙްމޫދު ޢައްބާސް ޢަމަލު ކުރައްވަމުން ގެންދަވާފައިވާ ތަނެއް ނުފެނެއެވެ.
ބުއްދިވެރި ސިޔާސީ މާހިރު ޙަބީބު ބޫ ރަޤީބާގެ ސިޔާސީ ޙަޔާތްޕުޅު ނިމިގެން ދިޔައީ އޭނާއާ ދެކޮޅަށް އިންޤިލާބެއް ގެނެވި ވެރިކަމުން ޢަޒްލުކުރެވި ގޭބަންދުގައި ހުންނަވަނިކޮށްނެވެ. އެއީ އޭނާއަށް ސިޔާސީ މަސްރަޙުން ފައިބާވަޑައިގަންނަވަންވީ ރަނގަޅު ވަގުތު އެނގިވަޑައނުގެންނެވުމުގެ ސަބަބުންނެވެ.
މަޙްމޫދު ޢައްބާސް، ބޫރަޤީބާގެ ނަސޭޙަތުގައި ހިއްޕަވައިގެން އިސްރާއީލާއެކު ވާހަކަ ދެއްކުންތައް ކުރިއަކަށް ނުގެންދެވިއެވެ. އޭނާ ވެސް ޢަމަލު ކުރެއްވީ ބޫރަޤީބާ ޢަމަލު ކުރެއްވިފަދަ ގޮތަކަށެވެ. މަސްރަޙުން ފައިބާވަޑައިގަންނަވަންވީ ވަގުތު އެނގިވަޑައެއް ނުގެންނެވިއެވެ. ރައީސް ޓްރަމްޕްގެ "ސައްތައިގެ ޑީލް"އަށް ނޫނެކޭ ވިދާޅުވެ މަޙްމޫދު ޢައްބާސް ގޮވައިލެއްވީ ޢާއްމު އިންތިޚާބަކަށެވެ. މި ޑީލާ ދެކޮޅު ހައްދަވާ ޢައްބާސް ގޮވައިލެއްވީ ފަލަސްޠީނު އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އައު ފިޔަވައްސެއް ފެށުމަށެވެ. އެ ދުވަހު މަޙްމޫދު ޢައްބާސް ވިދާޅުވިއެވެ. "އެއްގަލަކަށް އެރުމަށްޓަކައި އަހުރެމެން ކުދިކުދި ދެބަސްވުންތައް އެއްފަރާތަކަށް ލާނަމެވެ. އަހުރެމެން އެއްގަލަކަށް އަރައިފިނަމަ މުޅި ދުނިޔެ އަހުރެމެންނާ އެއްކޮޅަށް އަރާނެއެވެ. މުޅި ދުނިޔެ އަހަރެމެންނަށް ސެލިއުޓް ކުރާނެއެވެ." ނަމަވެސް ދުނިޔެ މިކަމާ އަޅައިލި ތަނެއް ނުފެނުނެވެ. ޤުދުސްގައި އިންތިޚާބު ބޭއްވުމަށް ޓަކައި އިސްރާއީލަށް ފިއްތި ތަނެއް ނުފެނުނެވެ. މަޙްމޫދު ޢައްބާސަށް ޖެހިވަޑައިގަތީ އިންތިޚާބުތައް ފަސްކުރައްވާށެވެ. ފަލަސްޠީނުގެ ސިޔާސީ ހުރިހާ ފަރާތްތަކަކުންނާއި ފަލަސްޠީނުގެ ޢާއްމު ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖްތަމަޢުވެސް ގޮވާލަނީ މި އިންތިޚާބު ކަނޑައެޅިފައިވާ ތާރީޚުގައި ބޭއްވުމަށެވެ. މި ކަމުގެ ސަބަބުން މަޙްމޫދު ޢައްބާސް މި ވަނީ "ވެރިކަމުގެ ޤާނޫނިއްޔަތު"ގެ ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިވަޑައިގެންފައެވެ. އަދި 2006 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފަލަސްޠީނުގެ އިންތިޚާބު ނުބޭއްވުނީ ޙަމާސާ ހެދި ކަމަށް ތުހްމަތު ކުރެވުނެވެ.
