Support Us

އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ދިވެހި ތަރުޖަމާ މިއޮތީ

އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ފޮނުވި އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ދިވެހި ތަރުޖަމާ ދިވެހި ނެޝަނަލް އެކްޝަން (ޑީ.އެން.އޭ) އިން ރޭ ވަނީ ނެރެފައެވެ. ރޭ ބޭއްވި ރަސްމީޔާތެއްގައި މި ތަރުޖަމާ ނެރެދެއްވީ އެމްއެންޑީއެފްގެ ކުރީގެ ކާނަލް އަޙްމަދު ފަޔާޒް ޢަލީ ރިޒާ (ޕާޕާ) އާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ޑީ.އެން.އޭ އިން ނެރެފައި ވަނީ ޖުމްލަ 12 މާއްދާ ހިމެނޭ ޑްރާފްޓް އެއްބަސްވުމުގެ ތަރުޖަމާ، 32 ސަފުހާ ފޮތެއްގެ ގޮތުގައި ޗާޕުކޮށްގެންނެވެ. އެ ފޮތުގައި ޑްރާފްޓް އެއްބަސްވުމުގެ އަސްލު ވެސް ވަނީ ހިމަނައިފައެވެ. ޑީ.އެން.އޭ އިން ބުނީ ރަށްރަށަށް ފޮނުވުމަށްޓަކައި 10،000 ފޮތް ވަރަށް އަވަހަށް ނެރޭނެ ކަމަށެވެ.

އެ ފޮތުގެ ތައާރަފެއްގެ ގޮތުގައި އުމަރު ލިއުއްވާފައި ވެއެވެ.

"ދިވެހި ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށް އަންނަ ކޮންމެ ގޮންޖެހުމަކަށް ދުރާލާ ތައްޔާރުވެ، އެ ކަމެއް އައިސް އަރާ ހަމަކުރުމުގެ ކުރިން ފިޔަވަޅު އެޅުމަކީ ދިވެހި ކޮންމެ ޖީލެއްގެ ކޮޑުގައި އެޅިފައިވާ ޒިންމާއެކެވެ. ރާއްޖޭގެ އެކި ޖީލުތަކުން މި ޒިންމާ އަދާކޮށްފައި ވަނީ ވަރަށް ފުރިހަމައަށް ކަމުގައި ދަންނަވަންޖެހެއެވެ. އެކި ޖީލުތަކާ މި ގޮންޖެހުން ބައްދަލުކުރީ އެކި ސިފަސިފައިގައެވެ. ނަމަވެސް ދިވެހިން މި ކަންކަމާ ކުރިމަތިލީ އެ އިރަކަށް ބޭނުންވި ގޮތަކަށެވެ. ދިވެހިންގެ ތެރޭގައި އުބަދުވެސް ޤައުމަށް ޣައްދާރުވި ޚާއިނުން ތިބެއެވެ. އަދި ހަމަ އެފަދައިން އެ ޚާއިނުންގެ ތިލަ ވިސްނުމަށް ރައްދުދީ އެ އެމީހުންގެ ރޭވުންތަކާ ދެކޮޅަށް ތެދުވާނޭ، ދިވެހި ލޭ ހިނގާ ދިވެހިން މި ފަސްގަނޑު އުފައްދައެވެ. އެހެން ކަމުން މި ފަސްގަނޑަކީ ދިރުން ހުރި، ޖޯޝު ހުރި، ވިންދުޖަހާ ފަސްގަނޑެއްކަން އަބަދުމެ ސާބިތު ކޮށްދެއެވެ.

"2010 ވަނަ އަހަރުން ފެށިގެން މި ހިނގާ އަހަރުތަކުގެ ތެރޭގައި އަނެއްކާވެސް މި ވަނީ ރާއްޖޭގެ މިނިވަންކަމަށް ގޮންޖެހުމަކާ ކުރިމަތިވެފައެވެ. މިފަހަރު މި ގޮންޖެހުން މި އަންނަނީ މަލްޓި ޕާޓީ ސިސްޓަމްގެ ތެރެއިން އުފެދިފައިވާ ބައިބައިވުމުގެ ރޫޙާ، ކޮރަޕްޝަންގެ ތެރެއިންނެވެ. މި ދެންނެވި ބައިބައިވުމާ، ކޮރަޕްޝަންގެ ސަވާރީގައި ވަދެގެން އެހެރަ އަންނަނީ ދެވަނަ ދޭއްޗެއް ނޫނެވެ. މި ޤައުމުގެ މައްޗަށް އަތްގަދަ ކުރުމަށް، މި ފަސްގަނޑުގެ މިނިވަންކަން ގެއްލުމަށް މަގުފަހިކޮށްދޭނޭ ބާރު ޤަދަ ބޭރުގެ ލަޝްކަރެކެވެ. އަދި އެ ތިބީ ކަނޑި އާއި ބަޑި ހިފައިގެންނެއް ނޫނެވެ. އެނޫން ހުރިހާ އެއްޗެއް ހިފައިގެންނެވެ. ކަނޑި އާއި ބަޑީގެ ބަދަލުގައި މި ވަގުތަށް ހުރީ ފައިސާ އާއި، އެއްބަސްވުންތަކެކެވެ. ލޯނާއި، ހިލޭ އެހީއެވެ. މިއީ މި ޒަމާނުގެ އުކުޅުތަކެވެ. ނަމަވެސް އާޚިރުގައި ނިމޭނީ ކަމޑި އާއި ބަޑިއަށެވެ. މިކަން ސާބިތުވެގެން މި ދިޔައީ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓް އިންޑިޔާއިން ފޮނުވި ގޮތަށް އޮއްވާ ފެނުމުންނެވެ. 2010 ވަނަ އަހަރު ސޮއިކުރި "ހެލިކޮޕްޓަރު ހަދިޔާ" ކުރުމުގެ އެއްބަސްވުމުގައި ހަތިޔާރުގެ ވާހަކަ ލިޔެލާން ނުކެރުނަސް މިހާރު އެކަން ތިލަކޮށްލާން ކެރޭ ހިސާބަށް އާދެވުނީއެވެ.

"އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ޑްރާފްޓް އިންޑިޔާ ސަރުކާރުން ފޮނުވި ގޮތަށް އަކުރުން އަކުރަށް މި އޮތީ ތަރުޖަމާކޮށްފައެވެ. ހަތިޔާރާއި ސިފައިންނާއެކު ފުރިހަމަ ބާރުގައި ދިގު މުއްދަތަކަށް ރާއްޖޭއަށް ފޭބުމަށް ބޭނުންވާ ކަމާއި، 2010 ވަނަ އަހަރުން ފެށިގެން މަޑުމަޑުން ވަންނަމުން މި އައީ ކޮން ބޭނުމެއްގައި ކީއްކުރަންކަން ވަރަށް ސާފުވާ ހިސާބަށް ތިލަކޮށްލީއެވެ. ބަލި މީހުން އެއްރަށުން އަނެއް ރަށަށް އުފުލައިދޭން، އެންމެ ހެލިކޮޕްޓަރެއް ދިވެހިންނަށް ހަދިޔާ ކުރުމުގެ ނަމުގައި، އެ ހިފައިގެން ރާއްޖެ އައި މީހުން މިއަދު މިވަނީ ރާއްޖޭގެ 4 ސަރަހައްދަކަށް އެމީހުންގެ ސިފައިން ބާލާފައެވެ. މިލިޓްރީ ބޭސްތަކެއްގެ ގޮތުގައި ބޭނުން ކުރެވޭ ހިސާބަށް އާދެވުމުން ބޭނުން ކުރެވޭ ގޮތަށް، އައްޑޫ އާއި އުތުރު ތިލަފަޅުގައި ބޮޑެތި އިމާރާތްތައް ކުރިއަށް ދަނީއެވެ.

"ސިޔާސީ ލީޑަރުން ފައިސާ އިން ކޮންޓްރޯލް ކުރެވޭ ނަމަ އެގްރީމެންޓްތަކަކީ ދެލިގަނޑެކެވެ. އެކަން ސާބިތުވެގެން ދަނީ 2010 ވަނަ އަހަރު އިންޑިޔާ އާއެކު ސޮއިކުރި އެއްބަސްވުމުގައި ހެލިކޮޕްޓަރު ދުއްވުން، ދިވެހިން ތަމްރީން ކޮށްދޭންޖެހޭނެ ކަމަށް އޮވެމެ، އެކަން އިންޑިޔާއިން ކޮށްނުދީ މިއަދާ ހަމައަށް ވެސް އެކަން ދިގުދަންމާ، އިންޑިޔާ ގެ ސިފައިން ފޭބުމަށް ރާއްޖޭގެ ޤާނޫނީ ސަރުކާރަކުން އެންގުމުން އެކަމަށް ބީރު ކަންފަތެއްދީ އެކަން ނުކޮށް ފައިގަދަ ކުރުމެވެ. އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ދިވެހި ތަރުޖަމާ ޑީ.އެން.އޭގެ ފަރާތުން މިގެނެސްދެނީ، ދިވެހި ރާއްޖޭގެ މައްޗަށް ޖަމާވަމުންމިދާ ކަޅު ވިލާގަނޑުގެ ނުރައްކާ ދިވެހިންނަށް ބުނެދީ، ދުރާލާ މި ނުރައްކަލުން ސަލާމަތްވުމުގެ ރޫޙު ދިވެހިންގެ ތެރޭގައި އުފެއްދުމަށެވެ."

 

އުތުރުތިލަފަޅު އެއްބަސްވުމުގެ ޑްރާފްޓްގެ ދިވެހި ތަރުޖަމާ

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް