ތަޤްވާވެރި ވެވިއްޖެނަމަ އޭނާގެ ޟަމީރު ވާނީ ހޭލުންތެރި ދިރިހުރި އެއްޗަކަށެވެ. އޭނާގެ ނަފްސުވާނީ ސާފު އެއްޗަކަށެވެ. އޭނާގެ އިޙްސާސްތައް ވާނީ އޯގާވެރި، ނިޔަނެތި އެއްޗަކަށެވެ. އޭނާގެ ހިތްވާނީ ނީހައެއްނެތް ސާފު އެއްޗަކަށެވެ. އޭނާވާނީ ޚުލްޤު ރަނގަޅު މީހަކަށެވެ. އޭނާއާ އޭނާގެ މުޖްތަމަޢާ ދެމެދުގައި އޮންނާނީ އެކުލެވުމާއި ލޯތްބާއި އީޘާރެވެ. ބައިވެރިވުމާއި އެއްބާރުލުމެވެ.
މާތްﷲ ރޯދައިގެ މޭވާ ބަޔާން ކޮށްދެއްވަމުން ވަޙީކުރެއްވިއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ [1]– އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީސްތަކުންގެ މައްޗަށް ރޯދަ ފަރްޟުކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ރޯދަ ފަރްޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤްވާވެރިވުމަށް ޓަކައެވެ.))
މާތްﷲ މި އާޔަތުގައި މުޚާޠަބު ކުރައްވަނީ އެކަލާނގެއަށް އީމާންވި މީހުންނަށެވެ. މިފަދަ ބަސްފުޅުތަކުން މާތްﷲ އެކަލާނގެ އަޅުންނަށް ގޮވާލައްވަނީ އެބައިމީހުންގެ ސަމާލުކަން އެކަލާނގެ އަންގަވާ އެއްޗަކަށް ދިނުމަށް އެމީހުން ސަމާލުކުރުވުމަށް ޓަކައެވެ. އެއަށްފަހު ދެން އަންގަވަނީ ރޯދަ ފަރްޟުކުރެއްވި ވާހަކައެވެ. އެކަމަކު މިއީ އާކަމެއް ނޫނެވެ. މާތްﷲ އިސްލާމީ އުއްމަތުގެ ކުރީގެ އުއްމަތަކަށްވެސް ރޯދަ ފަރްޟުކުރައްވާފައި ވެއެވެ. ދެން އަންގަވަނީ މި ފަރްޟުގެ މަޤްޞަދެވެ. އެމީހުންގެ ހިތްތައް ތަޤްވާވެރިކަމަށް ތައްޔާރު ކުރެއްވުމެވެ. މާތްﷲ ދެކެ ބިރުގަންނަ ބަޔަކު ކަމުގައި ލެއްވުމަށް ޓަކައެވެ.
މާތްﷲއަށް އީމާންވާ މީހުން މިފަރްޟު (އަދި އެހެނިހެންވެސް ފަރްޟުތައް ވެސް) އަދާކުރާނީ މާތްﷲގެ ބަސްފުޅަށް ކިޔަމަން ގަތުމުގެ ގޮތުންނެވެ. އުރެދުންތަކުން ރޯދަވެރިޔާގެ ރޯދަ ފާސިދުވުމާ ދުރުހެލިކޮށްދޭ އެއްޗަކީ ތަޤްވާވެރި ކަމެވެ.
ރޯދަޔަކީ ރޯދަވެރިޔާއާ ކުރިމަތިކުރެވޭ ޢަމަލީ ތަޖްރިބާއެކެވެ. ރޯދަ ވެރިޔާއަށް އޭނާގެ އެދުންތަކާއި ޝަހަވާތްތަކުގެ ކުރިމަތީގައި އެކަންތައްތަކާ ދެކޮޅަށް ކުރަންޖެހޭ އިމްތިޙާނެކެވެ. ރޯދަވެރިޔާ މިކަންތައްތަކާ ދުރުހެލިވަނީ މާތްﷲ އަންގަވައިގެން އެކަލާނގެއަށް ކިޔަމަން ގަތުމަށްޓަކައެވެ.
މާތްﷲ ރުއްސުންލެއްވި އުއްމު ހާނީގެ އަރިހުން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((إن أمّتِي لن تُخزى ما أقاموا شهرَ رمضانَ فقال رجلٌ: يا رسولَ اللهِ ما خزيُهم في إضاعةِ شهرِ رمضانَ؟ قال: انتهاكُ المحارمِ فيهِ من عملَ شبيهَ زنى أو شربَ خمرا لم يتقبّل اللهُ منهُ ولعنهُ اللهُ والملائكةُ والسمواتُ إلى مثلهِ من الحولِ، فإن ماتَ قبلَ أن يدركَ شهرَ رمضانَ فليسَ له عندَ الله حسنةٌ يتّقِي بها، ألا فاتّقُوا شهرَ رمضانَ فإن الحسناتِ تُضاعفُ فيهِ ما لا تُضاعفُ فيما سواهُ وكذلكَ السيئاتُ [2]– ހަމަކަށަވަރުން ތިމަން ކަލޭގެފާނުގެ އުއްމަތް ރަމަޟާން މަހު ރޯދަ ހިފާނަމަ [ޚިޒްޔު] ވެގެން ނުދާނެއެވެ. މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. ރަމަޟާން މަސް ނަގައިލުމުގައި އެމީހުންގެ ޚިޒްޔަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އެއީ ރާބުއިމާއި ޒިނޭކުރުންފަދަ ﷲ ޙަރާމުކުރައްވާފައިވާ ކަންތައްތަކަށް އެ މަހުގައި އަރައިގަތުމެވެ.އެމީހުންގެ ޢަމަލުތައް ﷲ ޤަބޫލު ނުކުރައްވާނެތެވެ. މާތްﷲއާއި މަލާއިކަތުން އެމީހުންނަށް ލަޢުނަތް ލައްވާނެއެވެ. އަދި އުޑުތަކުގައި އުޅޭހާ ބަޔަކުވެސް އެމީހުންނަށް ލަޢުނަތް ލާނެއެވެ. މިލަޢުނަތް އަނެއް އަހަރާ ހަމައަށް ދެމިގެން ދާނެއެވެ. އަނެއް ރަމަޟާން އައުމުގެ ކުރިން އެ މީހާ މަރުވެއްޖެނަމަ އޭނާ ނަރަކައިން ރައްކައުތެރިކޮށްދޭނެ ހެޔޮކަމެއް އޭނާއަށް ﷲގެ ޙަޟްރަތުގައި ލިބިގެން ނުވާނެއެވެ. ފަހެ ދަންނާށެވެ! ތިޔަބައިމީހުން ރަމަޟާންމަހުގައި މާތްﷲއަށް ތަޤްވާވެރިވާށެވެ. އެމަހުގައި ކުރާ ހެޔޮކަންތައްތަކުގެ ޘަވާބު އެހެން މަސްމަހުގައި އިތުރުނުކުރައްވާ މިންވަރަށް އިތުރު ކުރައްވައެވެ. ހަމައެފަދައިން ނުބައި ކަންތައްތަކުގެ ޢަޛާބުވެސް އިތުރު ކުރައްވައެވެ.))
މާތްﷲގެ ލޮބުވެތި ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ. ((من صامَ رمضانَ فعرفَ حدودَهُ وتحفَّظَ فيه مما كان ينبغي لهُ أن يتحفَّظَ فيهِ كفَّرَ ما قبلَه[3] –ރޯދައިގެ އިންތައް ދެނެގަނެގެން ރޯދަވެރިޔާ ރައްކައުތެރި ވާންޖެހޭ ކަންތައްތަކަށް ރައްކައުތެރިވެގެން ރަމަޟާންމަހު، ރޯދަ ހިފިމީހާގެ އިސްވެދިޔަހާ ފާފަތައް ފުއްސަވާ ދެއްވާނެއެވެ.))
އެހެންކަމުން ޙަޤީޤީ ރޯދައަކީ ހަމައެކަނި ނުކައި ނުބޮއި ހުރުމެއް ނޫނެވެ. އެއީ މީގެ އިތުރަށް ދުލާއި ބޮލާއި ބަނޑާއި ގުނަވަންތައް ރައްކައުތެރި ކުރުންވެސް އެކަމުގައި ހިމެނޭ ކަމެކެވެ.
