ރާއްޖޭގައި ކޮވިޑު19 ޖެހޭ މީހުންގެ ޢަދަދުތައް އިންތިހާއަށް މަތިވަމުންދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރައްވަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިއަދު ކުރެއްވި ޓްވީޓެއް ވިދާޅުވީ "ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަދިވެސް އިލްތިމާސްކުރަން" ކަމަށެވެ.
ރާއްޖޭގައި ކޮވިޑުގެ ޢަދަދުތައް އިންތިހާއަށް މަތިވަމުންދިއުމީ ކަންބޮޑުވާކަމެއް.. ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަދިވެސް އިލްތިމާސްކުރަން. ބަލި ކޮންޓްރޯލްކުރުމަށް ފިޔަވަޅުތައް. ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަން.
— Ibrahim Mohamed Solih (@ibusolih) May 3, 2021
އިއްޔެ ވެސް ވަނީ 508 މީހުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއީ ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވުމުގެ ތަފާތު ބޮޑު ރެކޯޑެވެ. މީގެ ކުރިން އެންމެ ގިނައިން ޕޮޒިޓިވް ވެފައިވަނީ 465 މީހުންނެވެ.
އިއްޔެގެ އަދަދުތަކާއެކު، ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިވަނީ 30،745 އަށް އަރައިފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 25،068 އެވެ. މުޅި ރާއްޖޭގައި މިހާރު ތިބި ކޮވިޑް އެކްޓިވް ކޭސްތަކުގެ އަދަދަކީ 5،594 އެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި 172 މީހަކަށް ފަރުވާދެމުން އަންނައިރު 74 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ.



advertisment