ލަދުކަމެއް ނޫން ލޯބި ވަންޏާ ލޯބިވާ ވާހަކަ ބުނުން
މަދުކަމެއް ނޫނޭ ދެ ޖިންސުންވެސް އެވާހަކަ ހުށައެޅުން
ނުބުނެ ހިތުގައި ފޮރުވުމުން ކިހިނެއް އެނގޭނީ ސާފުކޮށް
ނުރުހުމާ ރުހުމާ އެނގޭނީ ސާފުކޮށް ބުނެދޭ ގޮތުން
ހަރުބަހެއް މީހުން ބުނާ "ލަދަކާއިހެދި ނުފިލާ ތަދެއް"
މަޑުމަޑުން ވެސް "ލޯބިވާއޭ" ބުނެލިނަމައީ ތިޔަ ދުލުން
ދަޢުވަތެއް ދިންނަމަ އެނގޭނޭ ދެން ފަހުން ވާނޭގޮތެއް
ދަޢުވަތަށް ޙާޒިރުވިނަމަ ފުރުސަތު އެލިބުނީ އެއް ތަނުން
ނުބުނެ ބައްދަލުނުވެ ކޮބައިތޯ ބޭނުމެއް ހިތްދަތިކުރަން
ބުނެލިނަމައީ ރަނގަޅުވީސް ފޯނުން ގުޅައިގެން ކޯލަކުން
ވިހި އަހަރު ވީއިރު ނުބުނެހުރެ ސިއްރުކޮށްގެން ވީގޮތުން
"ފިރިޔަކަށްވެސް ނުވެ" މިދުނިޔޭން އެންމެފަހުގެ އައިނިމުން
އަދު ނެތޭދެން ފުރުސަތެއް އިތުރަށް ލިބޭކަށް މިކަމަކުން،
ވަޅުލެވިއްޖޭ ޤަބުރުގައި ފެންނާނި ދެން ސަޙަރާޔަކުން