މުޙައްލިލުންނާއި ދާރިސުން ވިދާޅުވާ ގޮތުގައި އަބޫ މާޒިނަށް އެޅުއްވުނު ޅަ އެއްޗެހި ވަރަށް ގިނައެވެ. ކޯވިޑް–19ގެ ޖާއިޙާގެ ތެރޭގައި މި އިންތިޚާބު ބާއްވަން އުޅުއްވުމަކީ އެޅުއްވުނު އެންމެ ބޮޑު ޅައެއްޗެވެ. ދެވަނަ ޅައެއްޗަކީ ބައިނަލްއަޤްވާމީ މިޒާޖު ދެނެގަތުމުގައި އެޅުއްވުނު ޅައެއްޗެވެ. އަބޫ މާޒިން ވިދާޅުވި ގޮތަށް "ދުނިޔެ ތެދުވެ" އޭނާއަށް "ސެލިއުޓެއް" ނުކުރިއެވެ. ސަބަބަކީ ފަލަސްޠީނުގެ ސިޔާސީންނަށް "ސިޔާސަތު" ދެނެގަންނަން ނޭނގުމެވެ. އޭގެ ބަދަލުގައި "ޖަޒްބާތު" އަށް ތަބާވުމެވެ. ލީކްވެފައިވާ އޯޑިއޯ ޓޭޕްގައި އައިސްފައި ވެއެވެ. "ރޫސީ އުޚްތުގެ މައްޗަށް ޗައިނާ އުޚްތު އޮންނާނެއެވެ. އެ ދެ ފަރާތާއެކު އެމެރިކާ އަންނާނެތެވެ. އެއަށްފަހު ޢަރަބިން ތިބޭނެއެވެ." އިސްރާއީލާ ބެހޭގޮތުން އެންމެ އަކުރެއްވެސް ވިދާޅެއް ނުވެއެވެ. އެކަމަކު އެންމެން ވެސް ޤަބޫލުކުރާ ގޮތުގައި ފަލަސްޠީނުގެ މަސްރަޙުގައި ނަގާކިޔަނީ އިސްރާއީލެވެ. މި ފަހަރު އިންތިޚާބު ނުބޭއްވުނީ އިސްރާއީލުން އިރުމަތީ ޤުދުސްގައި އިންތިޚާބު ބޭއްވުމަށް ހުރަސްއެޅުމުންނެވެ.
ޢައްބާސް ވިދާޅުވިގޮތަށް "ދުނިޔެ" ފަލަސްޠީނު މީހުންނަށް "އިޙްތިރާމު" ކުރުމަށް ޓަކައި ނުތެދުވިއެވެ. އަނެއްކޮޅުން ބަލާއިރު ޢައްބާސް ވަނީ އެމެރިކާގެ ޚާރިޖީ ވަޒީރު ބްލިންކެންގެ ފޯނު ކޯލަކަށް އިޖާބަ ދެއްވުމާ ދެކޮޅުހައްދަވައިފައެވެ. ޢައްބާސް ވިދާޅުވި ގޮތުގައި އޭނާ ޖަވާބު ދެއްވާނީ ރައީސް ބައިޑްންގެ ފޯން ކޯލަށެވެ. ޕްރޮޓްކޯލުގެ މިންގަނޑުގައި އޮތީ މި ގޮތެވެ. މުޙައްލިލުން ވިދާޅުވާ ގޮތުގައި މިއީ ސިޔާސީ ދުރުމިން ބަލާއިރު ވަރަށް ކަތި ފިޔަވަޅެކެވެ. ސިޔާސަތަކީ އަތުޖެހޭ އެއްޗެއްގައި ހިފުމެވެ. މުޢާވިޔަތުގެފާނު ވިދާޅުވި ފަދައިން "އިސްތަށްޓެއްގެ މިންވަރަށް ގުޅުން ހިމަވެގެން ދިޔަސް މި އިސްތަށި ކަނޑައިނުލައްވާ ހިފަހައްޓަވާނަމެވެ." އީރާނުގެ ނިޔުކްލިއަރ ފައިލްގެ މަސްއަލައިގައި އިސްރާއީލުން އެމެރިކާއާއެކު މުޢާމަލާތު ކުރަމުންދާ ގޮތަށް ފަލަސްޠީނު މީހުން ނުބަލަނީ ބާވައެވެ. ތައްލު އަބީބާއި ވޮޝިންގްޓަންގެ ޚިޔާލު ދިމާ އިދިކޮޅެވެ. އެހެނަސް ތައްލު އަބީބުން ވޮޝިންގްޓަނަށް ފުރަގަހެއް ނުދެއެވެ. ތައްލު އަބީބުން މަސައްކަތް ކުރަމުންދަނީ އެމީހުންގެ ވާހަކަތައް ވޮޝިންގްޓަނަށް އިއްވޭތޯއެވެ.



advertisment