ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ޙައްޤަށް ޙުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމުގައި އީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ރައީސް ވިދާޅުވީ އެ ޒިންމާ އަދާކުރުމަކީ، މީސްމީހުންނާ ބެހޭ ގޮތުން ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމާއި، ޔޯލަ ވާހަކަ ފެތުރުން ހުއްޓައިލުން ކަމުގައެވެ.
ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ ވަރަށް މަތިވެރި މަޤްޞަދެއްގެ މަތީގައި ބިނާވެފައި އޮންނަ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ކަމެއްގައިވެސް އެންމެ ފުރިހަމަ ތެދު މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމާއެކީ، ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ޤައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމަކީ ނޫސްވެރިންގެ އެންމެ މަތީ ޒިންމާކަމަށް ހެދުން މުހިންމު ކަމަށެވެ. އަދި، އެމަނިކުފާނު ވަނީ ނޫސްވެރިކަމަކީވެސް ޤައުމީ ޚިދުމަތެއް ކަމުގައި ދެކިގެން، ޤައުމު ބިނާކުރުމުގެ ރޫޙުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަޢުލޫމާތު ފެތުރުމުގައި ގައިމުކޮށް ނޭނގޭ ވާހަކަތަކަށް ބަރޯސާނުވެ، ތަޙުލީލީ ނޫސްވެރިކަމުގެ ޒަރީޢާއިން، ކޮންމެ ކަމެއްގެވެސް ޙަޤީޤަތާ ހަމައަށް ފީނައި، ކަން އޮތް ގޮތް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި މިހާރަށް ވުރެވެސް ބޮޑަށް ޒިންމާދާރު ވުމަށް ހުރިހާ ދިވެހި ނޫސްވެރިންނަށް، އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ދިވެހި ނޫސްވެރިކަމަށް މިނިވަން މާޙައުލެއް ފަހިކޮށްދިނުމުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރު ވަނަ ބާރުކަން، މިދިޔަ ތިން އަހަރުގެ ތެރޭގައި ވަރަށް ރަނގަޅަށް ސާބިތުވެއްޖެއެވެ. ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ޚަބަރުތަކާއި ރިޕޯޓްތަކުގެ ޒަރީޢާއިން، ޢާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިޞްލާހްކުރުގެ ފުރުޞަތު ތަނަވަސްވެގެން ދިޔަކަމަށް ވެސް ވިދާޅުވިއެވެ. އަދި، މިކަމަކީ ދައުލަތުގެ މުވައްޒަފުން އަމިއްލައަށް ޒިންމާދާރުވުމަށް ލިބުނު ވަރަށް ބޮޑު ބާރަކަށްވި ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާކުރަމުން އެދަނީ، ދިވެހި ރައްޔިތުންނާއި ދިވެހި ނޫސްވެރިން، މީގެ އަހަރުތަކެއް ކުރިން ޚިޔާލު ވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ޖާގަދިނުމަށް ކުރެވުނު މަސައްކަތްތަކަށް ފަހު، ފާއިތުވެގެން މިދާ ތިން އަހަރުގެ ތެރޭގައި، ބައިނަލްއަޤްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ ބޮޑު ކުރިއެރުމެއް ހޯދައިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި، މިހާރު ރާއްޖެ އޮތީ 72 ވަނައަށް ކުރިއަށް ޖެހިފައި ކަމަށާއި 2018 ވަނަ އަހަރު މި ސަރުކާރުން ވެރިކަމާ ޙަވާލުވިއިރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ އޮތީ 120 ވަނައިގައި ކަމުގައި ރައީސް ވިދާޅުވިއެވެ.



advertisment
One Response
ސޯލިހޫ!! އެނގިއްޖެ ދޯ ޢަބުރުގެ ގާނޫނަކީ މުހިންމު އެއްޗެއްކަން!! ތައްލީމީ ވަރަށް ގާބިލް އަދި ދުރުވިސްނޭ މީހެކޭ އޭރު ވެރިކަމުގައި ހުރީ!! ކަމަކުން ދިމާވެދާނެ ކަންތައް ވަރަށް ރަގަޅަށް ދަންނަ މީހެކޭ އެއީ. ސޯލިހަށް ކަމެއް ފަހުމް ވާއިރު އޮންނަނީ ވާއެއްޗެއްވެ ނިމިފައި ސްލޯލިހޫ!!!!