ރޯދަވެރިންގެ ތެރޭގައި ހައިހޫނުކަމާއި ކަރުހިއްކުން ފިޔަވައި އެހެން މަންފާއެއް ރޯދައިން ޙާޞިލުނުވާ ކިތައް ރޯދަވެރިން އެބައުޅޭތޯއެވެ؟ އަބޫހުރައިރަތުގެފާނު އަރިހުން ވާރިދުވެފައިވާ މި ޙަދީޘްބަސްފުޅުގެ މުރާދުގައި ބައެއް ދަންނަބޭކަލުން ވިދާޅުވަނީ އެއީ ޙަރާމް އެއްޗެހިން ރޯދަވީއްލާ މީހާއެވެ. އަނެއްބައިދަންނަބޭކަލުން ވިދާޅުވާގޮތުގައި އެއީ ނެތިމޮށުމާއި ޣީބަބުނުން ފަދަ ކަންތައްތަކުން މީސްތަކުންގެ މަސްކައިހަދާ މީހުންނެވެ.
މިހެންވެ، ރޯދަވެރިޔާ ރޯދަ ވީއްލަންޖެހޭނީ ޙަލާލު އެއްޗެހިންނެވެ. ހާރުކާންޖެހޭނީ ޙަލާލު އެއްޗެހިންނެވެ. ރޯދަވީއްލާ ވަގުތު ރޯދަވެރިޔާ ކުރާ ދުޢާ އިޖާބަކުރައްވާނީ އޭރުންނެވެ.
ރޯދަހިފުމުގެ މަޤްޞަދުތަކުގެ ތެރޭގައި ހަވާނަފްސުގެ އެދުންތަކާ ދުރުހެލިވެ ނަފްސު ތަޤްވާވެރިކުރުން ހިމެނެއެވެ. ދުވާލާއި ރޭގަނޑު ކާވަރަށް ރޭގަނޑު ކެއުމުން މި މަޤްޞަދު ޙާޞިލެއް ނުކުރެވޭނެއެވެ. ހަމައެފަދައިން ރޯދަވެރިންގެ އަދަބުތަކުގެ ތެރޭގައި ދުވާލު ނިދިގިނަ ނުކުރުންވެސް ހިމެނެއެވެ. މުޅިދުވާލު ނިދުމުން ރޯދަވެރިޔާއަށް އިޙްސާސް ކުރަންޖެހޭ ހައިހޫނުކަން އިޙްސާސެެއް ނުކުރެވޭނެއެވެ.
ރޯދަމަހަކީ ކުޅިވަރުތަކާއި މަޖާކުރުމުގެ މަހެއްނޫނެވެ. ރޯދަވެރިޔާ ރޯދަވީއްލުމާއެކު މާތްﷲގެ ޙަޟްރަތަށް އޭނާގެ ރޯދަ ޤަބޫލުކޮށްދެއްވާތޯ ދަންނަވަން ޖެހޭނެއެވެ. އޭނާ ހިފިރޯދައަކީ ޤަބޫލުކުރެއްވި އެއްޗެއްކަމެއް، ނުވަތަ ޤަބޫލުނުކުރައްވާ އެއްޗެއް ކަމެއް އެކަކަށްވެސް ނޭގެއެވެ. އެއް ދުވަހަކު ޙަސަނުލްބަޞަރީ ހިންގަވާފައި ވަޑައިގަންނަވަނިކޮށް ހީސަމާސާކުރަން ތިބި ބަޔަކު ފެނިވަޑައިގެންނެވިއެވެ. އެމީހުންނަށް ވިދާޅުވިއެވެ. ރަމަޟާންމަސް ލައްވަވާފައިވަނީ އެކަލާނގެ އަޅުން ހެޔޮކަންތައްތަކުގައި ވާދަކުރުމަށެވެ. އެކަމުގައި އިސްވެދިޔަމީހުން ކާމިޔާބު ހޯދައިފިއެވެ. އެކަމަކު ބައެއް މީހުންވަނީ ފަސްޖެހިފައެވެ. އެމީހުން ވަނީ ނާއުއްމީދުވެފައެވެ. އެހެންކަމުން ހެޔޮޢަމަލުތައް ކުރުމުގައި ވާދަކުރަން ލިބިފައިވާ މަހެއް ބޭކާރަށް މަޖަލުގައި ނަގާލަން ހެޔޮވާނެ ހެއްޔެވެ؟
ރަމަޟާންމަހަކީ ސަމާސާކަޑައިލުމުގެ މަހެވެ. ހެޔޮމަސައްކަތްތަކާއި ޞާލިޙު ޢަމަލުތަކުގެ މަހެވެ. ތަޤްވާވެރިކަމެއް ނެތި ސަމާސާކަޑައިލުމަކީ ފުރާނައެއް ނެތް ހަށިގަނޑެއްފަދަ އެއްޗެކެވެ. މާތްﷲ އަށް ތަޤްވާވެރިވެވިއްޖެނަމަ ޢަޒްމު ވަރުގަދަވެދާނެއެވެ. އޭނާގެ އެތެރެފުށް ރަނގަޅުވެދާނެއެވެ. އޭނާއަށް ހިތްހަމަޖެހުން ލިބިދާނެއެވެ. އޭރުން އޭނާގެ އުޅުމާއި ސުލޫކު ސާފުވެ، އޭނާގެ ޙަޔާތް ތެދުމަގަށް ލެބިދާނެއެވެ.
ތަޤްވާވެރިކަމަކީ އަޚްލާޤާވެސް ގުޅިފައިވާ ކަމެކެވެ. އެހެނީ ތަޤްވާވެރިކަމަކީ، މާތްﷲ ދެކެ ބިރުގަތުން ހިމެނޭސިފައެކެވެ. މާތްﷲ ދެކެ ބިރުގަންނަމީހާ، އެހެން މީހުންނާއެކު މުޢާމަލާތުކުރާނީ ރަނގަޅަށެވެ.
ތަޤްވާވެރިކަމަކީ ޞުލްޙަ މަސަލަސްކަމާވެސް ގުޅިފައިވާ ކަމެކެވެ. ހިތުގެ ޞުލްޙަ މަސަލަސްކަމާއި މުޖްތަމަޢުގެ ޞުލްޙަމަސަލަސްކަމެވެ.
ތަޤްވާވެރިކަމަކީ، މުޖްތަމަޢާއެކު ގުޅުން ބަދަހިކޮށްދޭ ވަސީލަތެކެވެ. އެހެނީ ތަޤްވާވެރިކަމަކީ، މުއުމިނުންގެ ހިތްތައް އެއްގަލަކަށް އަރުވާ އެކުލަވާބަޔަކަށް ހަދާ އެއްޗެކެވެ. ތަޤްވާގެ ސަބަބުން މުޖްތަމަޢުގެ އެންމެން އެކައްޗެއް ކިޔާ އެއްއަމާޒަކަށް ވާޞިލުވުވޭތޯ މަސައްކަތް ކުރާނެއެވެ. މިކަމުގެ ސަބަބުން މުޖްތަމަޢުގައި އެކަކު އަނެކަކަށް އޯގާވެރިވުމާއި އެކަކު އަނެކަކަށް އިސްކަންދިނުމުގެ ރޫޙާއި ޢަދްލު އިންސާފު މުޖްތަމަޢުގައި ފެތުރިގެން ދާނެއެވެ. މިކަންތައްތަކަކީ އެއްބައިވަންތަކަން ޤާއިމުކުރުމަށް ބޭނުންވާ އެންމެ މުހިއްމު ބަހާތަކެވެ. މިއީ ބާއްޖަވެރި މުޖްތަމަޢެއްގެ ފަރުދުންގެ ކިބާގައި ހުންނަންޖެހޭ ސިފަތަކެވެ.
އެއްވެސް ޝައްކެއްނެތްގޮތުގައި ރަމަޟާންމަހުގެ ރޯދައަކީ ޚާއްޞަ މަދްރަސާއެކެވެ. ކޮންމެ އަހަރަކު އިސްލާމްދީން މި ހުޅުވާ މަދްރާސާއަށް ވަދެ ﷲގެ ނަފަޙާތުތަކަށް ހާސާވެ މާތްﷲ އަންގަވާފައިވާގޮތަށް ދުވާލު ރޯދަހިފައި، ރޭގަނޑު ރޭ އަޅުކަންކުރިމީހާ އިމްތިޙާނުގައި ފާސްވެއްޖެއެވެ. މި މަތިވެރި މޫސުން ކާމިޔާބުކޮށްފިއެވެ. މާތްﷲގެ ރުއްސެވުމާއި ފުއްސެވުމަށް ވުރެ މަތިވެރި ކާމިޔާބެއް ވޭތޯއެވެ.
[1] – البقرة: ١٨٣
[2] – الطبراني في المعجم الأوسط ٥/١١٢




advertisment